ހިޖުރީ އާ އަހަރާއެކު ރައްޔިތުން އެއްބައިވަންތަކަންމަތީ ދެމިތިބުމަށް ސިޔާމް އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ހިޖުރީ އާ އަހަރަކާ ކުރިމަތި ލާއިރު ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން ދެމެހެއްޓުމަށް ރައްޔިތުންގެ މަޖލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލާޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު އެދިވަޑައިގެންފިއެވެ.

ހިޖުރީ އާ އަހަރާ ގުޅިގެން ސިޔާމް ނެރުއްވި ހިތާބުގައި ވިދާޅުވީ މި އަހަރުވެސް ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަށް އޭނާ އެދިވަޑައިގަންނަވާކަމަށެވެ. އަދި ކޮވިޑް-19 ގެ ހާލަތުން އަރައިގަނެވޭނީވެސް ރައްޔިތުންގެ އެއްބާރުލުން ލިބިގެންކަމަށް ސިޔާމް ވިދާޅުވިއެވެ.

"ހުރިހާ ދިވެހި ރައްޔިތުންވެސް އެއްބާރުލުން ދެއްވައި އަވަސް މުސްތަގުބަލެއްގައި އާންމު ހާލަތަަށް ރުޖޫއަވުން އެދި ﷲގެ ހަޟްރަތުގައި ގިނަ ގިނައިން ދުއާ ދެންނެވުމަށްވެސް އަޅުގަނޑު އިލްތިމާސްކުރަން،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ހިޖުރީ އާ އަހަރާއެކު ރަސޫލާގެ ހިޖުރައިގެ ހަނދާން އާކުރުމަކީ މިއަދު ހުރިހާ ރައްޔިތުންވެސް ކުރަންޖެހޭ ކަމެއްކަމަށެވެ.

އަދި ރަސޫލާގެ ހިޖުރައިން އިސްލާމީ އުންމަތުގެ މެދުގައި އޮންނަންވީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން ހާމަވެގެން ދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސިޔާމް ވަނީ މި ފެށުނު ހިޖުރީ އާ އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ އެމްޑީއޭގެ އެންމެހާ މެމްބަރުންނަށާއި، އެންމެހާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

comment ކޮމެންޓް