އާރަށު މައްސަލައިގައި އަލުން ބަޔާންދޭން ރައީސް ޔާމީން ދެކޮޅު ހައްދަވައިފި

ރައީސް ޔާމީން މިއަދު ގެކޮޅުގައި ހުންނަވައިގެން ސަޕޯޓަރުންނަށް ހަނާއަޅުއްވަނީ --- ސަން ފޮޓޯ/ އިބްރާހިމް އިފާޒް

ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީ ކުރުމަށް ކުއްޔަށްދޫކޮށްގެން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބުނު އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި ތަހުގީގު ކުރާ މައްސަލާގައި އަލުން ބަޔާން ދެއްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެކޮޅު ހައްދަވައިފިއެވެ.

މިއަދު މެންރުފަހު 2:00 ގައި ރައީސް ޔާމީން ވަނީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ. އެ މައްސަލައިގެ ތަހުގީގުން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ރަސްމީ ޓީމް ވަނީ މީގެކުރިން އިސްތިއުފާދެއްވާފައެވެ.

ރައީސް ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތީ އާ ގާނޫނީ ވަކީލުންގެ ޓީމަކާއެކުއެވެ.

އެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު މުހައްމަދު ރާޣިބު އަހްމަދު "ސަން"އަށް ވިދާޅުވީ ފުލުހުން މިއަދު ރައީސް ޔާމިނަށްދިން ގާނޫނީ އިންޒާރު ފަހުމް ނުވާކަމަށެވެ.

މި މައްސަލަ އަކީ ކުރިންވެސް ފުލުުހުން ފުރިހަމަ ތަހުގީގެއް ކުރުމަށްފަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައެއް ކަމުގައިވާތީ ފުލުހުން އެދުނުގޮތަށް އަލުން ބަޔާން ދެއްވަން ރައީސް ޔާމީން ބޭނުންފުޅުނުވި ކަމަށް ރާޣިބު ވިދާޅުވިއެވެ.

"ތަހުގީގުކޮށް ނިމިފައިވާ މައްސަލައަކަށް ވާތީ އާއި މައްސަލައާ ގުޅޭގޮތުން ވަރަށް ތަފްސީލީ ބަޔާނެއް މީގެކުރިން ދީފައިވާތީވެ އިތުރަށް މޯލްޑިވްސް ޕޮލިސް ސާވިސްއާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަކަށް ދޭނެ އިތުރު މައުލޫމުތެއް ނެތުމާއެކު ދެން މިމައްސަލަ ކޯޓަށް ހުށައަޅައިފިނަމަ ދައްކަން ޖެހޭ ވާހަކައެއް ކޯޓަށް ހުށައަޅާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ބަޔާން ދެއްވީ،" ވަކީލު ވިދާޅުވިއެވެ.

ރައީސް ޔާމީން މާފުށީ ޖަލުގައި ހުންނަވަނިކޮށްވެސް ހަތަރު ފަހަރެއްގެ މަތިން މިމައްސަލައިގެ ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވެއެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ކުރިން ވިދާޅުވެފައި ވަނީ އެ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ނަގަންޖެހޭ ބަޔާން އަލުން ނަގަން ނިންމީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އަންގައިގެން ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

ސަބަބަކީ މީގެކުރިން ބަޔާންނެގިއިރު، ގާނޫނީ އިންޒާރު ދީފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިން ނޫންކަމަށްވާތީ ކަމުގައި ފުލުހުން ބުނާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

comment ކޮމެންޓް