މަސްއޫދަށް ހަމަލާދިން މީހާގެ ބަންދަށް މުއްދަތު ޖަހައިފި

ދިއެފްއެމްގެ ސީއީއޯ މަސްއޫދު ހިލްމީ

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދީ އިންޒާރުދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެއްގައި ފެންނަގޮތުންނަމަ މަސްއޫދު ސައިކަލެއްގައި ދަނިކޮށް އެހެން ސައިކަލެއްގައި އައި މީހަކު ވަނީ އޭނާއަށް ހަމަލާދީފަ، އެތަނުން ފިލާފައެވެ. މި ހަމަލާ ހިނގައިފައިވަނީ އަންގާރަ ދުވަހު ރޭގަނޑު ލ. ފޮނަދޫގައެވެ.

މިމައްސަލައާއި ގުޅިގެން އެރޭ މީހަކު ހައްޔަރުކޮށްފައިވާއިރު އެމީހާގެ ބަންދަށް ހަތް ދުވަހުގެ މުއްދަތު ޖަހައިފިކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވިއެވެ.

"އެމީހާގެ ބަންދަށް ހަތް ދުވަސް ޖަހާފަ ވަނީ މިހާރު. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

މާރާމާރީ ހިންގި މައްސަލައިގައި އެރޭ ދަންވަރު 02:18 ހާއިރު ހައްޔަރުކޮށްފައިވާ ވަނީ އުމުރުން 36 އަހަރުގެ މީހެކެވެ. ހައްޔަރު ކޮށްފައިވާ މީހާގެ ވަނަވަރު އަދި ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

މިއީ މަސްއޫދަށް އަމާޒުކޮށް މިގޮތަށް ހިނގި މިފަދަ ފުރަތަމަ ހާދިސާއެއް ނޫނެވެ. މީގެ ކުރިން މަސްއޫދުގެ ކާރުގައިވެސް ވަނީ ރޯކޮށްލާފައެވެ. މި ހާދިސާތަކާ ގުޅިގެން މަސްއޫދުގެ ފަރާތުން ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

comment ކޮމެންޓް