ލެސްޓާގެ އަރަމުން އަންނަ ތަރި ފޮފަނާގެ ފައި ބިނދިއްޖެ

ލެސްޓާ ސިޓީގެ ޑިފެންޑަރު ވެސްލީ ފޮފަނާއަށް އަނިޔާވެފައި -- ފޮޓޯ//ލައިވްސްކޯ

މިހާރު ކުރިއަށްދާ ޕްރި ސީޒަން ފަރިތަކުރުންތަކުގައި ލެސްޓާ ސިޓީން ސްޕެއިނުގެ ވިޔަރެއާލާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި އަރަމުން އަންނަ ފްރާންސްގެ ޑިފެންޑަރު ވެސްލީ ފޮފަނާގެ ފައި ބިންދައިގެން ހިނގައްޖެއެވެ.

އެންމެ ފަހުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ވިޔަރެއާލް އަތުން 2-3 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި ލެސްޓާއިން ޕްރިމިއާ ލީގަށް ރަނގަޅު ތައްޔާރީތަކެއް ވެފައިވާކަން ސާބިތުކޮށްދިން ނަމަވެސް ފޮފަނާގެ އަނިޔާއާ އެކު އެ ޓީމަށް ވަނީ ބޮޑު ގެއްލުމެއް ވެފައެވެ.

ވިޔަރެއާލްގެ ފޯވާޑް ނޫނޯ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާއަކާ ގުޅިގެން ސްޓްރެޗާގައި ފޮފަނާ ދަނޑުމަތިން ފެއިބީ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅެވެ. އަދި ދަނޑުން ސީދާ ހޮސްޕިޓަލަށް ވަގުތުން ވަނީ ފޮފަނާ ގެންގޮސްފައެވެ.

ފޮފަނާ، 20 ރޭ އިންސްޓަގުރާމުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއަދަކީ ފުޓުބޯޅަ ކެރިއަރުގައި ހިތާމަވެރި ދުވަހެއް ކަމަށާއި، އެހެން ނަމަވެސް ލެސްޓާގެ މެޑިކަލް ޓީމުން ކުރި މަސައްކަތަށް ޝުކުރުއަދާކުރަން ބޭނުންވާ ކަމަށެވެ. އަދި އޭނާގެ ފައި ބިނދިފައިވާކަމަށާއި، އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށް ފޮފަނާ ބުނެފައިވެއެވެ.

ފްރާންސްގެ ސެއިންޓް އެޓިއެންއަށް ކުޅުމަށްފަހު ފޮފަނާ ލެސްޓާއަށް ބަދަލުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ލެސްޓާއިން މިދިޔަ ސީޒަނުގެ ލީގުން ފަސްވަނަ ހޯދުމާއި، އެފްއޭ ކަޕް ކާމިޔާބުކުރުމުގައި ފޮފަނާގެ ދައުރު ބޮޑު އިރު އޭނާ ވަނީ އެ ކުލަބުގެ މިދިޔަ ސީޒަނުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.

comment ކޮމެންޓް