އަމިއްލަ ފައިމައްޗަށް ތެދުވުމަށްފަހު، އީން ރާއްޖެ އައީ، ރާއްޖޭގެ ގިނަ ކަންތައްތަކެއް ދަސްކޮށްގެންނެވެ. ބޭނުމަކަށްވީ، އޭނާގެ ބައްޕަ އާއި ބައްދަލު ކުރުމެވެ. އެކަމަކު، މާޔޫސްކަން ފިޔަވައި އިތުރު އެއްޗެއް އީންއަކަށް ނުލިބުނެވެ. އެތައް މަސައްކަތަކަށްފަހުގައިވެސް، އީންއަށް އޭނާގެ ބައްޕަ އާއި ބައްދަލުވާގޮތެއް ނުވިއެވެ. އެއީ ކާކުކަން އެނގޭ މީހަކުވެސް ނެތެވެ. އީން ރަޖިސްޓްރީކޮށްފައި އޮތީ ދަފްތަރުގައިކަމުން، އާއިލާގެ މައުލޫމާތު ހޯދޭގޮތެއް ނުވިއެވެ. ފުލުހުންގެ އިދާރާއިން ބައްޕަ އާއި ބެހޭ މައުލޫމާތު ހޯދަން އީން މަސައްކަތް ކުރިއެވެ. އެކަމަކު، އީންގެ މައުލޫމާތުތަކުގެ ތެރެއިން ފެންނަން އޮތީ، ހަމައެކަނި އޭނާގެ ބައްޕަގެ ނަން އެކަންޏެވެ. އިތުރު މައުލޫމާތެއް ނެތެވެ. ފުލުހުންގެ ރެކޯޑުތައް ބަލަހައްޓަނީ ވަރަށް ރައްކާތެރިކޮށެވެ. ކޮންމެ މީހަކަށް އެ ރެކޯޑުތައް ބެލުމުގެ ހުއްދައެއް ނޯވެއެވެ. އެކަން ކުރަން ތިބެނީ، ވަކި ޚާއްސަ ބައެކެވެ. އެއްވެސް ފުލުހަކަށް، އެހެން މީހެއްގެ ރެކޯޑުތައް ބެލެނީ، ފުލުހުންގެ އިސްވެރިންގެ ވަކި ޚާއްސަ ހުއްދައެއް ލިބިގެންނެވެ. އެ ހުއްދަ ލިބެނީ، ހަމައެކަނި ތަހުގީގުތަކާއި ގުޅޭ ކަންކަމުގައި އެކަންޏެވެ. އެތައް ފަހަރަކު މަސައްކަތްކޮށްގެން ވެސް، ބައްޕަ އާއި ގުޅޭ މައުލޫމާތު އީންއަށް އޮތީ ނުލިބިފައެވެ.

*********

ފޯނު ކަންފަތުގައި ޖެހިގޮތަށް އީން އިނީ ޚިޔާލަކަށް ގެއްލިފައެވެ. އޭނާއަށް ހަމަހޭވެރިކަންވީ، އަސޫމީ ދެތިން ފަހަރަކު ގޮވައިލުމުންނެވެ.

"ދަރިފުޅާ!... މާ ބިޒީތަ؟..." އަސޫމީ ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ.

އަސޫމީގެ އަޑު ޖެހުމުން އީން ދެރަވިއެވެ. އަމިއްލަ ހާލު މަންމައަށް ކިޔައިދޭން އޭނާ ބޭނުންވިއެވެ. އެކަމަކު، އެކަން ކޮށްފިނަމަ، ފަހުން ހިތާމަކުރަން ޖެހޭނީވެސް ހުދު އީންއަށްކަން އޭނާއަށް އެނގެއެވެ.

"ނޫނޭ މަންމާ... މަންމައަށް އެނގެއެއްނު އީން މަންމައަށް ނުގުޅާނެކަން އެހާ ބިޒީ ގަޑިއެއްގަ..." ހިތުގެ އިހުސާސްތައް ފޮރުވަމުން އީން ހީނލީ، ގަދަކަމުން ކަހަލަ ގޮތަކަށެވެ. "އީން މަންމަދެކެ އެހާ ލޯބިވެއޭ..."

