ސީޑް ބައި ބީސީސީ: ޒަމާނީ ތަފާތު ކޮންސެޕްޓެއް!

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ތައާރަފްކުރި "ސީޑް" ---- ފޮޓޯ/ ބީސީސީ

"މަސައްކަތް ކުރަން ފަސޭހަ ހިތްގައިމު މާހައުލެއް، ތަފާތު ކޮންސެޕްޓެއް"، މިއީ ސީޑް ބައި ބީސީސީގެ މާހައުލުގެ ތެރެއަށް ވަންނަ ކޮންމެ މީހަކަށް ވެސް އެންމެ ފުރަތަމަ ކުރެވޭނެ އިހުސާސްތަކެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ތައާރަފްކުރި މި އާ ކޮންސެޕްޓްއަކީ މަސައްކަތްކުރަން އިންނަ މީހާއަށް އެންމެ ފުރިހަމަ މިނިވަންކަމާއި އެމީހާގެ ހުނަރުވެރިކަން އެންމެ ފުރިހަމައަށް ބޭނުންކުރަން ފަސޭހަކޮށްދޭނެ ގޮތަކަށް ފަރުމާކޮށްފައިވާ ތަނެކެވެ.

އެތަނަށް ވަދެލުމުން ސިފަވެގެން ދަނީ ރާއްޖޭގެ އާންމު އޮފީސް މާހައުލެއް ނޫނެވެ. އެހެން ނަމަވެސް ބޭރުގެ ގޫގުލް ކަހަލަ މަޝްހޫރު ބޮޑު ކުންފުންޏެއްގައި ގެންގުޅޭ ކޮންސެޕްޓް ޑިޒައިން އޮފީހެކެވެ. މިއީ ބީސީސީއިން ސީޑް ތައާރަފުކުރަން އުޅުނުއިރު ވެސް އެންމެ ބޮޑަށް "އިންސްޕަޔާ" ވި އެއް ކަންކަމަށް ޕްރޮޖެކްޓް ޑިރެކްޓަރު ސާމިހު އާދަމް "ސަން" އަށް ކިޔައިދިނެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ތައާރަފްކުރި "ސީޑް"ގެ މީޓިން ރޫމެއް ---- ފޮޓޯ/ ބީސީސީ

ރީތި ޑިޒައިންތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "ވޯކްސްޓޭޝަން" ތަކެކެވެ. ފަސޭހަ ގޮނޑިތަކާއި، ލައުންޖް ތަކެވެ. ރާއްޖޭގައި އަލަށް ފަށައިގަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދުވަހުން ދުވަހުން އިތުރުވަމުންދާއިރު އެކަށީގެންވާ މަސައްކަތުގެ މާހައުލެއް މި މަސައްކަތްކުރުމަށް ހޯދުމަކީ މިއަދު ވަރަށް ދަތިކަމެކެވެ.

"ސީޑް އަސްލު އުފެއްދީ އެކަމަށް ހައްލެއް ގެނައުމަށް. އެއްކަލަ މަސައްކަތްކުރަން ދަތިވެގެން ނުވަތަ ޖާގަ ނުލިބިގެން އުޅޭ މީހާއަށް ވެސް ހަމަ މިތަނަށް އައިސް ބޭނުންތަނެއްގައި މަސައްކަތްކޮށްލެވޭނެ، އެންމެ ފުރިހަމައަށް ފަސޭހަކަމާއެކު،" ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފަށައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ތައާރަފްކުރި "ސީޑް" އަކީ އެކަހަލަ މައްސަލަތަކަށް ހައްލެތް ގެނެސްދޭން ރާއްޖެއަށް ތައާރަފްކުރި އާ ކޮންސެޕްޓްއެއްކަމަށް ސާމިހު ކިޔައިދިނެވެ.

"މިތަނުގައި މަސައްކަތްކުރުމުން ލިބިގެންދާނެ އެތައް ފައިދާއެއް ހުންނާނެ. ހަމަ ގައިމުވެސް ކެފޭއެއްގެ ތެރޭގައި ނުވަތަ ގޭގައި އޮފީހެއް ނެތް ފަރާތެއްނަމަ އެތައް ޑިސްޓްރެކްޝަންއަކާއެކު މަސައްކަތްކުރުމުގެ ބަދަލުގައި ހިތްފަސޭހަ އޮފީސް މާހައުލެއްގައި ހިމޭންކަމާއެކު މަސައްކަތް ކޮށްލުން މާ ރަނގަޅުވާނެ،" ސާމިހު ވިދާޅުވިއެވެ.

ސީޑްއަކީ ރާއްޖޭގައި ކޯވޯކިން ސްޕޭސްގެ ކޮންސެޕްޓަށް މަސައްކަތުގެ މާހައުލެއް އާންމުންނާ ހަމައަަށް ގެނެސްދިން އެންމެ ފުރަތަމަ މަޝްރޫއުއެވެ. އޭގެ މާނައަކީ އެތަނުގައި އެއް ފަހަރާ އެތައް ދާއިރާއެއްގެ އެތައް ބާވަތެއްގެ މަސައްކަތްކުރާ އެތައް ބަޔަކަށް މަސައްކަތްކުރެވޭނެ ގޮތަށް ފަރުމާ ކުރެވިފައިވާކަމެވެ.

