އަޅުގަނޑުގެ ޕާސްޕޯޓް މިހާރު ދޫކޮށްލައިފި: ޖާބިރު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް މިހާރު ދޫކޮށްލައިފިކަމަށް ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިއަދު "ސަން" އަށް ވިދާޅުވީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފަ އޮތްކަން އޭނާއަށް މީގެ ކުރިން ނޭނގޭ ކަމަށާއި އެކަން އިނގުނީ ފުރަން ދިޔުމުން ކަމަށެެވެ. އަދި މިހާރު އެކަންތައް ހައްލުކުރުމަށްފަހު ޕާސްޕޯޓު ދޫކޮށްލައިފިކަމަށް ޖާބިރު ވިދާޅުވިއެވެ. އެނގިފައިވާ ގޮތުގައި ޖާބިރު ޕާސްޕޯޓް ހިފަހައްޓާފައިވާތާ ހަފްތާއެއްހާ ދުވަސް ވެއްޖެއެވެ.

ޖާބިރު ވިދާޅުވީ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޖާބިރުގެ ޢައިރު ހާޒިރުގަ މަދަނީ ކޯޓުން ނެރެފައިވާ އަމުރަކަށް ކަމަށެވެ.

"މީހަކަށް އަޅުގަނޑުމެންގެ ކުންފުނިން މުސާރަ ނުދޭ މައްސަލައެއްގަ އަޅުގަނޑުގެ ޢައިރު ހާޒިރުގަ މަދަނީ ކޯޓުން ނެރެފަ އޮތް އަމުރެއް އެއީ" ޖާބިރު ވިދާޅުވިއެވެ.

ކުންފުނިން މުސާރަ ނުދެވި އޮތް މީހާ ކުންފުންޏާއި ގުޅިފައިވަނީ ޖާބިރު ލަންޑަންގަ ހުންނަވަނިކޮށް އޭނާއަށް ނޭނގި ކަމަށް ޖާބިރު ވިދާޅުވިއެވެ. އެމީހާ ކުންފުންޏާއި ގުޅުނީ މިހާރު ކުންފުނީގައި ނޫޅޭ މީހަކާއި އެގްރީމެންޓެެއް ހަދައިގެން ކަންވެސް ޖާބިރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް ހުކުމެއް ކޮށްފަ ހުކުމް ތަންފީޒު ކޮށްފަ އޮންނަނީ އަޅުގަނޑުގެ ލަންޑަން ހުންނަވަނިކޮށް. އަޅުގަނޑަށް ނުވެސް އިނގޭނެތާ. އަޅުގަނޑަށް އިނގުނީމާ ކޯޓަށް ގޮސް އެކަންތައް ސާފުކޮށްދިނީމަ މިހާރު އެބައި ހަމަޖެހިއްޖެ" ޖާބިރު ވިދާޅުވިއެވެ.

ޕާސްޕޯޓް ދޫކޮށްލުމުން ވަރަށް އަވަހަށް މާކެޓިން ދަތުރެއްގައި ރާއްޖެއިން ބޭރަށް ފުރާ ވަޑައިގަންނަވާނެކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

މެމްބަރު ޖާބިރުގެ ޕާސްޕޯޓް ދޫކޮށްލައިފިތޯ "ސަން" އިން އިމިގްރޭޝަނާއި ސުވާލުކުރުމުން ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހަސަން ވިދާޅުވީ އަދި އެ މައްސަލައިގައި ޕާސްޕޮޓް ދޫކުރަން ކޯޓު އަމުރު ލިބިފައިނުވާކަމަށެވެ. އަދި އެ ކޯޓު އަމުރު ލިބުމުން ހާމަކުރާނެކަމަށެވެ.

comment ކޮމެންޓް