އަލް-އިއްތިހާދުގެ ޒުވާން ޓީމު އަތުން މާޒިޔާ މޮޅުވެއްޖެ

މާޒިޔާއިން ސައުދީގައި ކުރަމުން އަންނަ ކޭމްޕްގެ ތެރޭގައި ކުޅުނު މެޗަށް ނެގި ފުރަތަމަ އެގާރަ --- ފޮޓޯ/މާޒިޔާ

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ގްރޫޕުގެ މެޗުތަކަށް ތައްޔާރުވާން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ސައުދީ އަރަބިއްޔާގައި ހަދަމުން އަންނަ ތަމްރީންތަކުގެ ތެރޭގައި ރޭ ކުޅުނު އެކުވެރިކަމުގެ މެޗެއްގައި އެގައުމުގެ ކްލަބެއް ކަމަށްވާ އަލް އިއްތިހާދުގެ 19 އަހަރުން ދަށުގެ ޓީމު ބަލިކޮށްފި އެވެ.

ސައުދީގައި އިއްޔެ ކުޅުނު މެޗުގައި އިއްތިހާދުގެ ޒުވާން ޓީމު އަތުން މާޒިޔާ މޮޅުވީ 2-1 އިންނެވެ. މިއީ މާޒިޔާ އިން ސައުދީ ޓްރެއިނިން ކޭމްޕް ފެށި ފަހުން ކުޅުނު ފުރަތަމަ މެޗެވެ. މި މެޗު ކުޅުނީ މެޗު އޮފިޝަލުން (ރެފްރީންނާއި މެޗު ކޮމިޝަނަރު) ވެސް ހިމަނައިގެން ރަސްމީ އެކުވެރިކަމުގެ މެޗެއްގެ ގޮތުގައި ބަލައިގެންނެވެ.

އިދިކޮޅު ޓީމުން ގޯލު ޖަހައި ލީޑު ނަގާފައިވަނިކޮށް މާޒިޔާ އަށް މި މެޗުގައި ގޯލުތައް ޖަހައިދިނީ ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އާއި ޒުވާން ތަރި ނާއިޒު ހަސަން (ދާދު) އެވެ.

މާޒިޔާއިން ސައުދީގައި ކުރާ ކޭމްޕަށް ހަފުތާއެއް ވެފައިވާ އިރު އެ ޓީމު އެނބުރި ރާއްޖެ އައުމަށް ނިންމާފައި އޮތީ މި މަހުގެ 14 ގަ އެވެ.

އޭއެފްސީން މިދިޔަ މަހު ބޭއްވި ބައްދަލުވުމުގައި މި ސަރަހައްދުގެ މެޗުތައް ކުޅޭނެ ގައުމަކަށް ރާއްޖެ ހަމަޖައްސާފައިވާ އިރު، އޭއެފްސީން މިހާރު ނިންމާފައިވާ ގޮތުން ރާއްޖޭގެ ކުލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ ޕްލޭއޮފް މެޗު ކުޅޭނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ އަންނަ މަހުގެ 18، 21 އަދި 24 ވަނަ ދުވަހުއެވެ.

އޭއެފްސީގެ މެޗުތަކަށް މާޒިޔާއިން ފަރިތަކުރުންތައް މި މަހުގެ ތެރޭގައި ފަށާފައިވާ އިރު، އެ ޓީމުން އަންނަނީ އެ މުބާރާތަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ކުޅުންތެރިން ހޯދަމުންނެވެ. އެގޮތުން ސުޕަ ޔުނައިޓެޑް (ސަސް) ގެ ކީޕަރަކަށް ކުޅުނު އުޒްބެކިސްތާންގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް މިހާރު ވަނީ އެކުލަބަށް ސޮއި ކޮށްފަ އެވެ.

މާޒިޔާ އިން ސައުދީގައި ކޭމްޕް ޖަހާއިރު، މިއީ ފާއިތުވި ދެ އަހަރެއްހާ ދުވަހަށް ބަލާއިރު މާޒިޔާ އިން ސައުދީގައި ޓްރެއިނިން ކޭމްޕެއް ފުރިހަަމަކުރާނެ ދެ ވަނަ ފަހަރެވެ. އެ ޓީމުން ވަނީ 2019 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ވެސް އެފްއޭއެމުން ހޯދައިދިން ފުރުސަތެއްގައި ސައުދީ އަރަބިއްޔާގައި ޓްރެއިނިން ކޭމްޕެއް ފުރިހަަމަކޮށްފަ އެވެ.

މާޒިޔާގެ އިތުރުން މި ވަގުތު ގްރޫޕް ސްޓޭޖުގައި އޮތީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ. މި ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ރާއްޖޭގެ ކްލަބް އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅެގެން މޮޅުވާ ޓީމަކަށެވެ.

comment ކޮމެންޓް