ޗެލްސީއަށް ބަދަލުވާން ބޭނުންވާކަން ލުކާކޫ ހާމަކޮށްފި

ބެލްޖިއަމް ގައުމީ ޓީމުގެ މެޗެއްގެ ތެރެއިން ލުކާކޫ--- ފޮޓޯ: އޭއެސް އިންގްލިޝް

ޗެލްސީގެ ހުށައެޅުން ބަލައިގަތުމަށް ރޮމެލު ލުކާކޫ އިންޓަ މިލާންއަށް އެދިއްޖެއެވެ.

ޗެލްސީއިން އަންނަނީ އާސީޒަނަށް ލުކާކޫ އެކްލަބަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އިންޓައިން ވަނީ ލުކާކޫ ދޫކޮށްނުލާނެކަމަށް ބުނެފައެވެ.

ޗެލްސީއިން މީގެ ކުރިން ފޮނުވި ދެ ބިޑަށްވެސް އިންޓާއިން ވަނީ ނޫނެކޭ ބުނެފައެވެ. ނަމަވެސް 120 މިލިއަން ޔޫރޯއާ ގާތް ކުރާ އަގެއް ހުށައަޅައިފި ނަމަ އިންޓައިން ލުކާކޫ ދޫކޮށްލާނެ ކަމަށް ރިޕޯޓުތަށް ބުނެއެވެ.

އިޓާލިއަން ސެރިއާ އިންޓައިން ކާމިޔާބު ކުރުމުގައި ލުކާކޫގެ ދައުރު ބޮޑެވެ. އޭނާ ވަނީ ފާއިތުވެދިޔަ ސީޒަނުގައި 24 ގޯލު ޖަހާފައެވެ.

ކޮވިޑް-19ގައި ސަބަބުން އިންޓައަށް ވަނީ ފައިސާގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައެވެ. އެ ކްލަބުގެ ބަޖެޓު ބޮޑުތަނުން ކުޑަކުރުމާއެކު ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.

ބެލްޖިއަމްގެ އަންޑަލެކްޓްއިން 2011 ވަނަ އަހަރު ލުކާކޫ ޗެލްސީއާއި ގުޅުނު ނަމަވެސް އެ ސީޒަނުގެ ބޮޑުބައި އޭނާ ހޭދަކުރީ ޗެލްްސީގެ ބެންޗުގައެވެ. ޖެހިގެން އައި ސީޒަން އޭނާ ހޭދަކުރީ ލޯނު އެއްބަސްވުމެއްގެ ދަށުން ވެސްޓް ބްރޮމްގައެވެ.

އެއަށްފަހު ދާއިމީ އެއްބަސްވުމެއްގެ ދަށުން ލުކާކޫ ބަދަލުވީ އެވަޓަންއަށެވެ. 2017 ވަނަ އަހަރު އޭނާ އެވަޓަން ދޫކޮށް 74 މިލިއަން ޕައުންޑުގެ ފީއަކަށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވިއެވެ.

ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ފޯވާޑެއް ހޯދުމަށް ޗެލްސީއިން ތިބީ ކެތްމަދު ވެފައެވެ. ޔޫރަޕުގެ ޗެމްޕިއަނުން ވަނީ މީގެ ކުރިން ބޮރޫޝިއާ ޑޯޓްމަންޑުގައި އާލިން ހާލަންޑް ގެނައުމަށްވެސް މަސައްކަތް ކޮށްފައެވެ.

ނަމަވެސް ޑޯޓްމަންޑުން ވަނީ އޭނާ ވިއްކާލަން ދެކޮޅުހަދަފައެވެ. އެނިންމުމާއެކު ޗެލްސީއިން ވަނީ ލުކާކޫއަށް ފާރަލާން ފަށާފައެވެ.

comment ކޮމެންޓް