ދައުވަތަށް އެއްވެސް ޕާޓީއެއްގެ ރަސްމީ ޖަވާބެއް އަދި ނުލިބޭ: އަދުރޭ

ޖޫން 25، 2020: ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި ކުރިޔަށް ގެންދާ ގައުމީ ކެމްޕޭނުގައި ބައިވެރިވުމަށް ސަރުކާރުގައި ހިމެނޭ ކޯލިޝަން ޕާޓީތަކަށް ދިން ދައުވަތަށް އަދި އެއްވެސް ޕާޓީއެއްގެ ފަރާތުން ރަސްމީ ޖަވާބެއް ނުލިބޭކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ އެ ޕާޓީއިން ދިން ދައުވަތަށް ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އިން ނޫނެކޭ ބުނެފައިވާކަމަށް މީޑިއާގައި އަޑުފެތުރެމުން ދާ ދަނޑިވަޅެއްގައެވެ. އަދުރޭ "ސަން" އަށް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ދައުވަތު ފޮނުވާފައިވާނީ ރަސްމީކޮށް ލިޔުމުން ކަމަށެވެ. އެހެންކަމުން އޭގެ ޖަވާބުވެސް ފޮނުވަން ވާނީ ލިޔުމުންކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަބޫލްކުރާނީ އެބޭފުޅުން ރަސްމީކޮށް ދޭ ޖަވާބު. އެބޭފުޅުންވެސް ވިދާޅުވޭތާ މީޑިއާގައި ދައްކާ ވާހަކައަކީ އެއްވެސް އެއްޗެއް ނޫނޭ. އެހެންވީމާ އެ ބޭފުޅުންވެސް އަދި މީޑިއާގައި އެގޮތަށް ވިދާޅުވެފައި އަދި އެހެންގޮތަކަށްވެސް ކަންކުރައްވަފާނެތާ." އަދުރޭ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ކެމްޕެއިނުގައި ބައިވެރިވުމުގެ ފުރުސަތު އެމްޑީޕީއަށް ދީފައިނުވާނެކަމަށެވެ. އަދި އެއީ މިއަދު ގައުމު ހަލާކުކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ޕާޓީ ކަމަށެވެ.

"އަދި ރައީސް ނަޝީދު ބޭނުންފުޅު ވިޔަސް އަޅުގަނޑުމެން ބޭނުމެއް ނޫނޭ ރައީސް ނަޝީދާއެއްކޮށް މަސައްކަތްކުރާކަށް. އަޅުގަނޑުމެން ދެންނެވިން ދެއްތޯ އެރޭ، ރައީސް ނަޝީދުވެސް ވަޑައިގަންނަވާށޭ އަދި ރައީސް ސޯލިހުވެސް ވަޑައިގަންނަވާށޭ. އޭގެ މާނައަކީ އެމީހުން މަގާމުން އިސްތިއުފާ ދެއްވާށޭ." އަދުރޭ ވިދާޅުވިއެވެ.

މި ކެމްޕެއިނަކީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ލަފާފުޅުގެ މަތިން ފެށި ހަރަކާތެއްކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ. މި ހަރަކާތާ ގުޅުމަށް އިދިކޮޅު ކޯލިޝަނުން ދައުވަތު ދީފައިވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަށާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އިތުރުން އަދާލަތު ޕާޓީ (އޭޕީ) އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލާޔަންސް (އެމްޑީއޭ) އަށެވެ.

comment ކޮމެންޓް