ވަކީލަކު އައްޔަން ކުރަން މުއިއްޒަށް ދިހަ ދުވަސް

ޑރ. މުއިއްޒު މިއަދު ކޯޓަށް ހާޒިރުވެވަޑައިގަންނަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދޮގު ބަޔާން ދިންކަމަށް ތުހުމަތުކޮށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން ވަކީލަކު ހަމަޖައްސަން ދިހަ ދުވަސް ކްރިމިނަލް ކޯޓުން ދީފިއެވެ.

ޑރ. މުއިއްޒުއާ ދެކޮޅަށް ދޮގު ބަޔާން ދިނުމުގެ ދައުވާ އުފުލީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު އާބިޓްރޭޝަން މައްސަލާގައި ނޫމަޑީގެ ހެކިވެރިއަކަށްވެ މުއިއްޒު ދޮގު ބަޔާންދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

މުއިއްޒުގެ މައްޗަށް އުފުލައިފައިވާ ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 10:30ގައި ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްގެން ވީޑީއޯ ކޮންފެރެންސް މެދުވެރިކޮށެވެ.

އެ މައްސަލައިގެ ލިޔުންތައް ހަމަޔަށް ލިބިފައިވޭތޯ މައްސަލަ ބައްލަވާ ގާޒީ ސަފްއަތު ހަބީބް ސުވާލު ކުރެއްވުމުން ވަކީލަކު ނެތި ވަކި ޖަވާބެއް ނުދެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ގާޒީ ވަނީ މުއިއްޒަށް ދީފައެވެ.

ދައުލަތުން އެ މައްސަލަ ކޯޓަށް ހުށަހަޅައިފައިވަނީ ޖޫން 14، 2020 ގައެވެ. އެ މައްސަލަ ބެއްލެވުމާ ފުރަތަމަ ހަވާލުވި ގާޒީ އެހެން ކޯޓަކަށް ވަނީ ބަދަލުކޮށްފައެވެ. އަދި ދެވަނައަށް ހަވާލުކުރި ގާޒީ ވަނީ އެ މައްސަލައިން ތަނާޒުލްވެފައެވެ.

މިހާރު މި މައްސަލަ ބައްލަވާ ގާޒީ ސަފްހަތު ހަބީބް އަކީ މި މައްސަލަ ބެލުމާ ހަވާލުވި ތިން ވަނަ ގާޒީއެވެ.

އެ މައްސަލައިގެ ޝަރީއަތް ނުފެށި ލަސްވީ އެ ސަބަބުތަކާ ހެދިއެވެ.

comment ކޮމެންޓް