ސަރުކާރު މުވައްޒަފުންނަށް ހާއްސަ ވެކްސިން ޕްރޮގްރާމެއް ފަށައިފި

ފެބްރުއަރީ 1، 2021: މާލެ ސަރަހައްދުގައި ވެކްސިންދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަ ވެކްސިން ޕްރޮގްރާމެއް ފަށައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ވެކްސިން ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ވީހާވެސް އަވަހަކަށް ސަރުކާރުގެ މުވައްޒަފުންނަށް ވެކްސިންގެ ދެ ވަނަ ޑޯޒް ދީ ނިންމާލުންކަމަށެވެ.

އެގޮތުން ރައީސް އޮފީހުން އަންގާރަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިހާތަނަށް ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައިނުވާ މުވައްޒަފުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށް، ދެން ފުރިހަމަ ކުރަންޖެހޭ އިތުރު ޑޯޒެއްވެސް ފުރިހަމަ ކުރަންޖެހޭ މުއްދަތުގެ ތެރޭގައި ފުރިހަމަ ކުރުމަށް ރައީސް އެދިވަޑައިގެންފައިވާކަމަށެވެ.

އަދި ވަގުތީގޮތުން ކުރިމަތިވެފައިވާ ހާލަތެއްގެ ސަބަބުން ވަކި މުއްދަތަކަށް ވެކްސިންޖެހުން ރައްކާތެރިނޫން ކަމަށް ރާއްޖޭގައި ރަޖިސްޓަރީވެފައިވާ މެޑިކަލް ޑޮކްޓަރަކު ލަފާ ދޭ މުވައްޒަފުން ވެސް، ލަފާދީފައިވާ މުއްދަތު ހަމަވުމުން ވެކްސިން ފުރިހަމަ ކުރުމަށް އެ އިއުލާނުގައިވެއެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބުކުރައްވައި ދެއްވި ހިތާބުގައި މި ހަފްތާގެ ތެރޭގައި ރާއްޖޭގައި އުޅޭ އެންމެންނަށް ކޮވިޑް-19 ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް ފަށާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން ވެކްސިން ޖަހާ އުމުރުގެ 90 ޕަސަންޓު މީހުންނަށް އޯގަސްޓް މަސް ނިމުމުގެ ކުރިން ވެކްސިން ޖެހުން ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ރާއްޖޭގައި ވެކްސިން ނުޖަހާ ތިބި އެންމެންނަށް ދެ ޑޯޒު ފުރިހަމަކުރެވޭ މިންވަރަށް ރާއްޖެއަށް ވެކްސިން ލިބިފައިވާ ކަމަށެވެ.

comment ކޮމެންޓް