ތެޔޮ ޓޭންކަރުގެ ހާދިސާއާ ގުޅިގެން އުދުވާނެއް ހިންގައިފިނަމަ ހަރުކަށި ރައްދެއް ދޭނަން: އީރާން

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން

ތެހެރާން (އޮގަސްޓް 02): ގަލްފުގެ ދޮރުމަތީގައިވާ އޮމާން ކަނޑުއޮޅި ކައިރިން ދަތުރުކުރަނިކޮށް މިދިޔަ ހަފްތާގައި ގޮތްނޭންގޭ ހަމަލާއެއްއެރި އިސްރާއީލުގެ ތެޔޮ ޓޭންކަރުގެ ހާދިސާއާ ގުޅިގެން އީރާނަށް ހަމަލާއެއް ދީފިނަމަ އެހަމަލާދިން ފަރާތަކަށް ހަރުކަށި އަދި އަވަސް ރައްދެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ސައީދު ޚަތީބު ޒާދާ ވިދާޅުވީ އިސްރާއީލުގެ ތެޔޮ ޓޭންކަރުގެ ހާދިސާއާ ގުޅިގެން، އިސްރާއީލެވެކިޔާ ޒަޔަނިސްޓް ނިޒާމުން ވެސް އަދި އެހެން ފަރާތަކުންވެސް އީރާނާދެކޮޅަށް އެއްވެސް އުދުވާނެއް ހިންގައިފިނަމަ އެފަރާތަކަށް އީރާނުން އަވަސް ރައްދެއްދޭނެކަމަށާ އީރާނުގެ އަމަނާ ކުޅޭއިރު އެގައުމު މަޑުން ނޯންނާނެކަމުގައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވެސްވަނީ އިސްރާއީލުގެ ތެޔޮ ޓޭންކަރުގެ ހާދިސާއާ ގުޅިގެން އެއްވެސް ފަރާތަކުން އީރާނަށް ހަމަލާއެއް ދިފިނަމަ އެފަރާތަކަށް އަވަސް އަދި ހަރުކަށި ރައްދެއް ދޭނެކަމުގެ އިންޒާރު ދެއްވާފައެވެ.

ފަލަސްތީނުގެ ބިމަށް ގަދަބާރުން ވެރިވެގަނެގެން އުޅޭ އިސްތިއުމާރީ ބާރެއްކަމަށްވާ އިސްރާއީލުންވަނީ ގަލްފަށް ވަންނަ ދޮރުމަތީގައިވާ އޮމާން ކަނޑުއޮޅި ކައިރިން ދަތުރުކުރި އިސްރާއީލުގެ މަހުޖަނެއްކަމަށްވާ އެޔާލް އޮފާގެ "ޒޯޑިއެކް މެރިޓައިމް" ކުންފުނިން އޮޕަރޭޓްކުރާ "މާސާ ސްޓްރީޓް" ނަމަކަށްކިޔާ ތެޔޮޓޭންކަރަށް ހަމަލާދިނީ އީރާންކަމަށް ތުހުމަތުކޮށް އެކަމުގެ ރައްދު އީރާނަށް ދޭނެކަމުގެ އިންޒާރު ދީފައެވެ.

އީރާނުގެ މަސްއޫލުވެރިއަކާ ހަވާލާނުދީ އެގައުމުގެ ޓީވީ އެއްކަމަށްވާ "އަލްއާލަމް" ބުނިގޮތުގައި އިސްރާއީލުގެ ޓޭންކަރަށް ހަމަލާދިނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރުތަކުންނެވެ. އެއީ ސޫރިއާގައި ވާ އީރާނުގެ އަމާޒަކަށް އިސްރާއިލުން ދިން ޓެރަރިސްޓް ހަމަލާއަކަށް ބަދަލުހިފުމުގެ ގޮތުން ދިން ޙަމަލާއެއް ކަމަށްވެސް "އަލްއާލަމް" ގެ ރިޕޯޓެއް ބުނެއެވެ.

ނަމަވެސް އީރާނުގެ ސަރުކާރުން ރަސްމީ ސިފައެއްގައިވަނީ މިކަން ދޮގުކޮށްފައެވެ. އިސްރާއީލުގެ ޓޭންކަރަށް ދިން ކަމަށް ބުނާ ހަމަލާއާއި އީރާނާ ގުޅުންނުވާކަމަށް ބުނެ އީރާނުގެ ޚާރިޖިއްޔާއިންވަނީ އިސްރާއީލުގެ ތުހުމަތުތައް ދޮގުކޮށްފައެވެ.

