އަގުލަބިއްޔަތެއް ނުގެއްލޭ، އިސްތިއުފާއެއް ނުދޭނަން: މެލޭޝިއާގެ ބޮޑުވަޒީރު

މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން

ކުއާލަލަންޕޫރު (އޮގަސްޓް 05) : މެލޭޝިއާގެ ސަރުކާރަށް އޮތް އަގުލަބިއްޔަތު އެގައުމުެގ ޕާލަމެންޓުން ނުގެއްލޭ ކަމަށާއި އެހެންކަމުން ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދޭން ނުޖެހޭކަމަށް އެގައުމުގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ އިދިކޮޅު ލީޑަރުންނާއި ގިނަ ބަޔަކު މުހްޔިއްދީނުގެ އިސްތިއުފާއަށް ގޮވަމުން ދާ އިރު, ދާދި ފަހުން އެގައުމުގެ ރަސްގެފާނުވެސް ވަނީ މުހްޔިއްދީނުގެ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

އިސްތިއުފާ ދިނުމަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިކުރަމުން ދާ ވަގުތުގައި, ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ބޮޑުވަޒީރު މުހްޔިއްދީން ވިދާޅުވީ ޕާލަމެންޓުގެ އަގުލަބިއްޔަތު އޭނާގެ ސަރުކާރަށް އޮތްކަން ކަށަވަރުވާ ކަމަށާއި އެހެންކަމުން އިސްތިއުފާ ދޭންޖެހޭ ސަބަބެއް ނެތްކަމަށެވެ.

މުހްޔިއްދީނުގެ އިސްތިއުފާ ދެއްވަން ގޮވާލާ ސިޔާސީ ލީޑަރުންގެ ތެރޭގައި ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދާއި މިހާރުގެ އިދިކޮޅު ލީޑަރުގެ ގޮތުގައި ސިފަކުރެވޭ އަންވަރު އިބްރާހީމް ހިމެނިވަޑައިގަންނަވައެވެ.

މަހާތީރު ދާދިފަހުން ވަނީ މުހްޔިއްދީން ޔާސީންއަކީ ވެރިކަން ކުރުމުގެ ގާބިލުކަމެއް ނެތް ބޭފުޅެއް ކަމަށާ 17 މަސް ވީ އޭނާގެ ވެރިކަމުގައި މެލޭޝިއާ ބޮޑު އަނދަވަޅަކަށް ވައްޓާލާފައިވާ ކަމަށް ތުހުމަތު ކުރައްވައި, މަހާތީރު ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވުން ނޫން ގޮތެއް މުހްޔިއްދީންއަށް އޮވެގެން ނުވާނެކަމަށް ވިދާޅުވެ އޭނާއަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވާފައެވެ.

އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމް ވަނީ މުހްޔިއްދީންގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް މިދިޔަ ހަފްތާގައި ޕާލަމެންޓަށް ހުށަހަޅުއްވާފައެވެ. އަދި މުހްޔިއްދީން ގެންދަވަނީ ނުފޫޒު ބޭނުންކުރައްވައިގެން ޕާލަމެންޓްގެ ޖަލްސާއެއް ބޭއްވުމަށް ހުރަސްއަޅަމުން ކަމަށާ ޕާލަމެންޓްގެ ޖަލްސާއެއް ބާއްވައިފިނަމަ އިތުބާރު ނެތްކަމުގެ ވޯޓު ވަރަށް ފަސޭހައިން މުހްޔިއްދީންގެ މައްޗަށް ނެގޭނެކަމަށް ވެސް އަންވަރު އިބްރާހީމް ވިދާޅުވެފައި ވެއެވެ.

އަންވަރު ވަނީ މުހްޔިއްދީން މެލޭޝިއާގެ ގާނޫނުތަކާ ހިލާފުވެވަޑައިގެންފައި ވާކަމަށް ވިދާޅުވެ ބޮޑުވަޒީރުކަމުން ވަކިކުރުމަށް އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ 107 މެންބަރުން މަސައްކަތްކުރަމުން ގެންދާކަންވެސް ހާމަ ކުރައްވާފައެވެ. ނަމަވެސް ޓީވީ މެދުވެރިކޮށް ދެއްވި ހިތާބުގައި މިކަމަށް ރައްދު ދެއްވަމުން މުހްޔިއްދީން ވިދާޅުވީ ޕާލަމެންޓްގެ އަގުލަބިއްޔަތު އޭނާއަށާއި އޭނާގެ ސަރުކާރަށް ނުގެއްލޭ ކަމުގައެވެ. ޕާލަމެންޓްގެ ޖަލްސާތައް އަންނަ މަހު ފެށުމުން މިހަގީގަތް ފެންނާނެކަމަށްވެސް މުހްޔިއްދީން ވިދާޅުވިއެވެ.

މުހްޔިއްދީން ވިދާޅުވީ އޭނާގެ ކޯލިޝަން ސަރުކާރުގެ އެންމެ ބޮޑު ޕާޓީކަމަށްވާ "އުމްނޯ"ގައި ހިމެނޭ ޕާލަމެންޓް ބައެއް މެންބަރުން މިހާރު އޭނާއަށް ތާއީދު ނުކުރައްވާކަން އެނގިވަޑައިގަންނަވާ ކަމަށާ މިއާއެކު ވެސް ޕާލަމެންޓްގެ އަޣްލަބިއްޔަތު އޭނާއަށް ނުގެއްލޭކަމުގެ ޔަގީންކަން ލިބިފައިވާކަމުގައެވެ.

2019 ވަނައަހަރުގެ ފަހުކޮޅު މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް ކުއްލި ގޮތަކަށް މުހްޔިއްދީން ވަޑައިގެންނެވީ އޭރު ބޮޑުވަޒީރަކަށް ހުންނެވި މަހާތީރު މުހައްމަދުގެ ޕާޓީގައި މަހާތީރުގެ ނައިބެއްގެ ގޮތުގައި ހުންނެވުމަށްފަހު މަހާތީރަށް ސިޔާސީ ގޮތުން ހިޔާނާތްތެރިވެ ވަޑައިގެން ހިންގެވި ސިޔާސީ ހަރަކާތްތަކެއްގެ ތެރެއިންނެވެ. ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ މަހާތީރުގެ އޭރުގެ ޕާޓީކަމަށްވާ ބެރުސާތު ޕާޓީއަށް ނިސްބަތްވާ ޕާލެމެންޓްގެ ބައެއް މެންބަރުންގެ ތާއީދާއި މަހާތީރަށްފަހު ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ފައި ނަންގަވައިގެން ހުންނެވި އަންވަރު އިބްރާހީމްގެ ޕާޓީގެ ބައެއް މެންބަރުންގެ ތާއީދާވެސް އެކުގައެވެ.

މީގެ އިތުރުން އޭރު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް "އުމްނޯ"އަށް ނިސްބަތްވާ ޕާލަމެންޓް މެންބަރުންގެ ތެރެއިން ބައެއް މެންބަރުންގެ ތާއީދުވެސް ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށްޓަކައި މުހްޔިއްދީން ހޯއްދެވިއެވެ. ނަމަވެސް "އުމްނޯ"ގައި ހިމެނޭ ޕާލަމެންޓްގެ ބައެއް މެންބަރުން ދާދި ފަހުން ވަނީ މުހްޔިއްދީނަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވާފައެވެ. މިއާއެކު "އުމްނޯ"ގެ ބައެއް ވެރިންވަނީ މުހްޔިއްދީންގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް