އެމްއެންޔޫއިން ޑޮކްޓަރުކަން ކިޔަވާ ފުރަތަމަ ބެޗުގެ ސާޖަރީ މޮޑިއުލް ފަށައިފި

އެމްއެންޔޫއިން ޑޮކްޓަރުކަން ކިޔަވާ ފުރަތަމަ ބެޗުގެ ސާޖަރީ މޮޑިއުލް މިއަދު އައިޖީއެމްއެޗުގައި ވަނީ ފަށާފަ --- ފޮޓޯ:

ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި އެންމެ ފުރަތަމަ ޑޮކްޓަރުކަން ކިޔަވަން ފެށި ދަރިވަރުންގެ ސާޖަރީ މޮޑިއުލް މިއަދު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު)ގައި ފަށައިފިއެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައިވާ ގޮތުން މިއަދު ފަށާ ސާޖަރީ މޮޑިއުލްގައި ބައިވެރިވާނީ 22 ކުދިންނެވެ. އަދި 12 ހަފްތާއަށް ދެމިގެންދާ އެ މޮޑިއުލްގައި މާއްދާ އުނގަންނައިދިނުމުގެ އިތުރުން، ސާޖިކަލް ޑިޕާޓްމެންޓުގެ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ދަރިވަރުންނަށް ދޭނެއެވެ.

އެގޮތުން ސާޖަރީގެ ފިލާވަޅުތަކާއި ތަފާތު އޮޕަރޭޝަންތަކާއި ޕްރޮސީޖަރުތައް ކުރިއަށް ގެންދާނެ ގޮތާއި އެކި ހާލަތްތަކުގައި އަމަލު ކުރާނެ ގޮތްތައް ދަރިވަރުންނަށް ދަސްކޮށްދެއްވާނީ އައިޖީއެމްއެޗްގެ ޑިޕާޓްމެންޓު އޮފް ސާޖަރީގެ ކޮންސަލްޓެންޓުން ކަމަށް ހޮސްޕިޓަލުގެ ބަޔާނުގައިވެއެވެ.

އެމްއެންޔޫއިން މެލޭޝިއާގެ ގައުމީ ޔުނިވާސިޓީ ކަމަށްވާ ކެބެންސާންއާ ގުޅިގެން ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވައި ދޭން ފެށީ 2018އިގައެވެ.

comment ކޮމެންޓް