"މިހާރު ތިއުޅެނީ މަންމަ ހައްދާލަންވެގެން..." އަސޫމީ، ކަރުކެހިލި އެވެ. "ދަރިފުޅާ!... ޔަޤީންތަ ދަރިފުޅުގެ ހުރިހާ ކަމެއް ރަނގަޅުކަން... މަންމައަށް ހާދަ ހީވެއޭ ދަރިފުޅު ބަލިހެން..."

"މަންމަ އަބަދު ބުނާނެ ތިހެން..." ޝަކުވާގެ ރާގެއްގައި އީން ބުންޏެވެ. "މަންމަ ތިހެން ކިޔާކިޔާ ގޮސް ދެން އީން ބަލިވާނީ..."

"ދެން ކޮންއިރަކުންތަ މަންމަ ކައިރިއަށް ބަދަލުވާނީ؟..." އަސޫމީ އަހައިލިއެވެ.

"މަންމަ އައިސްބަލަ އީން ކައިރިއަށް... ޕްލީޒް..." އަކުރުތަކަށް ދަމައިލަމުން އީން ބުންޏެވެ.

"މަންމަ މިހާރު ބިރުގަންނަން ފަށައިފި... މަންމައަށް ހީވަނީ ދަރިފުޅު ދެން ނާންނާނެއޭ..." އަސޫމީ ދޫކޮށްލީ، ފުން ނޭވާއެކެވެ. "ހިތަށް އަރާ، އޭރު މަންމަގެ އުފަން ފަސްގަނޑަށް ދަރިފުޅު ރަޖިސްޓްރީ ކުރެވުނު ނަމައޭ..."

"މަންމަ ބިރު ނުގަނެބަލަ... މީ ދިވެހިރާއްޖެއޭ... މިތާކު ނޫޅޭނެ ސީރިއަލް ކިލަރއެއް... އަނެއްކާ މިތާކު ނުހުންނާނެއޭ ބޮމެއްވެސް..." ޔުނާންގެ މަތިން ހަނދާންކޮށްލަމުން އީން ބުންޏެވެ.

"އެކަމަކުވެސް ދަރިފުޅު ތިހުރީ މަންމައާ ދުރުގައެއްނު..." އަސޫމީ ވާހަކަ ދެއްކީ މޮޅިވެރި ރާގަކަށެވެ. އީންގެ ނިންމުން ބަދަލު ނުކުރާނެކަމުގެ ޔަގީންކަން އޭނާއަށް ލިބިފައިވާ ކަހަލަ އެވެ. "ދަރިފުޅު އެހާ ބޭނުންވީމަ މަންމަ ދަރިފުޅު ފޮނުވީ... ބުނީމެއްނު މާ ގިނަ ދުވަހަކަށް ނޫނޭ... ދެން އަވަހަށް މަންމަ ކައިރިއަށް އަންނަން އުޅޭ... ދަރިފުޅު ނެތީމަ، މަންމަ މިހުންނަނީ ވަރަށް ދެރަވެފަ..."

"މަންމާ!..." އީން ގޮވައިލިއެވެ. "އެހާ އަވަހަށް ޖޮބުން ކެނޑެންވީ؟..."

"ކެނޑިގެންވިޔަސް ދަރިފުޅު މަންމަ ކައިރިއަށް އާދޭ... ދަރިފުޅު ވަޒީފާއަކަށް ނުދިޔަސް، ދަތިވާނެ އެއްވެސް ކަމެއް ނޯންނާނެ..." އަސޫމީ ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. "މިހާރަކަށް އައިސް މަންމަ އެބަ ވަރަށް ހިތްބިރުގަނޭ... ކޮންމެވެސް ބޮޑުކަމެއް ވާންއުޅޭހެން ހީވަނީ..."

އީންއަށް ހިންދިރުވައިލެވުނެވެ. ކިތަންމެ ދުރުގައި ހުއްޓަސް، މައިންނަށް އެމީހުންގެ ދަރިންގެ އިހުސާސްތައް އެނގޭނެއޭ ބުނާ ބަސް ތެދެވެ. ހަސްފަތާލުގައި އޮތް ވާހަކަ އީން އޭނާގެ މަންމައަށް ސިއްރުކުރީވެސް އަސޫމީ ކަންބޮޑުވާނެކަން އެނގޭތީއެވެ. ހަގީގަތަކީ، ދިމާވި ހާދިސާއަށްފަހު، އީން ހިތް ބިރުގަނެފައިވީ ކަމެވެ. އެކަނި އޮންނަން ޖެހިލުންވާ ކަމެވެ. ލޯބިވާ މަންމަގެ އަތުގެ ފިރުމުންތަކަށް އޭނާ ވަނީ އިންތިހާއަށް ބޭނުންވެފައެވެ.

"މަންމާ!... ތިކަހަލަ ކަންކަމާ ވިސްނާފަ ބޯ ނުގޮއްވަބަލަ..." ވިސްނައިދޭ ކަހަލަ ރާގެއްގައި އީން ބުންޏެވެ. "އީން ސުވާލެއް ކޮށްލަންތަ މަންމާ؟..."

"މީގެ ކުރިންވެސް ދަރިފުޅު ސުވާލު ކުރަނީ މަންމަ ކައިރީ އަހާފަތަ؟..." އަސޫމީ މަޑުމަޑުން ހީނލިއެވެ. "ދަރިފުޅު މިހާރު ތިހުރީ މާ ރަސްމީވެފަ..."

"ހަމަ އެންމެ ސުވާލެއް އިނގޭ މަންމާ... އޭގެ ފަހުން އީން އެއްވެސް ސުވާލެއް ނުކުރާނަން... އެކަމަކު މަންމަ ވާނެ އީންއަށް ތެދަށް ބުނެދޭން..." އީންގެ އަޑުގައި ސަމާސާގެ އަސަރެއް ނެތެވެ.

ނޭވާ ހިފަހައްޓައިލަން އަސޫމީއަށް މަޖުބޫރުވިއެވެ. އީން ކުރަން އުޅެނީ ކޮންކަހަލަ ސުވާލެއްކަން އޭނާއަށް ކޮންމެވެސް ވަރަކަށް އެނގުނު ކަހަލައެވެ. އެ ދުވަހެއް އައިސްދާނެތީ އަސޫމީ ބިރުން އުޅުނު ދުވަސް އައީކަން އޭނާއަށް އެނގުނެވެ.

"އީން ނޫން އިތުރު ކުއްޖަކު މަންމައަށް ލިބުނުތަ؟..." އަސޫމީގެ ހުއްދަ ލިބުމާއިއެކު އީން ސުވާލު ކުރިއެވެ. "މިބުނީ، އީންގެ ދައްތައެއް ނޫނީ ކޮއްކޮއެއް ހުންނާނެހޭ؟..."

އަސޫމީގެ އަތުން ފޯނު ދޫވެގެން ވެއްޓުނެވެ. މުށިތަކުގެ މަތީގައި ފޯނު ޖެހުމާއިއެކު، އީންއަށް އިވުނީ ގަދަ އަޑުފަށްގަނޑެކެވެ. އެއާއިއެކު، ކޯލު ކެނޑުނެވެ. އީން އޭނާގެ މަންމައަށް ގޮވަމުން، ފޯނުގެ އިސްކުރީނަށް ބަލައިލިއެވެ. ކޯލު އޮތީ ކެނޑިފައެވެ. އަލުން އަސޫމީގެ ފޯނަށް އޭނާ ގުޅިއެވެ. އެކަމަކު، ފޯނު އޮތީ ނިވާލާފައެވެ.

ޔުނާން އެތެރެއަށް ވަންއިރު، އީން އިނީ އޭނަގެ ފޯނު ދަތްދޮޅީގައި ޖައްސާލައިގެންނެވެ. މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރެވެ. އީން އިންގޮތް ފެނި، ޔުނާން އެ މޫނަށް ބަލަން އިރުކޮޅަކު ހުއްޓެވެ.

"ހެލޯ ސްޓްރޯންގް ގާލް..." ޔުނާންގެ އަޑު އިވުމުން، އީން ބަލައިލިއެވެ. "ކިހިނެއްވެފަ؟... ކަމެއް ގޯސްވީތަ؟... ނޫނީ އަހަރެން ނައިސްގެންތަ؟..."

އީން ބޯ ޖަހާލިއެވެ. އެކަމަކު އިތުރު ތަފްސީލަކަށް ނުދިޔައެވެ. ޔުނާން ވެސް އިތުރަށް އެކަމާއި ބެހޭގޮތުން ސުވާލެއް ނުކުރެއެވެ. ޔުނާން ބޭނުންވީ، އީން އަމިއްލައަށް ބޭނުންވެގެން އޭނަ އާއި އެ ވާހަކައެއް ހިއްސާ ކުރާށެވެ. އެއްވެސް ކަމެއްގައި އީންއަށް މަޖުބޫރުކުރާ މީހަކަށްވާކަށް ޔުނާން ބޭނުމެއް ނުވެއެވެ.

"ތަންތަނާ!..." ފުރަގަހަށް ލާފައި އޮތް އަތް ކުރިމައްޗަށް ގެންނަމުން ޔުނާން ބުންޏެވެ.

އީންއަށް ޔުނާންގެ އަތުގައި އޮތް މުސަޅު ފެނުމާއިއެކު ދެލޯ ވިދައިގަތެވެ. އަވަހަށް އެނދުން ތެދުވެގެން ގޮސް ޔުނާންގެ އަތުން އެ މުސަޅު އަތުލިއެވެ.

"ހާދަ ލޯތްބޭ..." މުސަޅު ގެންގޮސް މެޔާލައި ބޮނޑިކޮށްލަމުން އީން ބުންޏެވެ. "ތޭންކް ޔޫ... ދެން ގިނަގިނައިން ހޮސްޕިޓަލަށް އަންނާނީ... އޭރުން މީގެ އެއްޗެހި ލިބޭނެއެއްނު...."

ޔުނާން އުފަލުން ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭނގުނެވެ. އެއިން ދުވަހެއްގައިވެސް އޭނަ އެހާ އުފަލެއް ނުވެއެވެ.

"އީން ބަލިނުވިޔަސް، އަހަރެން ތީގެ އެއްޗެހި ގެންގޮސްދީފާނަމޭ..." ޔުނާން ބުންޏެވެ. "ތިހެން ބަލިވާހިތުން އުޅެންޏާ އަތުލާނަން އިނގޭ..."

"ދީފަ އަތެއް ނުލެވޭނެ..." އީން ލޯ އަޅައިލިއެވެ.

"ކީއްކުރާށޯ އެންގްރީބާޑް އެ އައީ؟..." މައުޟޫޢު ބަދަލުކޮށްލުމުގެގޮތުން ޔުނާން ސުވާލު ކުރިއެވެ.

"އެންގްރީބާޑްއޭ؟...." އީން ޖަހައިލީ ހިނިގަނޑެކެވެ.

އީންގެ ހަނދާނަށް އައީ، އޭގެ ކުޑަ އިރުކޮޅެއް ކުރީގެ ހާދިސާއެވެ. ބޭއިހްތިޔާރުގައި އޭނައަށް ހިނިތުންވެލެވުނެވެ. ޔުނާންއަށް އެ މަންޒަރު ރީތިކޮށް ފެނުނެވެ. އޭނަގެ ލޮލުގައި އަޅައިގަތީ، އީންގެ ކައިރީގައި އޮތް މާބޮނޑިއެވެ. އެއީ ކާވިން ގެނައި އެއްޗެއް ކަން އެނގުމުން، ޔުނާންގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ.

