އިހުތިޖާޖު ކުރީ މަޖިލީހަށް ވަންނަން ހުރަސް އެޅީމަ: ޖާބިރު

ފެބްރުއަރީ 7، 2019: ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުން މަޖިލިސް ކުރިމަތީގައި އިއްޔެ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިހުތިޖާޖު ކުރެއްވީ މަޖިލިސް ކުރާ ގެޔަށް ވަނުމަށް ހުރަސް އެޅުމުންކަމަަށް ޖާބިރު ވިދާޅުވެއްޖެއެވެ.

މެމްބަރު ޖާބިރު އިއްޔެ ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި އޮށޯވެގެންއޮވެ އަޑުއުފުލާ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކާއި ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

ޖާބިރު މިއަދު "ސަން" އަށް ވިދާޅުވީ އޭނާއަކީ ޗުއްޓީ ދުވަސްވަރުގައިވެސް މަސައްކަތް ކުރާ ބޭފުޅެއް ކަމަށާއި އިއްޔެވެސް ދިޔައީ މަސައްކަތްކުރަން ކަމަށެވެ.

"އަޅުގަނޑުގެ އޮފީހެއް އިނދޭ މަޖިލީހުގައި. އަޅުގަނޑަކީ އޮފީހުގައި ޗުއްޓީ ދުވަސްވަރުގައިވެސް މަސައްކަތް ކުރާ މީހެއް،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ބައެއް ޑޮކިއުމަންޓްތައް ތައްޔާރުކުރަން އޮފީހަށް ވަންނަން އުޅުމުން މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިއްބަވާ ސިފައިން އެކަމަށް ހުރަސް އަޅާފައިވާކަމަށެވެ.

"އަޅުގަނޑު ބައެއް ޑޮކިއުމަންޓްތައް ހަދަން އޮފީސް ބޭނުންކުރަން އެދުނީމަ ސިފައިން އެކަމަށް ހުރަސް އަޅާ ވަދެނުދިން" ޖާބިރު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ރައީސް އޮފީހަށް ވަންނަން ހުރަސް ނޭޅޭނެހެން ޖާބިރުއަށްވެސް މަޖިލީހަށް ވަންނަން ހުރަސް އެޅިގެން ނުވާނެކަމަށް ޖާބިރު ވިދާޅުވިއެވެ.

"ކާށިދޫ ދާއިރާގެ ރައްޔިތުންނަށާއި ދިވެހި ރައްޔިތުންނަށް އަޅުގަނޑު ކޮށްދޭ މަސައްކަތަށް ހުރަސްއަޅާފަވާތީ އެމައްސަލަ ކުރިޔަށް ގެންދާނަން،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މިއަދުވެސް މަޖިލީހަށް ވަޑައިގެން މަސައްކަތް ކުރެވޭތޯ ބައްލަވާނެ ކަމަށާއި އެކަމަށް ހުރަސްނާޅުއްވާނެ ކަމަށް އުންމީދުކުރާކަމަށެވެ.

comment ކޮމެންޓް