މަސްއޫދަށް ހަމަލާ ދިންކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްްފި

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދީ އިންޒާރުދިން މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ރޭ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެއްގައި ފެންނަގޮތުންނަމަ މަސްއޫދު ސައިކަލެއްގައި ދަނިކޮށް އެހެން ސައިކަލެއްގައި އައި މީހަކު ވަނީ އޭނާއަށް ހަމަލާދީފަ، އެތަނުން ފިލާފައެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލަކު މިއަދު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ 21:13 ގައި ކަށް ހާއިރު ދަނގަޑު ބުރިޔަކުން ހަމަލާ ދީ މާރާމާރީ ހިންގާފައިވާ މައްސަލައެއް ލ. ފޮނަދޫ ޕޮލިސް ސްޓޭޝަންއަށް ހުށައަޅައިފައިވާކަމަށެވެ.

މި މައްސަލައިގައި އަނިޔާވި މަސްއޫދަށް ފޮނަދޫ ހެލްތު ސެންޓަރުން ފަރުވާދީފައިވާ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިިއެވެ.

މާރާމާރީ ހިންގި މައްސަލައިގައި 36 އަހަރުގެ މީހަކު ރޭ ހައްޔަރުކޮށްފައިވާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"މާރާމާރީއާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން 36 އަހަރުގެ ދިވެހި ފިރިހެނަކު ރޭ 02:18 ހާއިރު ހައްޔަރު ކޮށްފައިވޭ،" މީޑިއާ އޮފިޝަަލް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މީޑީއާ އޮފިޝަލް ވިދާޅުވީ މި މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާކަމަށެވެ.

މިއީ މަސްއޫދަށް އަމާޒުކޮށް މިގޮތަށް ހިނގައިދިޔަ ފުރަތަމަ ހާދިސާއެއް ނޫނެވެ. މީގެ ކުރިން މަސްއޫދުގެ ކާރުގައިވެސް ވަނީ ރޯކޮށްލާފައެވެ. މި ހާދިސާތަކާ ގުޅިގެން މަސްއޫދުގެ ފަރާތުން ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

comment ކޮމެންޓް