"ހުރިހާ ކަމެއް ކޮއްފަ ދެން ކީއްކުރަން ގެނެސްދިން އެއްޗެއް... އީންގެ ހިތުގަ ޖައްސާފަ މާބޮނޑިއެއް ދިނަކަސް، ވީކަމެއް ނުވާކަމަކަށް ނުހެދޭނެ... ތި އެއްލާލަން ހިނގާ، އެކަހަލަ މީހަކު ދޭ އެއްޗެއް ބާއްވާނެ ކަމެއް ނެތް..." ޔުނާން އުޅުނީ މާބޮނޑި ނަގައި ޑަސްޕިނަށް ލާށެވެ.

އީން ވަގުތުން އެކަން ހުއްޓުވިއެވެ.

"މީހަކު ކަމެއް ކުރިޔަސް، ތި މާބޮނޑީގެ ކުށެއް ނެތެއްނު..." މާބޮނޑި ގެންގޮސް ކުރީގައި އޮތް ތަނުގައި ބާއްވައިލަމުން އީން ބުންޏެވެ.

********

ތަހުގީގުކުރާ ބައިން ނުކުމެގެން އައި ކާވިންގެ ނަޒަރު ހުއްޓިފައިވީ، އޭނާގެ ފޯނަށެވެ. ތުންފަތުގައިވި ލުއި ހިނިތުންވުން ދޭހަކޮށްދެނީ އޭނައަށް ލިބިފައިވާ އުފާވެރިކަމެވެ. އިސްކްރީނުން ފެންނަމުން ދިޔައީ އޭނާ އުފާވާފަދަ މަންޒަރެއްކަން ގައިމެވެ. ތަނުގެ ތެރޭގައި ހަރަކާތްތެރިވަމުންދިޔަ މުވައްޒަފުންތައް އަޖައިބުވެފައި ކާވިންއަށް ބަލަން ތިއްބެވެ. އެ ނޫނީ ކާވިން ހިނިތުންވެލައިގެން ހުއްޓައި އެއިން މީހަކަށް ފެނިފައެއް ނުވެއެވެ. އެންމެންގެ ހިތުގައި އުފެދުނީ އެއް ސުވާލެކެވެ. އެފަދަ ހިނިތުންވުމެއް ކާވިންގެ ތުންފަތަށް ގެނުވީ ކާކު ހެއްޔެވެ؟

އީން ސޯސަލްމީޑިއާއަށް ލާފައިވާ ފޮޓޯއަށް ބަލަމުންދިޔަ ކާވިންގެ ހިތަށް ވަނީ ނޭނގޭ އުފާވެރިކަމެއް ލިބިފައެވެ. އޭނާގެ ކުޑަކުޑަ ހަދިޔާ އީންއަށް އެހާބޮޑަށް ކަމުދާނެކަމަށް އޭނާ ހީވެސް ނުކުރެއެވެ. ތަސްވީރާއިއެކު އީން ހިއްސާކޮށްފައިވާ އިބާރާތްކޮޅު ކިޔުނު އަދަދުވެސް ކާވިންއަކަށް ނޭނގުނެވެ.

"ސާހީކަމާއި ހައިބަތު ދައްކުވައިދޭ ހުދު ފިނިފެންމަލަކީ އަހަރެންގެ ހިތުގެ ދިރުން... މުޅި ދުވަސް އުޖާލާވެއްޖެ... ތޭންކްސް ޓު ސަމްވަން..." ކާވިން އޭނާގެ ހިތުގެ އަޑިން އެ އިބާރާތްކޮޅު ތަކުރާރުކޮށް ކިޔައިލިއެވެ.

"މޮޔަ އަންހެން ކުއްޖާ..." ކާވިންއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އެއާއިއެކު އޭނައަށް ހެވިއްޖެއެވެ.

ކާވިންއަށް އޭނާގެ ފޯނުން ނަޒަރު ވަކިކޮށްލަން ހަނދާން ނެތިފައިވާ ކަހަލައެވެ. ކުރިއަށް ހިނގަމުން ދިޔައީ، ހުރެވުނީ، ކޮންތާކު ކަން ނޭނގޭ ހާލުގައެވެ. ކާވިން ހޯދަމުން ނުކުތް ލަޔާންގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ފޯނުގެ ތެރެއަށް ގޮސް ގެއްލިފައި ހުރެގެން ކާވިން ދިޔައީ، ސޯފާތަކާއި ދިމާއަށެވެ. އިދާރީ ބައިގައި ކުލަލާން ގެންގުޅުނު ސާމާނުތައް ހުރީ އެތަނުގައި ބަހައްޓާފައެވެ. ހުރިހާ މުވައްޒަފުން ވެސް ދެލޯ ބޮޑުކޮށްގެން ބަލަން ތިއްބެވެ. އެކަކަށް ވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. ލަޔާންއަކަށް ނުހުރެވުނެވެ. އޭނަ ކާވިންއަށް ގޮވާލައިފިއެވެ. ދެ ފަހަރަކު ގޮވައިލުމުން ވެސް، ކާވިންއަށް އެ އަޑެއް ނީވުނެވެ. އެންމެފަހުން ލަޔާންއަށް މަޖުބޫރުވީ، އެހެން ގޮތަކުން ކާވިން ހުއްޓުވާށެވެ.

ކާވިންގެ ފިޔަވަޅުތައް ހުއްޓުނީ، އޭނަގެ ކޮނޑުމަތީގައި ކޮންމެވެސް މީހަކު އަތް ބާއްވައިލުމުންނެވެ. އޭނަ ފަސްއެނބުރި ބަލައިލިއިރު، ކުރިމަތީގައި ހުރި ލަޔާން ފެނި، ދެބުމަ ކައިރިކޮށްލައިފިއެވެ.

"ސޮރީ ސަރ... އެއްޗެހިތައް ހުރީމަ..." ކުރިމަތީގައި ހުރި އެއްޗެހިތައް ދައްކައިލަމުން ލަޔާން އިސްޖަހައިލީ ކުށްވެރިއަކު ފަދައިންނެވެ.

ވީގޮތް އެނގުމުން، ކާވިންއަށް ދޫކޮށްލެވުނީ ފުން ނޭވާ އެކެވެ. އޭނަ ކަރު ކެހިލުމަށްފަހު، އަތުގައި އޮތް ފޯނު، ޖީބަށް ލިއެވެ.

"ސަރ!... އިޓްސް އާޖެންޓް..... ވަރަށް އަވަހަށް އަޅުގަނޑާއެކީ ދުރުވެބަލަ...." ދާންވީ މިސްރާބު ދައްކައިލަމުން ލަޔާން ބުންޏެވެ.

********

ސޯސަލްމީޑިއާއަށް ލާފައިވާ ތަސްވީރަށް ލިބިފައިވާ ކޮމެންޓްތައް ކިޔަން، އީން އޮތެވެ. އެކި ހިސާބުތަކުގައި ތިބި އެކުވެރިންގެ ފަރާތުން އޮހެމުންދިޔަ ތައުރީފުގެ ބަސްތަކުން، އޭނަގެ ތުންފަތްމަތީން ހިނިތުންވުން ފިލައި ނުދެއެވެ. ތައުރީފުގެ ކޮންމެ ބަސްކޮޅަކާއިއެކު، އޭނައަށް ޖަހައިލެވެނީ ލުއި ހިނިގަނޑެކެވެ.

އީންގެ ދެލޯ ވިދައިގަތީ، އޭނަގެ ފޮޓޯއަށް ކާވިންގެ ކޮމެންޓެއް ލިބުނުކަން އެނގުމުންނެވެ. ކާވިން ފޮނުވާފައި އޮތީ، ކުޑަ ބެއަރ އެއް ހިތެއް ހިފައިގެން އިންނަ "ސްޓިކަރ" އެކެވެ. އީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނަ ފުންމައިގެން ތެދުވިއެވެ. ގަބޫލު ކުރަން ދަތިވެގެން އަވަސްއަވަހަށް އެސްފިޔަ ޖަހައިލިއެވެ. އެތައް އިރަކު އެ "ސްޓިކަރ"އަށް ބަލަން އޭނަ އިނެވެ. ދެން ކުއްލިއަކަށް އެނދުމައްޗަށް ވެއްޓިގަނެފައި، ފޯނު ގެންގޮސް މޭގައި ޖައްސާލައިފިއެވެ.

އީންގެ ހިތް ވަނީ ސުވާލުތަކުން ފުރިފައެވެ. އެއީ ހަމަ ކާވިން ކުރި ކޮމެންޓެއް ހެއްޔެވެ؟ ނޫނީ ކާވިންގެ ނަމުގައި އެހެން މީހަކު ހަދާފައިވާ އައިޑީއަކުން ކުރި ކޮމެންޓެއް ހެއްޔެވެ؟ އެފަދަ އެއްޗެއް އެންމެންނަށް ފެންނަގޮތަށް ކާވިން އެ ފޮނުވީ ކީއްވެ ހެއްޔެވެ؟ ކޮންމެވެސް ސަބަބެއް އޭގެ ފަހަތުގައި ފޮރުވިފައި އޮންނާނެއެވެ؟

ކާވިންގެ އައިޑީއިން ކޮށްފައިވާ ހުރިހާ ޕޯސްޓެއް އީން ބެލިއެވެ. ދިރިއުޅުމުގެ އެއްވެސް ކަމެއް ޚިއްސާކޮށްފައެއް ނެތެވެ. މުޅީންވެސް ހުރީ، ތަފާތު މާހައުލުތަކުގެ ތަސްވީރުތަކެވެ. ގަވާއިދުތަކާއި ގުޅޭ ލިޔުންތަކެވެ. ހުދު ކާވިންގެ އަމިއްލަ ތަސްވީރެއްވެސް ހިއްސާކޮށްފައި ނުވެއެވެ.

"ކީއްކުރަން ގެންގުޅޭ އައިޑީއެއްތަ؟..." އީންގެ މޫނުން ފެނުނީ ފޫހިކަމެވެ. ފޯނު ދުރަށް ހޫރައިލާފައި، ބާލީހަކުން މޫނު ފޮރުވައިލިއެވެ.

********

ލަޔާން އާއި އެކުގައި ލިފްޓްގެ ތެރެއިން ނުކުތް ކާވިންގެ މޫނުމަތީގައި ވަނީ ކަންބޮޑުވުމުގެ އަސަރެވެ. ދެމީހުން އެކުގައި ގޮސް ވަނީ، އައިޓީ ސެކްޝަނަށެވެ. ތަނުގައި ހަރަކާތްތެރިވަމުންދިޔަ މުވައްޒަފުން އެމީހުންގެ މަސައްކަތްތައް ހުއްޓައިލާފައި ކާވިންއަށް ފުރިހަމަ ސަމާލުކަން ދިނެވެ. އިށީނދެގެން ތިބި މީހުން ކޮޅަށް ތެދުވީ ބޮޑެތި މީހުންނަށް ކުރާ އިހުތިރާމް އަދާކުރުމަށެވެ. އެއީ ތަނުގައި ހަމަޖެހިފައި އޮންނަ އުސޫލެވެ.

ކޮންމެ މުވައްޒަފަކު ވެސް މަޑުކޮށްލައިގެން ތިބީ، ކުރަންޖެހިދާނެ މަސައްކަތަކަށް ތައްޔާރު ވެގެންނެވެ. ސެކްޝަނުގައި އެވަގުތު އެންމެ އިސްކޮށް ހަރަކާތްތެރިވަމުންދިޔަ، ފުލުސްމީހާ އައިސް، ކާވިންގެ ކުރިމަތީގައި ހުއްޓުނެވެ. އޭނާ ސަލާން ގޮވާލުމާއިއެކު ކާވިން އެ ސަލާން ބަލައިގަތެވެ.

