ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވަށް ކުޑަ ހީނަރުކަމެއް

އޮގަސްޓް 1، 2021: މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރިވާވަށް 13.7 މިލިއަން ޑޮލަރުގެ ހީނަރުކަމެއް އަތުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އިކޮނޮމިކް އަޕްޑޭޓްގެ އެންމެ ފަހުގެ ރިޕޯޓުގައި ބުނާ ގޮތުން، މިއަހަރުގެ މެއި މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރީ 926.1 މިލިއަން ޑޮލަރެވެ.

ޖޫން މަސް ނިމުނުއިރު އެ އަދަދު ވަނީ 912.4 މިލިއަން ޑޮލަރަށް ދަށްވެފައެވެ. ނިސްބަތުން ބަލާއިރު މިއީ އެއް ޕަސަންޓުގެ ހީނަރުކަމެކެވެ.

މެއި މަހާ އަޅާބަލާއިރު ޖޫން މަހު ރިޒާވަށް ހީނަރުކަމެއް އައި ނަމަވެސް، މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު ރިޒާވަށް ބޮޑު ކުރިއެރުމެއް ވަނީ އައިސްފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖޫން މަސް ނިމުނުއިރު ރިޒާވުގައި ހުރީ 702.5 މިލިއަން ރުފިޔާއެވެ. އެ އަދަދާ އަޅާބަލާއިރު މިއަހަރުގެ ޖޫން މަސް ނިމުނުއިރު 30 ޕަސެންޓުގެ އިތުރުވުމެއް ރިޒާވަށް ވަނީ އައިސްފައެވެ.

ޖީޑީޕީއަށް ބަލާއިރު މިދިޔަ އަހަރު ނިމުނުއިރު ރިއަލް ޖީޑީޕީ 33.6 ޕަސެންޓުން ދަށްވެފައިވާ ކަމަށް ނެޝަނަލް ބިއުރޯ ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކާ ހަވާލާދީ އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައިވެއެވެ.

މިއަހަރު ނިމޭއިރު ރިއަލް ޖީޑީޕީއަށް 13.5 ޕަސެންޓާއި 34.1 ޕަސެންޓާ ދެމެދުގެ ކުރިއެރުމެއް އަންނާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް