ލީގުގެ ފުރަތަމަ މެޗުން ޕީއެސްޖީއަށް މޮޅެއް

ޕީއެސްޖީގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ-- ފޮޓޯ/ޕީއެސްޖީ

ފްރެންޗެ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޕީއެސްޖީއިން މޮޅުވެއްޖެއެވެ.

ލީގުގެ ފުރަތަމަ މެޗުގައި ރޭ ޓްރޯޔެސް އާއި ދެކޮޅަށް ކުޅުނު މެޗު ޕީއެސްޖީއިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1ގެ ނަތީޖާއަކުންނެވެ.

ޓްރޯޔެސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މެޗުގައި ޕީއެސްޖީއަށް މާރަނގަޅު ކުޅުމެއް ދެއްކިފައެއްނުވެއެވެ.

މެޗުގެ ފުރަތަމަ ގޯލު ޖަހައި ކުރި ހޯދިީވެސް ޓްރޯޔެސްއިންނެވެ. ނުވަ ވަނަ މިނިޓުގައި މިލަނޑު އެޓީމަށް ޖަހައިދިނީ ޑިފެންޑަރު އުލިދޫ އެލް ހައްޖާމްއެވެ.

ޓްރޯޔެސްއިން ލީޑު ނެގިތާ ދިހަ މިނިޓު ފަހުން ޕީއެސްޖީއިން ގޯލެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްލިއެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އަޝްރަފް ހަކީމީއެވެ.

ނަތީޖާ އެއްވަރުކުރިތާ ދެ މިނިޓު ފަހުން ފޯވާޑް މައުރޯ އިކާޑީ ވަނީ ޕީއެސްޖީއަށް މެޗުގެ ލީޑު ނަގައިދީފައެވެ. ކީލިއަން އެމްބާޕޭ ހުސްކޮށް ދިން ބޯޅަ އަކުން އިކާޑީ ވަނީ ފަސޭހަކާމާއެކު ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާފައެވެ.

ޓްރާންސްފާގައި ޕީއެސްޖީއިން އަލަށް ގެނައި ކުޅުންތެރިންގެ ތެރެއިން ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ އާއި ޑިފެންޑަރު ސަޖިއޯ ރާމޯސް ރޭގެ މެޗުގައި ނުކުޅެއެވެ.

comment ކޮމެންޓް