ދިވެހި ލީގުގެ މެޗުތައް މާފުށީގައި ކުޅުމަށް މަޝްވަރާ ކޮށްފި

ސަރުކާރުން މާފުށީގައި ގާއިމު ކުރި ފީފާ ސްޓޭންޑާޑުގެ ޓާފް ދަނޑު --- ފޮޓޯ//ޔޫތް މިނިސްޓްރީ

ސަރުކާރުގެ އަމާޒެއް ކަމުގައިވާ ރަށްރަށުގައި ބޮޑު ފުޓުބޯޅަ ދަނޑުތަކެއް އެޅުމުގެ ވައުދުގެ ތެރެއިން ކ. މާފުށީގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމައި، އެ ދަނޑުގައި ދިވެހި ޕްރިމިއާ ލީގުގެ ބައެއް މެޗުތައް ކުޅުމަށް މަޝްވަރާކުރަން ފަށައިފިއެވެ.

އެކަން އިއުލާން ކުރެއްވުމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅަ ދަނޑުތައް ތަރައްގީ ކުރުމަށްކުރާ މަސައްކަތް ތަކުގެތެރެއިން ކ. މާފުށި ދަނޑުގެ މަސައްކަތް ވަނީ ނިންމާލެވިފައިވާ ކަމަށެވެ.

"މިދަނޑުގައި ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ކުޅުމަށް އެފްއޭއެމް ރައީސް ބައްސާމް އަދީލް ޖަލީލްއާ އެކު ވަނީ މަޝްވަރާ ކުރެވިފަ." މަހްލޫފްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް މިފަހުން ވިދާޅުވީ އައު ފޯމެޓާއިއެކު ދިވެހި ޕްރިމިއާ ލީގުގައި 12 ޓީމު ފެނިގެންދާނެ ކަމަށާއި، ލީގު ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލަށް ކަމަށެވެ.

އަދި ލީގު ފެށިގެން ދެ ތިން އަހަރު ފަހުން އަތޮޅު ތެރޭގައި ވަރަށް ގިނަ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ފެނިގެންދިޔުން އެކަށީގެންވާ ކަމަށެވެ. އަދި ސަރުކާރުން މިހާރު ގާއިމު ކުރާ ދަނޑުތަކަކީ ދިވެހި ލީގު ކުރިއަށް އޮތްތާ ކުޅޭނެ ދަނޑުތައް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފުޓްބޯޅަ ދަނޑުތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އަދި މިހާތަނަށް ސަރުކާރުން ވަނީ ތ. ވިލުފުށި ޓާފް ދަނޑާއި، ރ. އަލިފުށި ޓާފް ދަނޑާއި، ފ. ނިލަންދޫ ޓާފް ދަނޑާއި ނ. ކެނދިކުޅުދޫ ޓާފް ދަނޑުގެ އިތުރުން އެ އަތޮޅު ހޮޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.

ސަރުކާރުން ގިނަ މަޝްރޫއުތަކެއް ހިންގާއިރު ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމުން ދަނީ ރާއްޖޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކުރުމަށް މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް