ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ދިނުން މަޑުޖައްސާލަން ޑަބްލިޔުއެޗްއޯއިން ގޮވާލައިފި

ޑަބްލިޔުއެޗްއޯއިން ވަނީ އަންނަ މަސް ނިމެންދެން އެއްވެސް ގައުމަކުން ބޫސްޓާ ޑޯޒް ނުދޭން ގޮވާލާފަ -- ފޮޓޯ: އޭއެފްޕީ

ޖެނީވާ (އޮގަސްޓު 4): ކޮވިޑް-19 ވެކްސިންތަކުގެ ބޫސްޓާ ޑޯޒްއެއް ނުވަތަ އާންމުކޮށް ދޭން ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރު ޑޯޒްއެއް ދިނުން ވަގުތީ ގޮތުން ހުއްޓާލަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ގޮވާލައިފިއެވެ.

ޑަބްލިޔުއެޗްއޯއިން ބުނި ގޮތުގައި ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ދިނުން ހުއްޓާލަން ޖެހެނީ ވެކްސިން ލިބުމުގައި މުއްސަނދި ގައުމުތަކާއި ފަގީރު ގައުމުތަކުގެ މެދުގައި އޮތް ފަރަގު ބޮޑުވެފައިވުމުންނެވެ. އަދި އަންނަ މަސް ނިމެންވާ ތަނަށް ދުނިޔޭގެ ކޮންމެ ގައުމެއްގެ އާބާދީގެ 10 ޕަސެންޓަށް ވެކްސިން ޖެހުމަށް ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔަސަސް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށްޓަކައެވެ.

"ގިނަ ވެކްސިންތައް މުއްސަނދި ގައުމުތަކަށް ދިޔުމުގެ ބަދަލުގައި، ގިނަ ވެކްސިންތައް އާމްދަނީ ކުޑަ ގައުމުތަކަށް ފޯރުކޮށްދެވޭނެ ގޮތެއް އެބަ ހަދަން ޖެހޭ،" ގެބްރެޔަސަސް ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯއިން އުންމީދު ކުރަނީ ޑިސެމްބަރު މަހާ ހަމަޔަށް ދުނިޔޭގެ އާބާދީގެ 40 ޕަސެންޓު މީހުންނަށް ކޮވިޑް ވެކްސިން ޖެހޭނެ ކަމަށެވެ. އަދި އެ ޖަމިއްޔާއިން މިހާރު އެދިފައި ވަނީ އަންނަ މަސް ނިމެންދެން ބޫސްޓާ ޑޯޒް ދިނުން ހުއްޓާލަން ކަމަށްވީނަމަވެސް، ވެކްސިން ޖަހާ ރޭޓު ދަށް ގައުމުތަކަށް ވެކްސިން ނުލިބޭ ނަމަ އެ މުއްދަތު އިތުރު ކުރަން ޖެހިދާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ޑަބްލިޔުއެޗްއޯއިން އެފަދައިން ބުނެފައި ވަނީ، އިސްރާއީލުން އެގައުމުގެ އުމުރުން ދުވަސްވީ މީހުންނަށް ބޫސްޓާ ޑޯޒްތައް ދޭން ފެށި ފަހުންނެވެ. އަދި ކޮވިޑްގެ ނުރައްކާ ބޮޑު މީހުންނަށް އަންނަ މަހުން ފެށިގެން ބޫސްޓާ ޑޯޒް ދޭނެ ކަމަށް ޖަރުމަންވިލާތުންވެސް ބުނި ފަހުންނެވެ.

comment ކޮމެންޓް