މަނަދޫ ދަނޑުގައި ޓާފް އަޅަން ބަޔަކާ ހަވާލުކޮށްފި

މަނަދޫގެ ދަނޑުގައި ޓާފް އެޅުމަށް ޓްރިޕަލް އެއިޓް ޕްރައިވެޓް ލިމިޓެޑާ އެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ޔޫތް މިނިސްޓްރީ

ސަރުކާރުން ތަރައްގީ ކުރަމުން އަންނަ ނ. މަނަދޫ ފުޓުބޯޅަ ދަނޑުގެ ސަބް-ބޭސް ނިމުމާއެކު އެ ދަނޑުގައި ޓާފް އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަޔަމެންޓްގައި މިއަދު އޮތް ރަސްމިއްޔާތުގައި މަނަދޫ ދަނޑުގައި ޓާފް އެޅުމަށް ހަވާލުކޮށްފައިވަނީ ޓްރިޕަލް އެއިޓް ޕްރައިވެޓް ލިމިޓެޑާއެވެ.

މިނިސްޓްރީން ބުނީ މި މަސައްކަތް ހަވާލުކުރާތާ 70 ދުވަސްތެރޭގައި ނިންމަން އެއްބަސްވުމުގައި ހިމެނޭކަމަށާއި ޓްރިޕަލް އެއިޓް ޕްރައިވެޓް ލިމިޓެޑަށް މަސައްކަތް ހަވާލުކުރީ 3،557،145 (ތިން މިލިއަން ފަސް ލައްކަ ފަންސާސްހަތްހާސް އެއްސަތޭކަ ސާޅީސް ފަސް) ރުފިޔާއަށް ކަމަށެވެ.

ނ. މަނަދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް އާރުކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

އެ ދަނޑުގެ މަސައްކަތް އާރްކޭއެލްއާ ހަވާލުކޮށްފައިވަނީ 2،219،130.81 (ދެ މިލިއަން ދެލައްކަ ނަވާރަ ރުފިޔާ އެއްސަތޭކަ ތިރީސް) ރުފިޔާއަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފުޓްބޯޅަ ދަނޑުތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އަދި މިހާތަނަށް ސަރުކާރުން ވަނީ ތ. ވިލުފުށި ޓާފް ދަނޑާއި، ރ. އަލިފުށި ޓާފް ދަނޑާއި، ފ. ނިލަންދޫ ޓާފް ދަނޑާއި ނ. ކެނދިކުޅުދޫ ޓާފް ދަނޑުގެ އިތުރުން އެ އަތޮޅު ހޮޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.

ސަރުކާރުން ގިނަ މަޝްރޫއުތަކެއް ހިންގާއިރު ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމުން ދަނީ ރާއްޖޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކުރުމަށް މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް