މޭ ހައެއް ހަމަލާ: އިއުތިރާފްގެ އެއްބަސްވުން ހަދަން އިތުރު މީހުންވެސް ބޭނުންވޭ

އޮގަސްޓް 3، 2021: މޭ6 ބޮމް ގޮއްވާލި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޭ މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން އިތުރު ބަޔަކު އިއުތިރާފުގެ އެއްބަސްވުން ހަދަން އެދޭކަމަށް ޕްރޮސެކިޔުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ އެ މައްސަލައިގައި ބޮން ގޮއްވަން ރިމޯޓަށް ފިއްތި އަދުހަމް އަހުމަދު ރަޝީދާއެކު މިހާރު ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއްގައި ސޮއިކޮށްފަައިވާކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އަދުހަމްއަށް އަންނަ ހުކުމް ލުއިވެގެންދާނެކަމަށެވެ. މިހާރު އެކަމާ ގުޅިގެން މަޝްވަރާތައް ކުރަމުންއަންނަ ކަމަށެވެ.

"އިތުރު މީހުންވެސް އިއުތިރާފުގެ އެއްބަސްވުން ހަދަން ޝައުގުވެރިކަން ފާޅުކޮށްފައި އެބަހުރި. އަޅުގަނޑުމެން އެ މަޝްވަރާތައް އެބަ ކުރިޔަށް ގެންދަން." ޕީޖީ ވިދާޅުވިއެވެ.

އިއުތިރާފްގެ އެއްބަސްވުން ހެދުމުގެ އިހްތިޔާރަކީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ލިބިގެންދާ ފުރުސަތެކެވެ. މޭ ހައެއް ހަމަލާއާ ގުޅިގެން މިހާތަނަށް އިއުތިރާފުގެ އެއްބަސްވުމެއް ހަދަން ނިންމާފައިވަނީ އަދުހަމް އާއެކު އެކަންޏެވެ.

އަދުހަމްގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވާއިރު ދައުލަތުން ވަނީ އެތަނުން އެއް ދައުވާއެއް އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން އަނބުރާ ގެންގޮސްފައެވެ. އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން އަދުހަމްއަށް އަންނާނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

comment ކޮމެންޓް