ތިން މީހުން އެކުގައި ގޮސް ހުއްޓުނީ، ހަނި ގޯޅިގަނޑެއްގެ ކުރިމަތީގައެވެ. އެތަނުގެ ތެރެއިން ވަދެވެނީ، ތަނުގެ ސިއްރު ލިޔުންތަކާއި ސީސީޓީވީ ފުޓޭޖްތައް ބަލަހައްޓާ ބަޔަށެވެ. އެއީ ކޮންމެ މުވައްޒަފަކަށް ވަދެވޭގޮތަށް ހަދާފައިވާ ތަނެއް ނޫނެވެ.

ހަނި ގޯޅިގަނޑުން ގޮސް އެންމެ އަވަހަށް މޫނުޖެހެނީ، ސިއްރު ލިޔުންތައް ބަލަހައްޓާ ބައިގައެވެ. ދޮރުގެ ދެފަރާތުގައި ދެ ގާޑުން އަބަދުވެސް ތިބެއެވެ. ކާވިން އޭނަގެ ކާޑު ދައްކައިލުމާއިއެކު، އެތެރެއަށް ވަނުމުގެ ހުއްދަ ލިބުނެވެ. އޭނަ އާއިއެކު ލަޔާން ވެސް އެތެރެއަށް ވަންނަން އުޅުނެވެ. އެކަމަކު ގާޑުން އެ ހުއްދައެއް ނުދިނެވެ.

"އޭނަ އެއައީ އަހަންނާއެކީ... އެތެރެއަށް ވައްދާ..." ކާވިން އެންގިއެވެ.

ވަށައިގެން ފެންނަމުން ދިޔައީ، ފައިލުތަކާއި، ކޮމްޕިއުޓަރުތަކެވެ. ފައިލު ހަރުތަކުގެ ބޭރުގައި އަހަރުޖަހައި ފަސޭހައިން ވަކި ކުރެވޭނޭހެން ނަންބަރު ޖަހާފައި ހުއްޓެވެ. ކޮންމެ ބައެއްވެސް ހުޅުވެނީ، ސެކިޔުރިޓީ ކޯޑެއް ޖަހައިގެންނެވެ. ލަޔާން ހައިރާންވެގެން އެކި ތަންތަނަށް ބަލަން ހުއްޓެވެ. މުޅި ތަނުންވެސް ލަޔާންއަށް ފެނުނީ އެންމެ މީހެކެވެ. އޭނާ އިނީ ކޮމްޕިއުޓަރުގެ ކައިރީގައެވެ. އަވަދިނެތި ކޮންމެވެސް މަސައްކަތެއް ކުރުމުގައެވެ. ފެންނަ ފެނުމަށް އެ ޒުވާނާ ފުލުހެއް ވައްތަރު ނުޖަހައެވެ. ދިގު އިސްތަށިގަނޑު މެދުން ކޮޅަށްޖަހާފައިވާއިރު، އެކި ތަންކޮޅުކޮޅުގައި ވަނީ ކުލަ ޖައްސާފައެވެ. ލައިގެން އިން ބޮޑު ޓީޝާޓު އެ ހަށިގަނޑުގައި ޖެހިވެސް ނުލައެވެ. ކަރުގައި ފަށް އަޅައި، އަތުގައި ވެސް ރަބަރުތަކެއް ފާޑުގެ އެއްޗެހިތަކެއް އައްސާފައި އޮތެވެ. ނިޔަފަތިތައް ދިގެވެ. އެއިން ޒަމާނެއްގައިވެސް ކަނޑާފައި ހުރިހެން ހީނުވެއެވެ. ދެކަންފަތަށް ހެޑުފޯނު ޖަހާލައިގެން އިންއިރު، އޭނާ ދިޔައީ ހަލުވިކަމާއިއެކު، ކީބޯޑުގެ ފިއްތަކަށް ފިތަމުންނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު