ރައީސް ނަޝީދުގެ ވަކީލަކަށް ކޮއްކޮ ނާޒިމް

ނާޒިމް ސައްތާރު -- ފޮޓޯ ޓްވީޓާ

މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލަކަށް ނާޒިމް އަބްދުއްސައްތާރު ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދުގެ ފަރާތުން ޕީޖީ އޮފީހަށް ފޮނުވި ސިޓީއެއްގައި ވާގޮތުން ރައީސް ނަޝީދުގެ ބަޔާނެއް މުހިންމު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މީޑިޔާގައި ވިދާޅުވެފައި ވާތީ ގާނޫނީ ވަކީލެއް ހަމަޖައްސައިދިނުމަށް ރައީސް ނަޝީދު ވަނީ އެދިފައިވެއެވެ.

އެގޮތުން ރައީސް ނަޝީދުގެ ފަރާތުން ވަކީލެއްގެ ގޮތުގައި ހަމަޖައްސަވައިދިނުމަށް އެދިފައިވަނީ އެމަނިކުފާނުގެ ކޮއްކޮ އަދި މަޝްހޫރު ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރެވެ.

ރައީސް ނަޝީދުގެ ވަކީލަކަށް އައްޔަނުކުރެއްވުމާ ގުޅިގެން ނާޒިމް "ސަން" އަށް ވިދާޅުވީ އެ މައްސަލައިގައި ރައީސް ނަޝީދުގެ ވަކީލުގެ ގޮތުގައި އައްޔަނުކުރެއްވިޔަސް އަދި ވަކި އެއްޗެއް ހާމަކުރަން ނޭދޭ ކަމަށެވެ. އަދި ރައީސް ނަޝިދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނު ތަހުގީގަށް ބަޔާނެއް ދެއްވަން ނިންމަވާފައިވާކަމެއް އަދި ނޫންކަމެއްވެސް އަދި ވިދާޅުވެފައި ނުވާކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަދި ނުނިންމާ އިނގޭތޯ، ތަހުގީގަށް ބަޔާންދިނުމާ ގުޅޭގޮތުން ވަކި ގޮތެއް،" ނާޒިމް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގާއި ގުޅިގެން ހަތަރު މީހެއްގެ މައްޗަށް މިހާތަނަށް ވަނީ ދައުވާ އުފުލައިފައެވެ. އޭގެ ތެރެއިން ބޮން ގޮއްވާލަން ރިމޯޓަށް ފިއްތާލިކަމަށް ތުހުމަތުކުރެވޭ އަދުހަމް އަހުމަދު ރަޝީދު ހިމެނެއެވެ. އޭގެ އިތުރުން ދެން ދައުވާ އުފުލާފައި ވަނީ:

  • މުޖާޒް އަހްމަދު، މއ. ފޭރުގެ
  • ތަހުމީން އަހްމަދު، ގއ. ގޮނޑޭ، ފޮޅޭމާ
  • އަލީ ހައިޝަމް، ނ. މަނަދޫ، ނޫރީގެ

އެ މައްސަލައިގެ ދެން ދައުވާ އުފުލަން ޕީޖީ އޮފީހަށް ފޮނުވާފައިވާ އަހުމަދު ފާތިހު، ލ. ގަން، ދުންފިނިއުފާއަށް އަދި ދައުވާކުރެވެން ނެތްކަމަށް ޕީޖީއިން ވަނީ މިދިޔަ އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

އެކަމާ ގުޅިގެންވެސް ނާޒިމް ވިދާޅުވީ އަދި ވަކި އެއްޗެއް ރައީސް ނަޝީދުގެ ފަރާތުން ބުނަން ބޭނުންނުވާކަމަށެވެ. އަދި ޕީޖީއިން މައްސަލައިގައި އަމަލުކުރަމުންދާ ގޮތާ މެދުގައިވެސް ވަކި އެއްޗެއް އަދި ބުނަން ބޭނުންނުވާ ކަމަށެވެ.

"ޕީޖީއިން މައުލޫމާތު ހިއްސާކުރަމުންދާ ވަރަކަށް ބަލާފަ، ދެން އެއްޗެއް ވިދާޅުވެވޭނީ،" ނާޒިމް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްގެން މެއި ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާއައި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދުގެ ބަޔާނެއް ނުލިބޭކަމަށާއި ރައީސް ނަޝީދުގެ ފަރާތުން ބަޔާނެއް ލިބުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް