އޮލިމްޕިކްސްއަށް ދިޔަ ބެލަރޫސްގެ ދުވުންތެރިޔަކު ޕޮލެންޑުން ހިމާޔަތް ހޯދަނީ

ބެލަރޫސްގެ ދުވުންތެރިޔާ ކްރިސްޓީނާ ޓިމަނޮވްސްކަޔާ ވަނީ ޕޮލެންޑުގެ ހިމާޔަތަށް އެދިފައި ކަމަށް ރިޕޯޓުތަކުގައިވޭ -- ފޮޓޯ: ރޮއިޓާސް

ޓޮކިޔޯ (އޮގަސްޓު 2): އޮލިމްޕިކް ގޭމްސްގައި ބައިވެރިވުމަށް ޖަޕާނަށް ދިޔަ ބެލަރޫސްގެ ދުވުންތެރިޔަކު ޕޮލެންޑުގެ ހިމާޔަތަށް އެދިފައިވާ ކަމަށް ކަމާ ގުޅުން ހުރި އެކްޓިވިސްޓުން ބުނެފިއެވެ.

ބެލަރޫސްގެ ދުވުންތެރިޔާ ކްރިސްޓީނާ ޓިމަނޮވްސްކަޔާ ޕޮލެންޑުގެ ހިމާޔަތަށް އެދުނު ކަމަށް ރިޕޯޓުކޮށްފައި ވަނީ އޭނާ ބެލަރޫސްގެ ކޯޗުންނަށް ފާޑު ކިޔުމުން، އޭނާ ގަދަކަމުން އަނބުރާ ގައުމަށް ފޮނުވާލަން އުޅުނު ކަމަށް ތުހުމަތު ކުރި ފަހުންނެވެ.

އޮލިމްޕިކްސްގައި 200 މީޓަރު ދުވުމުގައި ވާދަ ކުރަން ދިޔަ ޓިމަނޮވްސްކަޔާ އޭނާގެ ކޯޗުންނަށް ފާޑުކީ، އޭނާއަށް ތައްޔާރުވެވެން ވަގުތު ނެތީސް އެހެން ރޭހެއްގައި ބައިވެރިކުރުމުންނެވެ. އަދި އެ ޝަކުވާ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރި ފަހުން ބެލަރޫސްގެ އޮފިޝަލުންތަކެއް އޭނާގެ ކޮޓަރިއަށް ގޮސް، ފުރަން ތައްޔާރުވާން އެންގި ކަމަށާއި އޭގެ އެއް ގަޑި އިރު ފަހުން ޓޯކިޔޯގެ އެއާޕޯޓަކަށް އޭނާ ގެންދިޔަ ކަމަށް ޓިމަނޮވްސްކަޔާ ބުންޏެވެ.

ޓިމަނޮވްސްކަޔާ އެއާޕޯޓަށް ގެންދިޔުމުން އޭނާ ޓޯކިޔޯގެ ފުލުހުންގެ ފަރާތުން ރައްކާތެރިކަމަށް އެދުނެވެ. އަދި މިއަދު އޭނާ ވަނީ ޓޯކިޔޯގައި ހުންނަ ޕޮލެންޑުގެ އެމްބަސީއަށް ގޮސްފައެވެ.

ބެލަރޫސްގައި ސަރުކާރަށް ފާޑު ކިޔުމުގެ ސަބަބުން ފިޔަވަޅު އަޅާ އެތުލީޓުންނަށް އެހީތެރިވެދޭ ޖަމިއްޔާއެއް ކަމަށްވާ ބެލަރޫސިއަން ސްޕޯޓް ސޮލިޑާރިޓީ ފައުންޑޭޝަން (ބީއެސްއެސްއެފް)އިން ބުނި ގޮތުގައި ޓިމަނޮވްސްކަޔާ ވަނީ މިހާރު ޕޮލެންޑުގެ ހިމާޔަތަށް އެދިފައެވެ. އަދި ޕޮލެންޑުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޓިމަނޮވްސްކަޔާއަށް ވަނީ 'ހިއުމެނިޓޭރިއަން ވިސާ'އެއް ދީފައެވެ.

"އެމީހުން އުޅެނީ އަހަރެންގެ ހުއްދައާ ނުލައި އަހަރެން ގެންދަން،" ބީއެސްއެސްއެފްއިން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ބެލަރޫސްގެ އޮލިމްޕިކް ކޮމިޓީން ބުނީ ޓިމަނޮވްސްކަޔާގެ "ނަފްސާނީ ހާލަތު" ހުރި ގޮތުން އޭނާ ޓީމުން ބޭރުކޮށްފައިވާ ކަމަށެވެ.

ބެލަރޫސްގައި މިދިޔަ އަހަރު ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު މުޒާހަރާތަކުގައި ބައިވެރިވި އެތުލީޓުންނާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެމީހުންނަށް ސަރުކާރުންދޭ ފައިސާގެ އެހީ ހުއްޓުވުމާއި ގައުމީ ޓީމުން ބޭރު ކުރުމާއި ހައްޔަރު ކުރުން ހިމެނެއެވެ.

ބެލަރޫސްގައި މިދިޔަ އަހަރު ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ބޭއްވީ އެގައުމުގައި އޮގަސްޓު މަހު ބޭއްވި ރިޔާސީ އިންތިހާބު ރައީސް އެލެގްޒެންޑާ ލުކަޝެންކޯ ކާމިޔާބު ކުރެއްވުމުންނެވެ. އެގައުމުގެ އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި އެ އިންތިހާބުން ލުކަޝެންކޯއަށް 80 ޕަސެންޓު ވޯޓު ލިބުނު އިރު އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ސްވެތުލާނާ ތިކަނޯސްކަޔާއަށް ލިބުނީ 9.9 ޕަސެންޓު ވޯޓެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ، ވެރިކަން ކުރައްވާތާ 26 އަހަރުވެފައިވާ ލުކަޝެންކޯ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށެވެ. އަދި އެ ނަތީޖާ އިއުލާން ކުރި ފަހުން ތިކަނޯސްކަޔާ ވަނީ އޭނާގެ އާއިލާއަށް ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާ، ލިތުއޭނިއާއަށް ވަޑައިގެންފަ އެވެ.

comment ކޮމެންޓް