އެސްޓީއޯގެ ކޮންސަލްޓަންޓަކަށް އުޅޭތާ ތިން މަސް ވެއްޖެ: ސޫޒަން

ސޫޒަން އިބްރާހިމްފުޅު "ސަން" އަށް އިންޓަވިއު ދެނީ -- ސަން ފޮޓޯ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ކޮންސަލްޓަންޓެއްގެ ވަޒީފާ އަދާކުރަމުންދާތާ މިހާރު ތިން މަހަަށް ވުރެ ގިނަ ދުވަސްވެފައިވާކަމަށް ސޫޒަން އިބްރާހިމްފުޅު ވިދާޅުވެއްޖެއެވެ.

ސޫޒަން "ސަން" އަށް ވިދާޅުވީ އޭނާ އެ މަގާމަށް އައްޔަން ކޮށްފައިވަނީ އިއްޔެ ނޫން ކަމަށާއި މިހާރު އެ ވަޒީފާގެ ޕްރޮބޭޝަންގެ މުއްދަތުވެސް ނިމިފައިވާކަމަށެވެ.

"އަޅުގަނޑު މިހާރު މި ވަޒީފާގައި އުޅޭތާ ތިން މަހަށްވުރެ ގިނަ ދުވަސް މިވަނީ. ޕްރޮބޭޝަންގެ މުއްދަތަކީވެސް ތިން މަސް. އެ މުއްދަތުވެސް ނިމިއްޖެ. މަސައްކަތްތައް އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު،" ސޫޒަން ވިދާޅުވިއެވެ.

ސޫޒަން ވިދާޅުވީ އޭނާ އަދާކުރަމުން އަންނަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އެގްރި ބިޒްނަސްގެ ކޮންސަލްޓަންޓެއްގެ މަގާމުކަމަށެވެ.

އެގޮތުން މި ވަޒީފާ އަދާކުރާއިރު ދަނޑުވެރިކަމުގެ ދާއިރާއިން އޭނާއަށް ލިބިފައިވާ އިލްމު ބޭނުންކުރާނެކަމަށް ސޫޒަން ވިދާޅުވިއެވެ.

ސޫޒަން އަކީ ވެރިކަންކުރާ އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ އެކްޓިވިސްޓެކެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މަތި ދެކުނު ޕްރޮވިންސްގެ ޕްރޮޖެކްޓް ޑިރެކްޓަރުކަންވެސް ކުރެއްވިއެވެ. އަދި ރާއްޖޭގައި ނެރެންފެށި މިނިވަން ނޫހުގެ ނޫސްވެރިއަކަށްވެސް އުޅުއްވިއެވެ.

ސޫޒަން އެންމެ ފަހުން ފާހަގަވެފައިވަނީ ސޯޝަލް މީޑިއާގައި އޭނާގެ ރައްޓެއްސަކު ބުނިކަމަށް ބުނެ ގައުމީ ފުޓުބޯޅަ ޓީމުގެ ތަރި އަލީ އަޝްފާގްއާއި ގައުމީ ޓީމުގެ ކެޕްޓަން އަދި އަކްރަމް އަބްދުލް ގަނީއަކީ ހަރުކަށި ފިކުރުގެ ދެ މީހުންކަމަށް ބުނާ މޭރުމަކުްނ ކުރި ޓުވީޓުތަކެއްގެ ސަަބަބުންނެވެ.

އެ ދެ ކުޅުންތެރިންނާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ސޫޒަން ދެއްކެވި ވާހަކަތަކުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅުއަޅައިދިނުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އެއިރުވަނީ ގޮވާލައިފައެވެ. އަދި އެކަމާ ގުޅިގެން އާންމުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް ސޫޒަންއަށް ވަނީ އަމާޒުވެފައެވެ.

comment ކޮމެންޓް