އިންޓެލިޖެންސް އޮޑިޓް ރިޕޯޓު މި ހަފްތާގައި ރައީސް ސޯލިހަށް ހުށަހަޅާނެ: މަބްރޫކް

ރައީސް ސޯލިހު ހޯމް މިނިސްޓަރާއި ފުލުހުންގެ އިސްވެރިންނާއެކު --- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާއާ ގުޅިގެން ތައްޔާރުކުރަމުން އަންނަ ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސް އޮޑިޓް ރިޕޯޓު މި ހަފްތާގައި ރައީސް އިބްރާހިމް ސޯލިހަށް ހުށަހަޅާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު "ސަން"އަށް ވިދާޅުވީ އެކަމާ ގުޅޭ ތަފްސީލީ މައުލޫމާތު ފަހުން ހަމާކުރައްވާނެ ކަމަށެވެ.

މި ރިޕޯޓަކީ މެއި ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާދިނުމުގެ ކުރިން އެކަން ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސަށް އެނގިފައިނުވާތީ، އިންޓެލިޖެންސްގެ ހާލަތު މިހާރު އޮތް ގޮތް ދެނެގަތުމަށްޓަކައި ރައީސް ސޯލިހުގެ އެންގެވުމަށް އެކުލަވާލާ ރިޕޯޓެކެވެ.

މިފަދަ ހަމަލާއެއް ތަކުރާރު ވިޔަނުދިނުމަށްޓަކައި ރާއްޖޭގެ އިންޓެލިޖެންސް ވަރުގަދަ ކުރުމަށް ކުރަންވީ ކޮންކަންތައްތަކެއްކަން އެ ރިޕޯޓުން އެނގޭނެއެވެ.

ސަލާމަތީ ހިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއިން އެކުލަވާލާފައިވާ އިންކުއަރީ ރިޕޯޓާ ބެހޭ ގޮތުން މަބްރޫކު ވިދާޅުވީ ކަމާބެހޭ އިދާރާތަކުން ގެންދަނީ އެ ރިޕޯޓުގައިވާ ކަންތައްތައް ތަންފީޒު ކުރަމުން ކަމަށެވެ.

ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ ސަރުކާރުން އިންކުއަރީ ރިޕޯޓަށް އަމަލު ނުކުރާކަމަށް ތުހުމަތު ކޮށްފައެވެ.

ނަމަވެސް އެތުހުމަތުތައް ދޮގުކުރައްވައި މަބްރޫކް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް