ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފި

ހެލްތު މިނިސްޓަރު އަހުމަދު ނަސީމު --- ފޮޓޯ: ސަން

ކޮވިޑް-19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ އެކެއްގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ސޮއިކުރައްވާ މިއަދު ނެރުއްވި ގަރާރެއްގައި ވަނީ ބުނީ ރާއްޖޭގައި އަދިވެސް ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނަ ކަމަށް އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މއްދަތު އިތުރުކުރަން ނިންމާފައިވާކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 އާއި ގުޅިގެން އެންމެ ފުރަތަމަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހުއެވެ. އަދި އެޔަށް ފަހު ކޮންމެ މަހަކުންހެން މި މުއްދަތު އަންނަނީ އިތުރުކުރަމުންނެވެ.

ކޮވިޑް-19 ގެ ކޭސްތައް މާލެ ސިޓީ އިން ފެންނަ މިންވަރު ދަށް ނަމަވެސް އަދިވެސް އަތޮޅުތެރޭގެ ގިނަ ރަށްތަކަކުން މި ބައްޔަށް ގިނަ ބަޔަކު އަންނަނީ ޕޮޒިޓިވްވަމުންނެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގައި ވެކްސިން ޖެހުމުގެ ކެމްޕެއިންތައް ހިންގަމުން އަންނައިރު މި މަހު ވެކްސިން ޖެހުމުގެ އެންމެ ވަރުގަދަ ކެމްޕެއިން ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

އަދި ވެކްސިން ޖެހޭ އުމުރުފުރައިގެ ހުރިހާ އެންމެންނަށް ވެކްސިން ދީ ނިންމުމަށް އަމާޒު ހިފާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވެއެވެ.

comment ކޮމެންޓް