މެދުކެނޑުމަކަށްފަހު އައުޓްޑޯ ޖިމްތައް ބަހައްޓަން ފަށައިފި

އިންޑިއާގެ އެހީގައި ޅ.ކުރެންދޫގައި ގާއިމު ކުރި އައުޓްޑޯރ ޖިމް --- ފޮޓޯ/ޓްވިޓާ

ކޮވިޑް-19 ގެ ސަބަބުން އައި މެދުކެނޑުމަކަށްފަހު އިންޑިއާގެ ސަރުކާރުގެ އެހީގައި ރާއްޖޭގެ 67 ރަށެއްގައި އެޅުމަށް ނިންމާފައިވާ އައުޓްޑޯ ޖިމުތަކުގެ ނުނިމި ހުރި މަސައްކަތްތައް އަލުން ފަށައިފި އެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑްގެ ސަބަބުން މިިއައި ދިގު މެދުކެނޑުމަށްފަހު ޖިމްތައް ބެހެއްޓުމުގެ މަސައްކަތް އަލުން ފެށުމަކީ އުފާކުރާ ކަމެއް ކަމަށާއި، އެގޮތުން އެންމެ ފުރަތަމަ އަލަށް ނިންމި ޖިމަކީ ޅ. ކުރެންދޫގައި ގާއިމުކުރާ ޖިމް ކަމަށެވެ.

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ "ދުޅަހެޔޮ ހަށިހެޔޮ" ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމުގެ ސިޔާސަތުގެ ތެރޭގައި ހިމެނިގެން އިންޑިއާ ސަރުކާރުގެ އެހީގައި 61 ރަށެއްގައި ހަދާ އައުޓްޑޯ ޖިމަށް ބޭނުންވާ ސާމާނު ގެނައުމަށް ޔޫތު މިނިސްޓްރީއިން ހަވާލުކުރި ސްޕޯޓްސް ކޯޕަރޭޝަނާ އެކު އެއްބަސްވުމުގައި ސޮއި ކުރީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު އެވެ.

މި އެއްބަސްވުމުގެ އަގަކީ ގާތްގަނޑަކަށް ނުވަ ވަރަކަށް މިލިއަން ރުފިޔާ ކަމަށާއި، ޖިމްގެ ސާމާނު ރާއްޖެ ގެނެސް އަތުރާ ނިންމާލުމަށް އިތުރަށް 20 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ. މި ހުރިހާ ޚަރަދެއް ވެސް ކުރާނީ އިންޑިއާ ސަރުކާރުންނެވެ.

އިންޑިއާގެ ސަރުކާރުގެ އެހީގައި ރާއްޖޭގެ 61 ރަށެއްގައި އެޅުމަށް ނިންމާފައިވާ އައުޓްޑޯ ޖިމުތަކަށް ބޭނުންވާ ސާމާނު ގެނެސް ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ކުލަ ގަދަ ރަސްމިއްޔާތަކާ އެކު ގަލޮޅު ދަނޑުގައި ބޭއްވި އެ ހަފުލާގައި ޖިމުތަކުގެ ސާމާނުތައް ހަވާލުކޮށްދެއްވީ އިންޑިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުރި ސަފީރު ސަންޖޭ ސުދީރު އެވެ.

comment ކޮމެންޓް