މަރު ކޮމިޝަނުގެ އަތުގައި ޔާމީނާ ދެކޮޅަށް އެއްވެސް ހެތްކެއް ނެތް: ވަކީލުން

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވާހަކަަފުޅު ދައްކަވަނީ -- ފޮޓޯ/ ޕީޕީއެމް

ނޫސްވެރިޔާ އަހުމަދު ރިލްވާނު ގެއްލުވާލި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަރު ކޮމިޝަނަށް ހާޒިރުކުރި ނަމަވެސް ރައީސް ޔާމީންއާ ދެކޮޅަށް އެއްވެސް ހެއްކެތް ނެތްކަމަށް އެމަނިކުފާނުގެ 1ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

އެ މައްސަލައާއި ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީންގެ މައްޗަށް އެ ކޮމިޝަނުން ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައިވާކަމަށެވެ.

މަރު ކޮމިޝަނުން ޔާމީނަށް ތުހުމަތުކުރަނީ ރިލްވާނުގެ މައްސަލަ ކުރިޔަށް ގެންދިޔުމަށް ހުރަސްއެޅިކަމަށްކަމަށާއި ނަމަވެސް އެކަމަށްވެސް އެއްވެސް ހެއްކެތް ދެއްކިފައިނުވާކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވިއެވެ.

"އެ މަނިކުފާނު އެޅުއްވީ ކޮން ހުރަހެއްކަމެއް އަދި ހުރަސް އަޅުއްވަން އެމަނިކުފާނު ކުރެއްވީ ކޮން ކަމެއްކަން ކޮމިޝަނަށް ބަޔާން ކޮށްދެވިފައިނުވާތީ ޖުމްލަ ގޮތެއްގައި މުޅި ތުހުމަތަށް އެމަނިކުފާނު އިންކާރުކުރައްވާ،" ވަކީލުން ނެރުނު ބަޔާނުގައި ބުންޏެވެ.

ރައީސް ޔާމީން ރިލްވާނުގެ މައްސަލައަށް ނުފޫޒު ނުފޯރުވާކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި އެ މައްސަލައާ ގުޅޭ ހުރިހާ ހެތްކެއް ހޯދާފައިވާ ކަމަށާއި އެ ތަހުގީގު ހިންގެން އޮތް އެންމެ ފުރިހަމައަކަށް ކުރިޔަށް ގެންގޮސްފައިވާކަމަށްވެސް އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނީ މިއަދު ރައީސް ޔާމީނުގެ މައްޗަށް ތުހުމަތުކުރަމުން އަންނަނީ އެއްވެސް އަސްލެއް ނެތް ކަންތައްތަކެއްކަމަށެވެ. އަދި އެއީ މިއަދު ސަރުކާރުގައި ތިބި އިސްވެރިން އަޑީގައި ތިބެގެން ކުރާކަމެއްކަމަށްވެސް ވަކީލުން ވަނީ ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް