އީރާނުގެ އައު ރައީސް ހުވާކުރުމުގެ ރަސްމިއްޔާތުގައި ސައުދީ މަންދުބަކާއެކު 73 ގައުމެއްގެ މަންދޫބުން

އީރާނުގެ ދީނީ މުރުޝިދު އައު ރައީސް އިބްރާހީމް ރައީސީ އަށް ރުހުން ދެއްވުމުގެ ރަސްމިއްޔާތު ގެ ތެރެއިން

ތެހެރާން (އޮގަސްޓް 04): މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އީރާނުގެ އައު ރައީސް އިބްރާހީމް ރައީސީ މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވުމަށް ސައުދީއަރަބިއާގެ މަންދޫބުން ހިމެނޭގޮތަށް ދުނިޔޭގެ 73 ގައުމެއްގެ މަންދޫބުން ބައިވެރިވާނެ ކަމަށް އީރާނުގެ ރަސްމީ މީޑިއާއިން ބުނެފިއެވެ.

އީރާނުގެ ރަސްމީ މިޑިއާ ބުނިގޮތުގައި މިރަސްމިއްޔާތުގައި ބައިވެރި ވުމަށް ދުނިޔޭގެ 73 ގައުމަކުން 115 މަންދޫބުން ތެހެރާނަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު މީގެތެރޭގައި 10 ގައުމެއް ވެރިން (ރައީސުންނާއި ބޮޑުވަޒީރުން) އަދި 20 ގައުމެއްގެ ޕާލަމެންޓްގެ ރައީސުން އަދި 11 ގައުމެއްގެ ޚާރިޖީ ވަޒީރުންނާއި 10 ގައުމެއްގެ ވަޒީރުން ހިމެނެއެވެ. ދެން ހިމެނެނީ ވަޒީރުންނަށް ވުރެ ދަށު ލެވެލްގެ މަންދޫބުންނެވެ.

މީގެއިތުރުން އދ. އާއި ޔޫރަޕްގެ އިއްތިޙާދުފަދަ ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކުގެ މަންދޫބުންވެސް އީރާނުގެ އައު ރައީސް ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވާނެކަމަށާ އދ. އާއި ޔޫރަޕްގެ މަންދޫބުން މިހާރު ތެހެރާނަށް ވަޑައިގެންފައިވާ ކަމަށްވެސް އީރާނުގެ މީޑިއާ ބުނެއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް ހަސަން ރޫހާނީ އާއި މަގާމާ ހަވަލުވެ ވަޑައިގެންނެވި ރައީސް އިބްރާހީމް ރައީސީ

އީރާނުގެ ރައީސް މަގާމާ ހަވާލުވުމުގެ ތިން މަރުހަލާ އެއް އޮވެއެވެ. މީގެތެރެއިން ފުރަތަމަ މަރުހަލާއަކީ އީރާނުގެ ރޫހީ ލީޑަރު ނުވަތަ ދީނީ މުރުޝިދު ގެ ރުހުން ދިނުމަށް ބައްވާ ތަންފީޒީ ރަސްމިއްޔާތެވެ. އިއްޔެވަނީ މިރަސްމިއްޔާތު ބާއްވައި، އީރާނުގެ ދީނީ މުރުޝިދު އާޔަތުﷲ އަލީ ޚަމަނާއި ރުހުން އީރާނުގެ އައުރައީސް އިބްރާހީމް ރައީސީ އަށް ދެއްވާފައެވެ. މާދަމާ ބޭއްވުމަށް ހަމަޖެހިފައިވަނީ އީރާނުގެ ރައްޔިތުންގެ މަންދޫބުން ކަމަށްވާ ޕާލަމެންޓްގެ ކުރިމަތީގައި އައު ރައީސް މަގާމުގުގެ ގާނޫނީ ހުވާކުރެއްވުމުގެ ރަސްމިއްޔާތެވެ.

އީރާނުގެ ރައީސް މަގާމާ ހަވާލުވުމުގެ މައި ރަސްމިއްޔާތަކީ މިއީއެވެ. ގައުމުތަކުގެ މަންދޫބުން މައިގަނޑު ގޮތެއްގައި ހާޒިރުވަނީ މިރަސްމިއްޔާތަށެވެ. އެއަށްފަހު އޮންނާނީ އީރާނުގެ ޕާލަމެންޓުން އައުރައީސްގެ ކެބިނެޓަށް ރުހުން ދިނުމަށް ބާއްވާ ޕާލަމެންޓްގެ ޖަލްސާއެވެ. މިޖަލްސާގައި ޕާލަމެންޓްގެ ރުހުން ލިބޭ މަންދޫބުން އެވަގުތު މަގާމުގެ ހުވާ ކުރައްވާނެއެވެ. މިހިސާބުން އީރާނުގެ އައު ރައީސް މަގާމާ ހަވާލުވުމުގެ ހުރިހާ ކަމެއް ނިމުނީއެވެ.

އީރާނުގެ ރޫހީ ލީޑަރު ނުވަތަ ދީނީ މުރުޝިދު ގެ ރުހުން އައު ރައީސް އިބްރާހީމް ރައީސީ އަށް ދިނުމަށް އިއްޔެ ބޭއްވި ތަންފީޒީ ރަސްމިއްޔާތަށްފަހު ގައުމާ މުޚާބަތު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައި އޭނާވަނީ އީރާނުގެ ގައުމީ މަސްލަހަތާ ގުޅޭކަންކަމުގައި ނޫނީ އީރާނުން އެމެރިކާއާއި ޔޫރަޕާ ވާހަކަ ނުދައްކާނެކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވުމާބެހޭގޮތުން އީރާނާއި އެމެރިކާއާ ދެމެދު ފަށާފައިވާ މަޝްވަރާތައް ކުރިޔަށް ގެންދާނެކަމަށް އައު ރައީސް ވިދާޅުވިއެވެ. ނަމަވެސް އެމެރިކާގެ ކުރިމަތީގައި އީރާންގެ ރައްޔިތުންގެ ދިރިއުޅުމާއި އީރާނުގެ މަސްލަހަތު ގުރުބާން ނުކުރާނެކަމަށާ އީރާނަށް ހުރިހަ ގޮތަކުންވެސް މަސްލަހަތު ހުރިކަންކަމަށް މެނުވީ އެމަޝްވަރާތަކުގައި އެއްބަސްނުވާނެކަމަށް އައު ރައީސް އިބްރާހީމް ރައީސީ ވިދާޅުވިއެވެ.

comment ކޮމެންޓް