ޖޫރިމަނާ 10،000އިން މަތިނަމަ ކޮމިޔުނިޓީ މަސައްކަތަށް ނެރެވޭނެ

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖޫރިމަނާގެ އަދަދު 10،000 ރުފިޔާއިން މަތި ނަމަ އެ މީހަކު ކޮމިޔުނިޓީ މަސައްކަތަށް ނެރުމުގެ އިހްތިޔާރު މީރާ އަށް އޮންނާނެކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން ފުލުހުންގެ ޓްރެފިކް ޑިޕާޓްމެންޓުގެ ސަބް އިންސްޕެކްޓަރު ތޮލްހަތު އަހުމަދު ވިދާޅުވީ ފުލުހުން ޖޫރިމަނާ އާ މެދުގައިވެސް އަމަލުކުރަމުން އަންނަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތާ އެއްގޮތަށް ކަމަށެވެ.

އޭނާ ވިދާޅުވީ އަލަށް ގެނެވުނު އިސްލާހުގައި ޖޫރިމަނާ އާމެދުގައި، ކަނޑައަޅާފައި އޮންނަނީ، އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއެއްކަމުގައިވާނަމަ އެއީ އެ މީހަކު ދައުލަތަށް ދައްކަން ޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައިކަމަށެވެ.

"އޭގެ މާނައަކީ އެމީހަކާ ދެކޮޅަށް ދައުވާކުރުމުގެ އިހްތިޔާރު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބިގެންވެޔޭ. ދެން މި އިންނަނީ މީހެއްގެ ދަރަނި 10،000 ރުފިޔާއަަށްވުރެ މައްޗަށް އަރައްފިއްޔާ މީރާއަށް ލިބިގެންވާ ބާރެއް އެއީ ޝަރީއަތުގައި އެމީހަކު ކޮމިޔުނިޓީ މަސައްކަތަށް ނެރުމުގެ އަމުރަކަށް އެދުން،" ތޮލްހަތު ވިދާޅުވިއެވެ.

އަދި އެމީހަކު އެ މަސައްކަތަށް ނެރޭކަމުގައިވާނަމަ އެމީހަކަށް ކަންކުރާނެ ގޮތްވެސް ކަނޑައަޅަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް އަޅުގަނޑުމެން މި ކަނޑައަޅަނީ ވެމްކޯގެ ނޫނީ ޕޮލިސްގެ ބޭފުޅުންނާއެއްކޮށް މަސައްކަތްކުރުމަށް. އެތަނުން މި ކަނޑައަޅަނީ އަށް ގަޑިއިރު މަސައްކަތް ކޮށްފިއްޔާ އޭނާ އަށް އެބަ އަދާކުރެވެޔޭ ވަކި ވަރެއްގެ ރުފިޔާ،" އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިއީ ވަރަށް މުހިންމު އިސްލާހެއްކަމަށެވެ. އަދި ޖޫރިމަނާގެ ފައިސާ ނުދެއްކޭ މީހުންނަށް މީގެ ސަބަބުން ޖޫރިމަނާ ދެއްކޭނެ މަގެއް ފަހިވެގެންދާކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް