އުތުރު ކޮރެއާ އާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ މަގްސަދު ހާސިލެއްނުވޭ: އދ. ގެ ރިޕޯޓް

އުތުރުކޮރެއާގެ ޒައީމް ކިމްޖޮންގް އުން

އދ. މަޖިލިސް (އޮގަސްޓް 09): އުތުރު ކޮރެޔާއިން ނިޔުކްލިޔާ ހަތިޔާރާއި ބަލިސްޓިކް މިސައިލް އުފެއްދުން ހުއްޓުވަން މަޖްބޫރުކުރުވުމަށް އދ. ން އެގައުމާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުން އެމަގްސަދު ހާސިލް ވަމުން ނުދާކަން އދ. ން ހަމަކޮށްފިއެވެ.

އުތުރުކޮރެއާ ބެހޭގޮތުން އދ. ން އެކުލަވާލި ސިއްރު ރިޕޯޓަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އުތުރު ކޮރެޔާއަށް އިގްތިސާދީ ދަތިތައް ކުރިމަތިވެ އިގްތިސާދު ހީނަރުވެ އާންމުންނަށް ވަރަށް ބޮޑަށް ދަތިވެފައިވީ ނަމަވެސް އެގައުމުގެ ނިއުކްލިޔާ ޕްރޮގްރާމާއި ބަލިސްޓިކް މިސައިލް ޕްރޮގްރާމް އެއްވެސް މަޑުޖެހުމެއްނެތި ވަނީ ކުރިޔަށް ގޮސްފައެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އިގްތިސާދަށް އައި ހީނަރުކަމާއެކު އެގައުމުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ކުރިޔަށްވުރެވެސް ބޮޑަށް ދަށްވެ އާންމުންނަށް ކިތަންމެ ދަތިވެފައިވީނަމަވެސް ނިއުކްލިޔާ ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށާއި މިސައިލް އުފެއްދުމަށް ބޭނުންވާ ސާމާނައި ޓެކްނޮލޮޖީ ހޯދުމަށް އެގައުމުން ކުރާ މަސައްކަތްތަކަށް ކުޑަވެސް މަޑުޖެހުމެއް އައިސްފައި ނުވާކަމަށް އެރިޕޯޓް ބުނެއެވެ. އަދި އުތުރު ކޮރެއާގެ ސަރުކާރުން މިސައިލް އުފެއްދުމަށާއި ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް އިސްކަންދީ އެކަމަށް ބޭނުންވާ ސާމާނައި ޓެކްނޮލޮޖީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަންވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

އުތުރު ކޮރެޔާގެ ނިޔުކްލިޔާ ޕްރޮގްރާމާއި ބަލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓުވުމުގެ މަގްސަދުގައި އދ. ން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވަނީ 2006 ވަނަ އަހަރުން ފެށިގެންނެވެ. އެއަށްފަހު އެކި ފަހަރުމަތިން އދ. ން އެފިޔަވަޅުތައް ވަރުގަދަކޮށްފައިވެއެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ތެލާއި ބޯޓުދެލި ފަދަ ހަކަތައިގެ ބާވަތްތައްވެސް އުތުރުކޮރެއާއަށް ވިއްކުމާއި ފޯރުކޮށްދިނުން މަނާކުރުން ހިމެނެއެވެ. ނަމަވެސް އދ. ގެ ޚާއްސަ ހުއްދައެއްގެ ދަށުން ހަކަތައިގެ ބާވަތްތަކާއި މަނާކޮށްފައިވާ އެނޫންވެސް ތަކެތި އެތެރެކުރުމުގެ ފުރުސަތުވެސް އޮވެއެވެ.

އދ. ން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ކުރިންވެސް އުތުރުކޮރެއާ އަކީ ބައިނަލްއަގްވާމީ ގޮތުން އެކަހެރި ގައުމެކެވެ. އިގްތިސާދު ބަލިކަށި އަދި އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުދަށް ގައުމެކެވެ. ހުރިހާކަމެއްގައިވެސް އަމިއްލަ ނަފްސަށް ބަރޯސާ ވުމުގެ ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ. އދ. ގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އެގައުމުގެ އިގްތިސާދީ ހާލަތު އިތުރަށް ގޯސްވެގެންދިޔަކަން އދ. ގެ ރިޕޯޓްގައި ހާމަކޮށްފައިވެއެވެ.

އދ. ގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރުތަކާބެހޭގޮތުން އުތުރުކޮރެއާ ސަރުކާރުން މާގިނަ ވާހަކަތަކެއް ނުދައްކައެވެ. ނަމަވެސް މިދިޔަ ޖޫން މަހު އުތުރު ކޮރެޔާގެ ޒައީމު ކިމް ޖޮންގް އުން ވަނީ އެ ގައުމަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އުފެއްދުމުގައި މިފަހަކަށް އައިސް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާކަން ހާމަކުރައްވާފައެވެ.

އދ. ން އުތުރުކޮރެއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މަގްސަދު ހާސިލު ނުވިނަމަވެސް އެފިޔަވަޅުތަކަށް ލުއިދިނުމާބެހޭ ވާހަކައެއް މިރިޕޯޓްގައި ހިމެނިފައެއް ނުވެއެވެ.

comment ކޮމެންޓް