އައްޑޫ ސިޓީގެ ގިނަ ކަންތައްތަކެއް ހައްލުކުރަން ސަމާލުކަން ދޭނަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އައްޑޫ ސިޓީ އަކީ އާބާދީ ބޮޑު ސަރަހައްދަކަށްވުމާއެކު ސަރުކާރުން އެ ސިޓީއަށް ހާއްސަ ސަމާލުކަމެއް ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިއްޔެ އައްޑޫ ސިޓީ ކައުންސިލާއެކު ވާޗުއަލްކޮށް ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެ ސިޓީއަށް ހާއްސަ ސަމާލުކަމެއް ދެއްވާނެކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށްގެންދެވޭނެ އިންތިޒާމުތައް ފަހިކޮށްދެއްވާނެކަމަށެވެ.

އެގޮތުން މަގުހެދުމާއި ނަރުދަމާ އަދި ވިޔަފާރި ބަނދަރާއި ސިއްހީ ދާއިރާއަށް ހައްލު ހޯދުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ބޯހިޔާވަހިކަމާއި ތައުލީމުގެ އިތުރުން އެހެނިހެން އިގްތިސާދީ އަދި އިޖްތިމާއީ ކަންކަމުގެ ހާލަތު ރަނގަޅުކުރަން ކުރެވެން ހުރި ކަންކަން ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހާއްސަކޮށް ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލުގެ ޒިންމާތައް ކުރިޔަށްގެންދިޔުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރުގެ އިދާރާތަކުން ލިބޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ އައްޑޫ ސިޓީގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުއްވާފައެވެ. އަދި ސިޓީ ކައުންސިލުގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ކައުންސިލުގެ މެންބަރުންނާއި މަޝްވަރާކުރައްވާފައެވެ.

އަދި އެމަނިކުފާނު ވަނީ ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ އެންމެފަހުގެ ތަފްސީލުތައް ހިއްސާކުރައްވާ އެކަންކަމުގައި ކައުންސިލުގެ ހިޔާލާއި މަޝްވަރާވެސް ހޯއްދަވާފައެވެ.

comment ކޮމެންޓް