ފްރަންޓް ލައިންގެ ހިދުމަތްތެރިންނަށް ސެލިއުޓް ކުރަން: އެމްޓީޑީ

ޑިސެމްބަރ 24، 2018: މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން: މިޖަލްސާ ބޭއްވީ ދަރުބާރުގޭގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19ގެ ބަލާބަލިމަޑު ކަމުގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ޕްރަންޓްލައިންގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތް ހިތުގެ އަޑީން ގަބޫލްކޮށް ޝުކުރުވެރިކަމާއި އެކީ ސެލިއުޓްކުރާ ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރޭޓްސް (އެމްޓީޑީ) އިން ބުނެފިއެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ، ހުންނަވާ އުފެއްދެވި އެމްޓީޑީން ބުނީ މި ހާލަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ލީޑާޝިޕްގެ ދަށުން ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ހޯދިފައިވާ ކަމަށެވެ.

އަދި އެކަން ޕާޓީން ނުހަނު އުފަލާއި ޝުކުރުވެރިކަމާ އެކީ ފާހަގަ ކުރާ ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޓީޑީން ބުނީ ރައީސް ސޯލިހު އިންސާނިއްޔަތު ކަން އިސްކުރައްވާ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އިސްތިސްނާ ނުކޮށް އެމީހުނަށްވެސް ހިލޭ ވެކްސިން ޖަހައިދީ، މިހާރު ރާއްޖޭގެ 61 ޕަސެންޓް އާބާދީ ދެޑޯޒް ޖަހާ ވެކްސިނޭޝަން ފުރިހަމަކޮށްފައިވާ ކަމަށާއި އޭގެ އިތުރުން 70 ޕަސެންޓް މީހުން ފުރަތަމަ ޑޯޒް ޖަހައިފި ކަމަށެވެ.

"އެޗްޕީއޭ، ދިވެހި ރެޑް ކްރެސެންޓް، ޑަބްލިއުއެޗްއޯ މޯލްޑިވްސް، އަދި ފްރަންޓް ލައިންގައި މަސައްކަތް ކުރާ ހުރިހާ ހިދުމަތްތެރިން ކުރައްވަމުންދާ ބުރަ މަސައްކަތް މިޕާރޓީން ހިތުގެ އަޑީން ގަބޫލްކޮށް ޝުކުރުވެރިކަމާއި އެކީ ސެލިއުޓްކުރަން،" އެމްޓީޑީން ބުންޏެވެ.

އެންމެ ބޮޑު ކަންބޮޑުވުމަކީ އަދިވެސް ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮވިޑް-19 ވެކްސިން ނުޖަހާ ފަރާތް ތަކުގެ ތެރޭގައި 18 އަހަރާއި 26 އަހަރާއި ދެމެދު ޒުވާނުން ގިނަކަން ފާހަކަކޮށް އެމްޓީޑީން ބުނީ އެ ޕާޓީގެ އެދުމަކީ ރައީސް ސޯލިހު އެދިވަޑައިގެންފައިވާ ފަދައިން ފަރުދީ އަދި އާއިލީ ޒިންމާއެއް ކަމުގައި މިކަން ދެކިގެން ވެކްސިން ފުރިހަމަ ކުރުމަށް ހުރިހާ ޒުވާނުން އަތުކުރި އޮޅާލާ އިސްނަގައިގެން ވެކްސިންޖަހަން ދިޔުން ކަމަށެވެ.

އެމްޓީޑީން ބުނީ ވީހާވެސް އަވަހަކަށް ކޮވިޑް-19 އިން އަރައި ގަތުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމާއި އެކީ މިކަމުން ސަލާމަތް ކޮށްދެއްވުމަށް އެދި މާތް ﷲ ކިބައަށް ދުއާކޮށް ވަކީލު ކުރުމަށް، އެންމެހައި މުސްލިމު އަޚުންނާއި އުޚުތުންނަށް ޕާޓީން އިލްތިމާސް ކުރާ ކަމަށެވެ.

comment ކޮމެންޓް