ޖަޕާނު މަހެއްހެން ޕާޓީތައް އުފަންވިޔަސް ކަންބޮޑެއް ނުވޭ: ޝުޖާއު

ޕީޕީއެމް، ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދުވަސްވަރަކީ ޖަޕާނު މަހެއްހެން ޕާޓީތައް އުފަންވަމުން އަންނަ ދުވަސްވަރެއް ކަމަށާއި އެކަމާ އެއްވެސް ވަރަކަށް ކަންބޮޑުނުވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް، ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ އަލަށް އުފައްދާ ޕާޓީތަކަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރާ ޕާޓީތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ ހެޔޮނިޔަތުގައި ރާއްޖެއަށް ޚިދުމަތްކުރަން ބޭނުންވާ އެއްވެސް ސިޔާސީ ލީޑަރަކު މި ސަރުކާރު ރަނގަޅެއް ނުކުރާނެ ކަމަށެވެ.

"އަލަށް އުފަންވާ ޕާޓީތައް ވެސް އުފެދިފަ ހުރި ޕާޓީތައް ވެސް، ރައީސް ޔާމީންގެ ޕީޕީއެމް، ޕީއެންސީ ފިޔަވައި މި ސަރުކާރުހާ ރަނގަޅު ގައުމު އަޅުވެތިނުކޮށް އެބޭފުޅުންގެ ނަޒަރުގައި އިގްތިސޯދީގޮތުން ބައިވަރު މަސައްކަތްތަކެއް ކުރާ ވެރިއެއްގެ ގޮތުގައި ސިފަކުރައްވަމުން ގެންދަވަނީ. އެހެންނަމަވެސް ދިވެހި ރައްޔިތުން މިއަދު ގަބޫލުކުރަނީ ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާއި، ނުގެއްލޭ އެއްވެސް އެއްޗެއް ނެތް ކަމަށް،" ޝުޖާއު ވިދާޅުވިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި އުފައްދަވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ދަތުރުކުރަން ނިންމާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ ޕާޓީތަކުން ދަރުތައް ފެށުމުން ކަންބޮޑުނުވާ ކަމަށެވެ.

ޕާޓީއެއް އުފައްދަން މަސައްކަތް ކުރުމަކީ ޕީޕީއެމް، ޕީއެންސީން ކަންބޮޑުވާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޕީޕީއެމް، ޕީއެންސީން އަތޮޅުތަކަށް ޚާއްސަ ދަތުރުތަކެއް ކުރަން ނިންމާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"މަވެސް ޕީޕީއެމް" ގެ ނަމުގައި ފަށާ މި ދަތުރުތަކުގެ ފުރަތަމަ މަންޒިލަކީ ހއ. އަތޮޅު ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ 2023 ވަނަ އަހަރަށް ޕީޕީއެމްގެ މެނިފެސްޓޯ ތައްޔާރުކުރުމަށް ބޭނުންވާ ޚިޔާލު ހޯދުން ވެސް އެ ދަތުރުގައި ކުރިއަށްދާނެ ކަމަށެވެ.

މީގެއިތުރުން ޕީޕީއެމާ ގުޅެން ބޭނުންވާ މީހުންނަށް އެ ދަތުރުގެ ތެރެއިން ފުރުސަތު ފަހިކޮށްދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި ދަތުރުތަކުގައި އަޅުގަނޑުމެންނާ ގުޅިވަޑައިގަތުމަށް ޝައުގުވެރިވެވަޑައިގަންނަވާ ކައުންސިލަރުންނަށް ވެސް، މިނިވަން ކައުންސިލަރުންނަށް ވެސް އަދި އެހެނިހެން ޕާޓީތަކުގެ ކައުންސިލަރުންނަށް ވެސް ފުރުސަތު އޮންނާނެ ވާހަކަ މިފުރުސަތުގައި ދަންނަވަން،" ޝުޖާއު ވިދާޅުވިއެވެ.

ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ އެ ދަތުރުގައި ހއ. އަތޮޅުގެ 14 ރަށަކަށް އެބޭފުޅުން ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެރަށްތަކުން ޕީޕީއެމާ ގުޅެން ބޭނުންވާ މީހުން ތައްޔާރުވެތިބުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

comment ކޮމެންޓް