ލުކާކޫ ޗެލްސީއަށް ބަދަލުވަނީ

އިންޓައަށް ގޯލެއް ޖެހުމަށްފަހު ލުކާކު އުފާ ފާޅު ކުރަނީ--- ފޮޓޯ:ސްކައި ސްޕޯޓްސް

ނުވަދިހަ ހަތް މިލިއަން ޕައުންޑުގެ އަގަކަށް ރޮމެއޫ ލުކާކޫ ވިއްކާލަން އިންޓަ މިލާއިން އެއްބަސްވެއްޖެއެވެ.

މީގެ ކުރިން ޗެލްސީއިން ދެފަހަރެއްގެ މަތިން ހުށަހެޅި އަގަށްވެސް އިންޓައިން ވަނީ ދެކޮޅު ހަދާފައެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަގެ ކަންކަން ކުރިއަށް ދާއިރު ލުކާކޫ ވަނީ ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއި ކުރުމަށް ނިންމާފައެވެ.

ޗެލްސީ ދޫކޮށް 2014 ވަނަ އަހަރު އެވަޓަންއަށް ބަދަލުވި ލުކާކޫ ވަނީ ޗެލްސީއަށް 15 މެޗު ކުޅެދީފައެވެ.

ޔޫރަޕުގެ އެންމެ ވަރުގަދަ ފޯވާޑުންގެ ލިސްޓުގެ ކުރީގައި އުޅޭ ލުކާކޫ ވަނީ ފާއިތުވެފދިޔަ ސީޒަނުގައި އިންޓައަށް 24 ގޯލު ޖަހާފައެވެ.

އެވަޓަންގައި ހޭދަކުރި ހަތަރު އަހަރު އޭނާ ވަނީ އެކްލަބަށް 166 މެޗު ކުޅެ 87 ގޯލު ޖަހާދީފައެވެ. އޭގެ ފަހުން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމަށްފަހު އޭނާ ވަނީ 96 މެޗުން 42 ގޯލު ޖާހާފައެވެ.

މާލީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ އިންޓައަށް ވަނީ އެކްލަބުގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން މަޖުބޫރުވެފައެވެ.

މިއާއެކު އެކްލަބުގެ މޮޅެތި ކުޅުންތެރިން ހޯދުމަށް ގިނަ ޓީމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޗެލްސީއިން ރަސްމީކޮށް ލުކާކޫ ސޮއިކުރިކަން އިއުލާން ކުރުމާއެކު އެކްލަބުގެ ރެކޯޑް ޓްރާންސްފާއަކަށް އޭނާ ވެގެންދާނެއެވެ.

މިހާރު ޗެލްސީގެ ރެކޯޑް ޓްރާންސްފާއަކީ ޖަރުމަން މިޑްފިލްޑަރު ކައި ހަވާޓްޒްއެވެ. ޗެލްސީއިން 2020 ވަނަ އަހަރު ހަވާޓްޒް ސޮއި ކުރީ ހަތްދިހަ ހަ މިލިއަން ޕައުންޑަށެވެ.

comment ކޮމެންޓް