އިންޑިއާއިން އުޅެނީ ކަޝްމީރުގެ އާބާދީ އެކުލެވިފައިވާ ގޮތަށް ބަދަލު ގެންނަން: ޕާކިސްތާނުގެ ބޮޑުވަޒީރު

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން --

އިންޑިއާއިން މަސައްކަތް ކުރަނީ ކަޝްމީރުގެ ޑިމޮގްރަފީ ނުވަތަ އާބާދީ އެކުލެވިފައިވާ ގޮތަށް ބަދަލު ގެނެސް، ކަޝްމީރުގެ ރައްޔިތުންނަކީ އެބިމުގައި އަޣްލަބިއްޔަތެއް ނެތް ބަޔަކަށް ހަދަން ކަމަށް ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލިތާ ދެ އަހަރު ވުމާ ގުޅިގެން ބޮޑުވަޒީރު ޚާން މިއަދު ނެރުއްވި ބަޔާނެއްގައިވާ ގޮތުން ފަހެއް އޮގަސްޓު 2019ގައި އިންޑިއާއިން އަމަލުކޮށްފައި ވަނީ ގާނޫނާ ހިލާފަށެވެ. އަދި އެ ދުވަހާއި އޭގެ ފަހުންވެސް އިންޑިއާއިން ކަޝްމީރުގެ ބިމާއި ރަށްވެހިކަމާ ބެހޭ ގާނޫނުތަކަށް ގެނައި ބަދަލުތައް ފަދަ ފިޔަވަޅުތަކުގެ މަގުސަދަކީ އެ ސަރަހައްދުގެ އާބާދީ ބެހިފައިވާ ގޮތަށް ބަދަލު ގެނައުމެވެ.

"އިންޑިއާއިން ފަހެއް އޮގަސްޓު 2019އިގައި ގާނޫނާ ހިލާފަށް، [ކަޝްމީރުގެ ބަހަކާ ނުލައި] އަމިއްލައަށް އަޅާފައިވާ ފިޔަވަޅުތަކާއި އޭގެ ފަހުން އަޅަމުންދާ ފިޔަވަޅުތައް، ހާއްސަކޮށް ރަށްވެހިކަމާއި ބިން އަމިއްލަ ކުރުމާ ބެހޭ ގާނޫނުތަކާ ގުޅުން ހުރި ފިޔަވަޅުތަކަކީ ކަޝްމީރުގެ އާބާދީ އެކުލެވިފައިވާ ގޮތަށް ބަދަލު ގެނެސް، ކަޝްމީރުގެ ރައްޔިތުންނަކީ އެމީހުންގެ އަމިއްލަ ބިމުގައި އަގުލަބިއްޔަތެއް ނެތް ބަޔަކަށް ހަދަން އަޅާ ފިޔަވަޅުތަކެއް،" އިމްރާން ޚާން ވިދާޅުވިއެވެ.

އިމްރާން ޚާން ވިދާޅުވި ގޮތުގައި އިންޑިއާއިން އެ ބަދަލުތައް ގެނައީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާއި ޖެނީވާ ކޮންވެންޝަން ފަދަ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށެވެ. އެހެންކަމުން އެއީ ސައްހަ ބަދަލުތަކެއްގެ ގޮތުގައި ބަލައި ނުގަނެވޭނެއެވެ. އަދި ކަޝްމީރުގެ ރައްޔިތުންނާ ދެކޮޅަށް އިންޑިއާއިން ހިންގާ ޖަރީމާތަކަށް އެގައުމު ޒިންމާ ކުރުވުމަށް ޕާކިސްތާނުން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައިވާ ގޮތުން އިންޑިއާއިން ދަނީ ކަޝްމީރުގެ ރައްޔިތުން މަރާ، ގަވާއިދާ ހިލާފަށް ހައްޔަރުކޮށް، ބަންދުގައި ބޭތިއްބުމަށް ފަހު އަނިޔާކޮށް، އެމީހުންގެ ގެތައް ލޫޓުވުމާއި އެންދުން ފަދަ އަނިޔާތައް ކުރަމުންނެވެ.

އިމްރާން ޚާން ވިދާޅުވި ގޮތުގައި ކަޝްމީރުގެ ރައްޔިތުންނަށް އެމީހުން ބޭނުންވާ ގޮތެއް ހިޔާރު ކުރުމުގެ ހައްގު ލިބެން ދެނާއި ކަޝްމީރުގެ މައްސަލައަށް ހައްލެއް ލިބެންދެން ޕާކިސްތާނުން ދާނީ އެ ސަރަހައްދުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އިންޑިއާއިން މީގެ ދެ އަހަރު ކުރިން އެގައުމުގެ ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކާއެކު އެގައުމުން ވަނީ ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލާ، އެ ސްޓޭޓު މައި ސަރުކާރުން ހިންގާ ދެ ޔޫނިއަން ޓެރިޓަރީއަކަށް ބަހާލާފައެވެ. އެއީ ޖައްމޫ އެންޑް ކަޝްމީރު އެއް ޓެރިޓަރީއަށް އަދި ލަދާކް ވަކި ޓެރިޓަރީއަކަށެވެ. އޭގެ ސަބަބުން، ކަޝްމީރުގެ ކަންތައްތަކާ ބެހޭ ގޮތުން އަމިއްލައަށް ގޮތް ނިންމުމުގެ ބާރާއި އަމިއްލަ ގާނޫނު އަސާސީއެއް އެކުލަވާލުމުގެ ބާރު އެ ސަރަހައްދުގެ މީހުންނަށް ވަނީ ގެއްލިފައެވެ.

މީގެ އިތުރުން، މިދިޔަ އަހަރު އިންޑިއާއިން ވަނީ އެގައުމުގެ ކޮންމެ މީހަކަށްވެސް ކަޝްމީރުން ބިން ގަތުމަށް ހުއްދަދޭ ގާނޫނަކަށް އަމަލު ކުރަން ފަށާފައެވެ. އޭގެ ކުރިން އެގައުމުގެ ގާނޫނުތަކުގައި އޮތީ ކަޝްމީރުން ބިން ގަނެވޭނީ އެ ސަރަހައްދުގެ ދާއިމީ ރަށްވެހިންނަށް އެކަނި ކަމަށެވެ.

ކަޝްމީރުގެ މުސްލިމުން ތުހުމަތު ކުރާ ގޮތުގައި އިންޑިއާއިން އެ ބަދަލު ގެނައީ އެ ސަރަހައްދުގެ އާބާދީގައި މުސްލިމުންނާއި އެހެން ދީންތަކުގެ މީހުންގެ ނިސްބަތަށް ބަދަލު ގެނައުމަށްޓަކައެވެ.

comment ކޮމެންޓް