އަދުހަމްއާ އެކު އިއުތިރާފްގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މޭ ހައެއް ހަމަލާގައި ބޮން ގޮއްވާލަން ރިމޯޓަށް ފިއްތި އަދުހަމް އަހުމަދު ރަޝީދާއެކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިއުތިރާފްގެ އެއްބަސްވުމެއް ހަދައިފިއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ދައުލަތުން އަދުހަމްއާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދަން ނިންމާފައިވާކަމަށެވެ.

އަދުހަމްގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވާއިރު އަދުހަމް ވަނީ އެތަނުން ބައެއް ދައުވާތަކަށް އިއުތިރާފްވުމަށް އެއްބަސްވެފައެވެ. އެއާއެކު އޭނާއަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ލުއިތަކެއް ލިބިގެންދާނެއެވެ. އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން އަދުހަމްއަށް އަންނާނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

އަދުހަމްގެ މައްޗަށް ދައުވާތަކަކީ:

  • ޓެރަރިޒަމްގެ އަމަލެއް ކުރުން
  • ޓެރަރިޒަމް ގެ އަމަލެއް ކުރަން ރޭވުން
  • ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުން
  • ތޫން އެއްޗެއް ނުވަތަ ނުރައްކާތެރި އެއްޗެއް ބެނުންކޮށްގެން މީހަކު މަރާލަން އުޅުން

އަދުހަމް އާއިއެކު ދައުލަތުން ސޮއިކުރި އިއުތިރާފްގެ އެއްބަސްވުމާއި ގުޅިގެން އެތަނުން އެއް ދައުވާއެއް އަނބުރާ ގެންނަން ނިންމާފަވާ ކަމަށް ޕީޖީ ޝަމީމް މިއަދު ވިދާޅުވިއެވެ.

"ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ބައި އަޅުގަނޑުމެން އަނބުރާ ގެންނަނީ އެއްބަސްވެފަ އޮތްގޮތަށް ކުރިޔަށް ގެންދިޔުމަށް" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

އޮގަސްޓް 3، 2021: މޭ6 ބޮމް ގޮއްވާލި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކްރިމިނަލް ކޯޓަށް މައްސަލަ ހުށައެޅިއިރު އަދުހަމްއާއެކު ވެވުނު އެއްބަސްވުން ފޮނުވާފަވާނެކަމަށްވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ. އިއުތިރާފްގެ އެއްބަސްވުމުން އަދުހަމް ރުޖޫއަވާނޭކަމަށް ނުބެލެވޭކަމަށް އަދި އެއްބަސްވުމާ ނުލާ އަދުހަމްއަށް 37 އަހަރުގެ ހުކުމެއް އައިސްދާނޭކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

"37 އަހަރުގެ އަދަބަކަށް ދެވޭ ވަރުގެ ހެކި އެބަހުރި، އަޅުގަނޑަކަށް ހިއެއް ނުވެ އަދުހަމްގެ މަސްލަހަތުގަ އޮންނާނެއެކޭ އިއުތިރާފުން ރުޖޫއަ ވުމެއްވެސް،" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

އަދުހަމް އަކީ ރައީސް ނަޝީދަށް ހަމަލާގައި ނީލޯފަރު ހިނގުމުގެ ކުރިމަތީގައި ހުންނަ އަތަމާ ޕެލަސް ތެރޭ ހުރެ ބޮން ގޮއްވަން ރިމޯޓަށް ފިއްތިކަމަށް ފުލުހުން ތުހުމަތުކުރާ މީހާއެވެ. އަދުހަމް ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން މޭ 9 ވަނަ ދުވަހު ފަތިހުއެވެ.

comment ކޮމެންޓް