ރައީސް ޔާމީންގެ ބަޔާން ލީކުކޮށްލީ ޕީޖީކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

ޕީޖީ ހުސައިން ޝަމީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫ ކުރުމުގެ މުއާމަލާތުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލައިގައި ދެއްވި ބަޔާން ލީކު ކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްކަމަށް ބުނާ ވާހަކަތައް ޝަމީމް ދޮގުކުރައްވައިފިއެވެ.

ފުއްގިރި މައްސަލާގައި ރައީސް ޔާމީން ދެއްވި ބަޔާން މިއަދު ލީކު ކޮށްލާފައިވާއިރު އެ ބަޔާން ލީކު ކޮށްލީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކަމަށް ތުހުމަތުކޮށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ޕީޖީ ހުސެއިން ޝަމީމް މިރޭ "ސަން" އަށް ވިދާޅުވީ ކޯޓުން އެންމެ ފަހުން އެ ބަޔާންތައް ދޫކުރީ ރައީސް ޔާމީންގެ ވަކީލުންނަށް ކަމަށެވެ. އެހެންކަމުން ބަޔާންތައް ލީކު ކޮށްލުމުގެ ފުރުސަތު އެބޭފުޅުންނަށްވެސް އޮންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޕީޖީ އޮފީހާއި ފުލުހުންގެ އަތުގައި އެ ބަޔާން އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް ލީކު ވެފައި ނުވާ ކަމަށެވެ.

"ފުލުހުންނާއި ޕީޖީ އޮފީހުގަ އެ ބަޔާން އޮންނަތާ އަހަރަކަށް ވުރެ ގިނަ ވެއްޖެ. ބަޔާން ނެގި ދުވަހުން ފެށިގެން އަޅުގަނޑުމެންގެ އަތުގަ އެ ބަޔާން އޮވޭ. ލީކެއް ނުވޭ. ރައީސް ޔާމީންގެ ވަކީލުންނަށް ވަރަށް ފަހުން ވާނީ ދޫކޮށްފަ. އެހެންވީމަ އެބޭފުން އަތްޕުޅުގަވެސް އެ ބަޔާން އޮންނާނެ. އެބޭފުޅުންވެސް އޭތި ލީކު ކޮށްލުމުގެ ފުރުސަތު އޮންނާނެ ދެއްތޯ؟،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެ ބަޔާންތައް ލީކު ވެގެން އުޅެނީ ޕީޖީ އޮފީސް ތެރެއިން ނޫން ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ އަލަށް ކުރައްވާ މަސައްކަތެއް ނޫން ކަމަށާއި އެ ބަޔާނަށްވުރެ މާ ގިނަ ބަޔާންތައްވެސް އަތްމަތީގައި ކޮންމެ ދުވަހަކު ދައުރުވާ ކަމަށެވެ.

"އަޅުގަނޑު ޗުއްޓީއެއްގަ ހުރެފަ މިއައީ. އެހެންވީމަ އޭގެ ބޭފުޅަކާ ބައްދަލު ނުވާތާވެސް ދުވަސް ކޮޅެއް ވެއްޖެ. އެހެން ނޫނަސް ދެން ލީކު ކުރާނަމަ އެއަށްވުރެ މާގިނަ އެއްޗެހި ހުންނާނެ ލީކު ކުރަން. މިއަށްވުރެ މާ ސެންސިޓިވް މިއަށްވުރެ މާ ބައިވަރު ބަޔާން އަޅުގަނޑުމެން އަތް މަތީގަ ކޮންމެ ދުވަހަކުވެސް ދައުރުވޭ. އެހެންވީމަ އެއީ އެއްވެސް ވާހަކައެއް ނޫން،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެ ބަޔާން ދޫކޮށްފައި އޮންނާނީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނަށް އެކަނި ކަމަށެވެ. އެހެންކަމުން އެ ބަޔާން ލީކު ވާނީ އޭގެތެރެއިން ކޮމެވެސް އެއްބައެއްގެ އަތުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އޭނާ ވިދާޅުވީ މިފަދަ ކަންކަމުގެ އެކޮޅާއި މިކޮޅު ރަނގަޅަށް ނުބަލާ ބަޔާން ލީކު ކޮށްލީ ޕީޖީ އޮފީހުން ކަމަށް ބުނެ ދޮގު ވާހަކަ ފަތުރައިގެން ރައްޔިތުންގެ ހިތުގައި މުއައްސަސާ އާމެދު އޮންނަ އިތުބާރު ގެއްލުވާލުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

comment ކޮމެންޓް