އިންތިގާލީ އިންސާފުގެ 19 މައްސަލައެއް ބަލަން ނިންމައިފި

ޗިފް އޮމްބަޑްސްޕާސަން، އަބްދުއްސަލާމް އާރިފް --

އިންތިގާލީ އިންސާފުގެ އޮމްބަޑްސް ޕާސަންގެ އޮފީހަށް މިހާތަނަށް ހުށަހެޅިފައިވާ 84 މައްސަލައިގެ ތެރެއިން 19 މައްސަލައެއް ތަހުގީގުކުރަން ނިންމައިފިއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލް އަހްމަދު ޔާމީން ވިދާޅުވީ މައްސަލަތައް ތަހުގީގުކުރަން ނިންމާއިރު ބަލަންޖެހޭ ބައިވަރު ކަންކަން ހުންނަ ކަމަށެވެ.

"މިހާރުވެސް މައްސަލަތައް ބަލައިގަތުމަށް ނިންމުމުގެ މަރުހަލާގައި ބައިވަރު މައްސަލަތައް އެބަހުރި. ވަރަށް ބާރަށް މަސައްކަތް ކުރިއަށް އެބަދޭ. ވީހާވެސް އަވަހަށް މައްސަލަތައް ނިންމަން ބޭނުންވާ ލިޔެކިޔުންތަކާއި އިދާރާތަކުން ބޭނުންވާ އެހީތެރިކަން ހޯދުމުގެ މަސައްކަތްވެސް ކުރިއަސް އެބަދޭ،" ޔާމީން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ކަމުގައި ވިކްޓިމައިޒް ވާ ފަރާތްތަކަށް އެހީތެރިވުމުގެ މަސައްކަތްވެސް އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އަދި ހުށަހެޅިފައިހުރި މައްސަލަތަކުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާކަމަށް ވެސް ވިދާޅުވިއެވެ.

މައްސަލަ ހުށަހަޅަން ބޭނުންވާ މީހުންނަށް އެ އޮފީހުންވެސް އަދި އެ އޮފީހުގެ ވެބްސައިޓުންވެސް ފޯމް ލިބެން ހުންނާނެކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ފޯމް ފުރުމަށްފަހު އީމެއިލް މެދުވެރިކޮށް ނުވަތަ އޮފީހުގެ ރިސެޕްޝަނަށްވެސް ހުށަހެޅުއްވޭނަކަމަށްވެސް ވިދާޅުވިއެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސް ޕާސަންގެ އޮފީހަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހަށް މިދިޔަ އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހު އުފައްދާފައިވާ އޮފީހެކެވެ.

އެ އޮފީހަށް ޗީފް އޮމްބަޑްސްޕާސަނަކާއި، ދެ އޮމްބަޑްސްޕާސަނުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވީ މިދިޔަ ޖެނުއަރީ 15 ވަނަ ދުވަހުއެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ މަގްސަދަކީ ދައުލަތުގެ މުއައްސަސާތަކުން، ދިވެހިރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ދެނެގަތުމެވެ. އަދި އެފަދަ ކަންތައްތައް ތަހުގީގުކޮށް ހަގީގަތާ ހަމައަށް ވާސިލްވުމެވެ.

comment ކޮމެންޓް