މުޝީ ބްރޭންޑްގެ ތަށީގައި މައްދާއެއް ހުންނަން ޖެހޭ ވަރަށް ވުރެ ގިނަ: އެމްއެފްޑީއޭ

މުޝީ ބްރޭންޑުގެ ތައްޓެއް.

މުޝީ ބްރޭންޑްގެ ތަށި ބޭނުން ނުކުރަން ބުނީ، އޭގައިވާ މާއްދާއެއް ހުންނަން ޖެހޭ ވަރަށް ވުރެ މަތީގައި ލެވެލްއެއްގައި ހުރުމުން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

ކުޑަކުދިންނަށް ކާންދިނުމަށް ބޭނުންކުރާ މުޝީ ބްރޭންޑްގެ ތަށި ވަކި ގޮތެއް އަންގަންދެން ރާއްޖޭގައި ނުވިއްކުމަށާއި އަދި ބޭނުން އެމްއެފްޑީއޭ އިން އެންގީ އިއްޔެއެވެ.

އެ އޮތޯރިތީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ މުޝީ ތަށީގައި ހުންނަ މާއްދާއެއް ގިނަނަމަ ކާ އެއްޗެހިން އޭގެ ރަހަލާނެ ކަމަށެވެ. އަދި މުޝީ ބްރޭންޑްގެ ދެ ތައްޓެއް ބޭނުން ނުކުރަން އެންގީ އޭތަށީގަ އެ މާއްދާ މާ ބޮޑަށް މަތިވުމުން ކަމަށެވެ.

އަދި އެގޮތަށް އިތުރުވާ މާއްދާތަކުގެ ސަބަބުން ކާ އެއްޗިހީގެ ރަހަޔަށް ބަދަލު އައިސް، އެ ތަށި ބޭނުންކުރާ ފަރާތްތަކަށް ސިއްހީގޮތުން ނުރައްކަލެއް ކުރިމަތިވެދާނެކަމަށް އެމްއެފްޑީއޭގެ އޮފިޝަލު ވިދާޅުވިއެވެ.

އެމްއެފްޑީއޭއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މުޝީ ބްރޭންޑްގެ 'ސިލިކޯން ސަކްޝަން ޕްލޭޓް' އަދި 'ސިލިކޯން ސްނެކް ކަޕް' ރާއްޖެއަށް އެތެރެ ވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރް.އޭ.އެސް.އެފް.އެފް) އިން އަންގާފައިވާކަމަށެވެ.

އަދި އެ ވައްތަރުގެ ތަށީގައި ކާބޯ ތަކެއްޗަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮވެދާނެކަމަށް އެ އޮތޯރިޓީއިން ބުނެފައި ވެއެވެ. މި އެލާޓް އާ ގުޅިގެން އެ އޮތޯރިޓީއިން ދަނީ އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސް ބެލުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން އެމްއެފްޑީއޭއިން ވަކި އެއްޗެއް އަންގަންދެން "މުޝީ" ބްރޭންޑްގެ 'ސިލިކޯން ސަކްޝަން ޕްލޭޓް' އަދި 'ސިލިކޯން ސްނެކް ކަޕް' ބޭނުން ނުކުރުމަށް އެ އޮތޯރިޓީއިން އެދިފައި ވެއެވެ.

comment ކޮމެންޓް