ތިން މަސްތެރޭ ދިހަހާސް މެމްބަރުންގެ ޓާގެޓު ހާސިލުވާނެ: އަދާލަތު

އާދާލަތު ޕާޓީން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި 10،000 މެމްބަރުން ހަމަކުރަން ކަނޑައަޅާފައިވާ ޓާގެޓް ހާސިލުކުރެވޭނެ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީގެ ތަރުޖަމާނު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު "ސަން"އަށް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން، އަތޮޅު ތަކަށް ދަތުރު ކުރުމުގައި ގޮންޖެހުން ތަކެއް އެބަހުރި ކަމަށެވެ.

އޭނާ ވިދާޅުވީ އަދާލަތު ޕާޓީއަށް 10،000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް ފެށިފަހުން މިވީ މަހެއްހާ ދުވަހުގެ ތެރޭގައި ވަރަށް ބޮޑު ކުރިއެރުން ތަކެއް ލިބެމުން އަންނަ ކަމަށެވެ.

"ކޮވިޑުގެ ރެސްޓްރިކްޝަން ތަކާ ހުރެ އަޅުގަނޑުމެންމެ ލީޑާޝިޕްގެ ޓީމްތައް އަތޮޅު ތަކަށް ދަތުރު ކުރުމުގަ ދަތިތައް އެބަހުރި. އަދި ގާތްގަނޑަކަށް މަހެއްހާ ދުވަސް މިވީ. މިވަގުތާ ހަމައަށް އުއްމީދު ކުރި ވަރަށްވުރެ ބޮޑަށް މިހާރުވެސް އަތޮޅު ތަކުގެ ގޮފިތައް ހަރަކާތްތެރި ވާން ފަށައިފި. އުއްމީދު ކުރަނީ ކުރިއަށް އޮތް ތިން ހަތަރު މަހެއްގެ ތެރޭގަ އަޅުގަނޑުމެން މި އަންދާޒާ ކުރާ ޓާގެޓައް ދެވޭނެ ކަމަށް،" ނަޒީރު ވިދާޅުވިއެވެ.

ފައިސާ ދީގެން ޕާޓީއަށް މެމްބަރުން ވައްދާ ކަމަށްބުނެ ދެކެވޭ ވާހަކަ ތަކާ ބެހޭ ގޮތުން ނަޒީރު ވިދާޅުވީ އަދާލަތު ޕާޓީ އަކީ ދައުލަތުން ދޭ ފައިސާއަށް ބަރޯސާ ވެގެން ސިޔާސީ ހަރަކާތް ހިންގާ ޕާޓީއެއް ކަމަށެވެ.

ނަޒީރު ވިދާޅުވީ ދައުލަތުގެ ބަޖެޓުން ޕާޓީ ތަކަށް ދޫކުރާ ފައިސާ، އެ ޕާޓީއަށް ނުލިބޭތާ ތިން އަހަރު ވެގެންދާއިރު ފައިސާ ދީގެން މެމްބަރުން ވެއްދުމުގެ ތަނަވަސްކަމެއް އަދާލަތު ޕާޓީގައި ނުހުންނާނެކަން ސަލާމަތް ބުއްދިއެއް ހުރި ކޮންމެ މީހަކަށްވެސް ވިސްނެން ޖެހޭނެ ކަމަށެވެ.

"މެމްބަރުން ހަމަ ކުރުމުގެ ހަރަކާތް ހިންގަންވެސް މި އުޅެނީ ސިޔާސީ ޕާޓީ ތަކަށް ދޭ ފައިސާއަށް ބަރޯސާ ވެގެން. ގާނޫނުތައް އޮންނަ ގޮތުން ދިހަހާސް މެމްބަރުން ހަމަނުވާތީވެ، ޕާޓީއަށް ފައިސާ ނުލިބޭތާ ދެތިން އަހަރެއް ވެއްޖެ. އެހެންވީމަ ފައިސާ ދީގެން މެމްބަރުން ވެއްދޭ ވަރުގެ ގާބިލް ކަމެއްވެސް މިވަގުތު އަޅުގަނޑުމެންގެ ނެތް،" ނަޒީރު ވިދާޅުވި އެވެ.

comment ކޮމެންޓް