އީރާނަކީ އެގައުމަށް ސީދާގޮތެއްގައި ހަމަލާދޭ ފަރާތްތަކަށް ފާޅުކަންބޮޑު ގޮތެއްގައި ރައްދު ދޭ ގައުމެކެވެ. 2020 ވަނައަހަރު އެމެރިކާއިން އީރާނުގެ އަސްކަރީ މަސްއޫލުވެރިއެއް ކަމަށްވާ ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމަށް ދިން ހަމަލާއަށް ބަދަލު ހިފުމުގެ ގޮތުން އީރާންވަނީ އިރާގުގައިވާ އެމެރިކާގެ އަސްކަރީ 3 މަރުކަޒަކަށް ބަލިސްޓިކް މިސައިލް އިން ހަމަލާދީ އެމެރިކާ ސިފައިންގެ 80 އަށް ވުރެ ގިނަމީހުން ޒަޚަމްކޮށްލާފައެވެ. އީރާނުގެ ބަދަލު ހިފުމުގެ އެހަމަލާތަކަށް އެމެރިކާއިން ރައްދު ދީފައެއް ނުވެއެވެ. މީގެއިތުރުން އީރާނުންވަނީ 2019 ވަނަ އަހަރު އެގައުމުގެ ވައިގެ ސަރަހައްދަށް ވަން އެމެރިކާގެ ޖާސޫސީ ޑްރޯން އެއްވެސް ވައްޓާލާފައެވެ.

ނަމަވެސް ސޫރިޔާގައިވާ އީރާންގެ މަރުކަޒުތައްކަމަށް ބުނެ އިސްރާއީލުން ސޫރިޔާއަށް ތަކުރާރުކޮށް ދޭ ހަމަލާތަކަށް އީރާނުން ސީދާ ގޮތެއްގައި މިހާތަނަށް ރައްދު ދީފައެއް ނުވެއެވެ. އެމެރިކާއާއި އިސްރާއީލަކީ ހަމައެކަނި އެދެގައުމުގެ ކޮންޓްރޯލް މެދުއިރުމަތީގައި ބާއްވައިގެން އިސްތިއުމާރީ މަގްސަދުތަކެއް ހާސުލްކުރަން މަސައްކަތްކުރާ ދެގައުމެވެ.

އެދެގައުމުން ކިތަންމެ ވަރަކަށް ހަތިޔާރު އުފައްދައި އަސްކަރީ ޓެކްނޮލޮޖީ ތަރައްގީކޮށް ގައުމުތަކަށް އިސްވެ ހަމަލާދީ ހަރުކަށި އަމަލުތައް ހިންގި ނަމަވެސް އެއީ މައްސަލައަކަށް އެދެގައުމުން ނުދެކެއެވެ. ނަމަވެސް އެމެރިކާއާއި އިސްރާއީލުގެ ހަރުކަށި އަމަލުތަކަށް ރައްދުދެވޭވަރަށް އަސްކަރީ ޓެކްނޮލޮޖީ ތަރައްގީ ކުރަން އިރާންފަދަ ސަރަހައްދުގެ އެހެން ގައުމަކުން މަސައްކަތްކުރާނަމަ އެގައުމަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅައި އެއީ ރޫގް ސްޓޭޓް (ނުކިޔަމަންތެރި ދައުލަތެއް) ގެ ގޮތުގައި އެދެގައުމުން ސިފަކުރަމުން ގެންދެއެވެ.

އީރާނަކީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެ އެމެރިކާއަށް ބޯނުލަނބާ ގައުމަކަށްވާތީ އާއި އީރާނަކީ އަމިއްލައަށް ހަތިޔާރު އުފައްދައި އަދި އެމެރިކާގެ ނުފޫޒުގެ ދާއިރާއިން ބޭރުގައިވާ ގައުމަކަށްވާތީ އެމެރިކާއާއި އިސްރާއީލުން އީރާން ސިފަކުރަނީ ރޫގް ސްޓޭޓް (ނުކިޔަމަންތެރި ދައުލަތެއް) ގެ ގޮތުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް