އޮލިމްޕިކްސް: ފައިނަލުގައި ބްރެޒިލްއާއި ސްޕެއިނުގެ ވަރުގަދަ ކުރިމަތިލުމެއް

އޮލިމްޕިކްސްގެ ސެމީ ފައިނަލުގައި ޖަޕާނު ކޮޅަށް ގޯލު ޖެހުމަށްފަހު އެސެންސިއޯ އުފާފާޅު ކުރަނީ --- ފޮޓޯ/ ބީބީސީ ސްޕޯޓްސް

މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ފުޓުބޯޅަ އިވެންޓުގެ ފިރިހެން ޑިވިޝަނުގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލްއާއި ސްޕެއިން ދަތުރުކޮށްފިއެވެ.

މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ ސެމީގައި ބްރެޒިލްއިން ވަނީ ޕެނަލްޓީ ޖަހައިގެން 4-1 އިން މެކްސިކޯ ބަލިކޮށްފަ އެވެ. ދެވަނަ ސެމީިގައި އިތުުރު ވަގުތުގެ ދެވަނަ ހާފްގައި ސްޕެއިންއިން ވައްދާލި ގޯލުން ވަނީ 1-0 އިން މި ފަހަރުގެ ގޭމްސްގެ ހޯސްޓް ޖަޕާން ބަލިކޮށްފައެވެ.

އެއާއެކު ޔޫރަޕާއި ދެކުނު އެމެރިކާގެ ގަދަ ދެ ބާރު ފައިނަލަށް ދަތުރު ކުރި އިރު، އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް ސްޓޭޑިއަމް އޮފް ޔޮކޮހަމާގައި އަންނަ ހޮނިހިރު ދުވަހު އެވެ.

ޑިފެންޑިން ޗެމްޕިއަނުންކަމުގައިވާ ބްރެޒިލްއިން އިއްޔެ ކުޅުނު ސެމީ ފައިނަލުގެ މެޗުން ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރުނުއިރު، އެ ޓީމުން ވަނީ ނެގި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ ކެޕްޓަން ޑެނީ އަލްވޭސް، ގަބްރިއެލް މާޓިނޭލީ، ބްރޫނޯ ހީމާރޭސް އަދި ރެއިނީއޭ ހީސޫސްއެވެ.

ޖަޕާނު އަތުން ފަހުވަގުތު މޮޅުވި ސްޕޭއިންއަށް އިތުރު ވަގުތު ގޯލު ޖަހައިދިނީ ރެއާލް މެޑްރިޑްގެ ތަރި މާކޯ އެސެންސިއޯއެވެ.

މިއީ ބްރެޒިލުން ޖެހިޖެހިގެން މި މުބާރާތުގެ ފައިނަލްގައި ކުޅޭ ތިން ވަނަ ފަހަރެވެ. ލަންޑަން އޮލިމްޕިކްސްގައި 2012 ވަނަ އަހަރު ބްރެޒިލް ބަލިވީ ފައިނަލްގައި މެކްސިކޯ އަތުންނެވެ. އޭގެ ފަހުން 2016 ވަނަ އަހަރު އަމިއްލަ ފަސް ގަނޑުގައި ވަނީ ޖަރުމަނު ބަލިކޮށް ރަން މެޑަލް ހޯދައިފައެވެ.

މި މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ޖަޕާނާއި މެކްސިކޯ ވާދަކުރާ އިރު، އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ. މި ދެ ޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން 1-2 ގެ ނަތީޖާއަކުން ކުރި ހޯދީ ޖަޕާނެވެ.

comment ކޮމެންޓް