އެންމެ ފާހަގަކޮށްލެވޭ ކަމަކީ، މި ޑިޒައިންއަކީ ރާއްޖޭގެ އިންޓީރިއާ ޑިޒައިނަރެއް އެކަމުގެ ފަހަތުގައި ހުރެގެން ތައާރަފްކުރި ޑިޒައިންއެއްކަމެވެ. ސީޑްގެ މާހައުލު ފުރިހަމަކުރުމުގެ ފަހަތުގައި ހުރީ ރާއްޖޭގެ އިންޓީރިއާ ޑިޒައިނަރު މާޔާ ނާސިރުއެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ތައާރަފްކުރި "ސީޑް"ގެ ވޯކްސްޓޭޝަނެއް---- ފޮޓޯ/ ބީސީސީ

ސީޑްގެ މި މާހައުލުގެ ތެރެއިން މަސައްކަތްކުރުމަށް ތަފާތު އެކި ފެސިލިޓީތައް ވަނީ ތައާރަފްކޮށްފައެވެ. މިއިން ކޮންމެ ފެސިލިޓީއަކީ ވެސް މަސައްކަތްކުރުމުގެ ތަޖުރިބާ އެންމެ ފުރިހަމައަށް ގެނެސްދިނުމުގެ ބޭނުމުގައި ތައްޔާރުކުރެވިފައިވާ ފެސިލިޓީތަކެކެވެ.

ކޮންމެ ފެސިލިޓީއެއްގައި ވެސް އެންމެ ރަނގަޅު އަދި ތަފާތު ޑިޒައިންގެ މޭޒާއި ގޮނޑި ހުންނައިރު، އެތަން އެންމެ ރަނގަޅަށް ތަޖުރިބާކޮށްލެވޭނީ އެތަނަށް ގޮސް މަސައްކަތްކުރަން ފެށުމުންކަމަށް ސާމިހު ކިިޔައިދިނެވެ.

ސީޑްގެ ފެސިލިޓީތަކަށް ބަލާލާއިރު މީޓީން ރޫމް ނުަވަތަ ކޮންފަރެންސް ރޫމްތަކާއި، އެކަނި މަސައްކަތްކުރަން ބޭނުންވާ މީހުންނަށް ހާއްސަ ޑެސްކުތަކާއި އަދި އެހެން މީހުންނާއެކު މަސައްކަތްކުރަން ބޭނުންވާ މީހުންނަށް ހާއްސަ ޑެސްކުތައް ވެސް ސީޑްގައި އެބަ ހުއްޓެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ތައާރަފްކުރި "ސީޑް"ގެ އަގުތައް ---- ފޮޓޯ/ ބީސީސީ

ހަމައެއާއެކު މަސައްކަތްކުރުމަށް ބޭނުންވާ އިންޓަނެޓު ޕެކޭޖުތަކެއް ވެސް ދޫކުރެއެވެ. މީގެ އިތުރުން ޓީ ރޫމްގެ ހިދުމަތްތައް ވެސް ޕެކޭޖުތަކެއްގެ ދަށުން ލިބިގެންދާނެއެވެ. އަދި ވެންޑިންގް މެޝިންތަކެއް ވެސް ހުރެއެވެ. ސީޑް ބެހިގެން ވަނީ ޖުމްލަ ދެ ފަންގިފިލާއަކަށެވެ.

"މިހާރު ވެސް ކޮންމެވެސް ވަރެއްގެ ތަރުހީބެއް ލިބެމުން މިދަނީ، އަދި ހުޅުވިތާ ނުވާނެ މާ ދުވަހެއް އަސްލު. ދެން ބަންދު ދުވަސްކޮޅަކާ ދިމާކޮށް ހުޅުވުނީ އެހެންވީމަ އަދި އެހާ ގިނަ މީހުންނަކަށް ވެސް ނޭނގެ. އެކަމަކު އެގޮތަށް އެނގެން ފެށީމަ، އެކްސްޕެކްޓް ކުރަން ރަނގަޅު ތަރުހީބެއް،" ސާމިހު ކިޔައިދނެވެ.

ހެޔޮ އަގުތަކަކާއެކު ތާއަރަފްކުރެވުނު މި ވޯކިން ސްޕޭސްތަކާއެކު ރާއްޖޭގައި މަސައްކަތްކުރުމުގެ ވައްޓަފާޅިއަށް ތަފާތު ބަދަލުތަކެއް ގެނުވާނެއެވެ. އަދި އެތަނުން ތަފާތު އެކި ވިސްނުންތަކާއި، ވިޔަފާރިތަކުގެ ކުރިތައް ވެސް ފަޅައިގެން ދާނެއެވެ.

މި ވޯކިން ސްޕޭސްތަކަކީ ޔަގީނުން ވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއް ފަށަން ބޭނުންވެ އެކަމުގައި މަސައްކަތުގެ މާހައުލެއް ބޭނުންވާ ފަރާތްތަކަށް ލިބޭނެ ބައިވެރިޔާއެވެ. ހެޔޮ އަގުތަކާއެކު އެތައް ހިދުމަތެއް މި މާހައުލުން ލިބިގެންދާނެއެވެ. އެހެންކަމުން މި ވޯކިން ސްޕޭސްތަކުގެ އަޖުމަ ބަލައިލުމަކީ ހަމަ ކޮންމެހެން ވެސް ކޮށްލުން ރަނގަޅުކަމެކެވެ.

comment ކޮމެންޓް