ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ސަރުކާރުގެ ހިދުމަތް ހޯދުމުގައި ހާއްސަ ލުއިތަކެއް!

ފެބްރުއަރީ 4، 2021: މާލެ ސަރަހައްދުގައި ވެކްސިން ޖެހުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ކޮވިޑްގެ ކުރިން އާންމު ހާލަތެކޭ އެއްގޮތަށް ސަރުކާރުގެ އޮފީސްތަކުން ހިދުމަތްދިނުމުގައި ލުއިތަކެއް ދިނުމަށް އަންނަނީ މަޝްވަރާކުރަމުންނެވެ.

ސަރުކަރުގެ އޮފިޝަލަކު "ސަން" އަސް މައުލޫމާތު ދިން ގޮތުގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ތިބި ފަރާތްތަކަށް ސަރުކާރުގެ އޮފީސް ތަކުން ހިދުމަތް ހޯދާއިރު ހާއްސަ ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ މަޝްވަރާ ދަނީ ކުރަމުންނެވެ.

އެގޮތަށް މަޝްވަރާކުރަން ނިންމީ އާންމު ހާލަތަށް ރުޖޫއަވުމުގައި ފަސޭހަތަކެއް ދިނުމުގެ ގޮތުންނާއި ވެކްސިން ޖެހުމަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުންކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

އެހެންނަމަވެސް އަދި ލުއިދެނީ ކޮން ކޮން ކަމަކަށްތޯ، ކޮން ހިދުމަތަކަށްތޯ އަދި ކޮން އިރަކުން ފެށިގެންތޯ ނިންމިފައިނުވާކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

"އެއްވެސް ހިދުމަތެއް އެއްވެސް މީހަކަށް ނުދީއެއް ނުދާނެ، ވެކްސިން ނުޖަހާ މީހުންނަށް މިބުނީ. އެކަމަކު ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ތަނކޮޅެއް އާންމު ހާލަތެކޭ އެއްގޮތަށް ހިދުމަތް ލިބިގެންދާނެ، އެއީ ކުރެވޭ މަޝްވަރާއަކީ،" އެ އޮފިޝަލް ވިދާޅުވިއެވެ.

ސަރުކާރުން ދަނީ މި މަހުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަކުރުމަށް އަމާޒުކޮށް ވަރުގަދަ ކެމްޕޭނެއް ފައްޓައިގެން ހިންގަމުންނެވެ. ރާއްޖޭގައި ޖަހައިދެމުން އަންނަނީ ކޮވިޝީލްޑް ވެކްސިން އާއި އެސްޓްރާޒެނެކާ ވެކްސިންގެ އިތުރުން ސިނޮފާމް ވެކްސިން އަދި ފައިޒާ ވެކްސިންއެވެ.

ރަޝިޔާގެ ސްޕަޓްނިކް ވީ ވެކްސިންއަށް ހުއްދަދީފައިވީ ނަމަވެސް އަދި އެ ވެކްސިން ރާއްޖެއަށް ލިބޭ ގޮތެއް ނުވެއެވެ. މި ވެކްސިންތަކުގެ އިތުރުން މޮޑާނާ އަދި ޖެންސަން ވެކްސިން ޖަހަންވެސް ވަނީ ހުއްދަދީފައެވެ.

މިހާތަނަށް ރާއްޖޭގައި ވެކްސިންގެ ދެ ޑޯޒް 264،913 މީހުން ފުރިހަމަކޮށްފައިވެއެވެ. މިއީ ވެކްސިން ޖެހޭ އާބާދީގެ 50 އިންސައްތައަށް ވުރެ ގިނަ އަދަދެކެވެ.

ސަރުކާރުން ވެކްސިން ޖަހާފައިވާ މީހުންނަށް ހާއްސަ ލުއިތަކެއް ދޭން މަޝްވަރާކުރަމުން އަންނަ އިރު، މިއަދު އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ވެކްސިން ޖެހޭ އުމުރުފުރައިގެ ވެކްސިން ފުރިހަމަނުކުރާ މީހުން އަންނަ މަހުގެ އެކަކުން ފެށިގެން ރާއްޖޭގެ ސްކޫލުތަކަށް ނުވަދެވޭނެކަމަށް އިއުލާންކޮށްފައެވެ.

comment ކޮމެންޓް