ޕެސިފިކް ރަށްތަކުގެ މީހުންނާ މެދު ތަފާތުކޮށް އެޅި ފިޔަވަޅުތަކަށް ނިއު ޒިލެންޑުން މާފަށް އެދެފި

ނިއު ޒިލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން ވަނީ ޕެސިފިކް ރަށްތަކުގެ މީހުންގެ ކިބައިން މާފަށް އެދިވަޑައިގެންފަ -- ފޮޓޯ: އޭޕީ

ވެލިންޓަން (އޮގަސްޓު 1): ނިއު ޒިލެންޑުން 1970ގެ އަހަރުތަކުގައި ތަންފީޒު ކުރި އިމިގްރޭޝަން ގާނޫނުތައް އެގައުމުގައި ދިރިއުޅުނު ޕެސިފިކް ރަށްތަކުގެ މީހުންނާ މެދު ނަސްލީ ގޮތުން ތަފާތުކޮށް، އަދަބު ދިނުމަށް ބޭނުން ކުރުމާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން މާފަށް އެދިވަޑައިގެންފިއެވެ.

އާޑާން މާފަށް އެދިވަޑައިގަތީ ނިއު ޒިލެންޑުގައި 1974އިން ފެށިގެން 10 ވަރަކަށް އަހަރު ވަންދެން ކުރިއަށް ގެންދިޔަ "ޑޯން ރޭޑު"ތަކާ ގުޅިގެންނެވެ. އެއީ ވޯކް ވިސާގެ މުއްދަތު ހަމަވުމުންވެސް އެގައުމުގައި ދިރިއުޅެމުން ދިޔަ މީހުންގެ ގެތަކާއި މަސައްކަތް ކުރާ ތަންތަން ފާސް ކުުރުމަށް ކުރިއަށްގެންދިޔަ ރޭޑުތަކެކެވެ.

ނަމަވެސް ވިސާ ހަމަވުމަށް ފަހު އޭރު ނިއު ޒިލެންޑުގައި އިނގިރޭސިވިލާތާއި އެމެރިކާގެ ގިނަ އަދަދެއްގެ މީހުން ތިބި ނަމަވެސް އިމިގްރޭޝަން ގާނޫނުގެ ދަށުން ބޮޑަށް ފިޔަވަޅު އެޅީ ޕެސިފިކް ރަށްތަކުގެ މީހުންނާ ދެކޮޅަށެވެ.

އޭރު ނިއު ޒިލެންޑުގައި ތިބި ޕެސިފިކް އާބާދީގެ ގިނަ މީހުންނަކީ 1950ގެ އަހަރުތަކުގައި ނިއު ޒިލެންޑުގެ އިގުތިސާދު ކުރިއަރައިގެން ދިޔަ އިރު ސަމޯއާ އާއި ޓޮންގާ އާއި ފިޖީ ފަދަ ގައުމުތަކުން އެގައުމުގެ ފެކްޓަރީތަކާއި ދަނޑުތަކުގައި މަސައްކަތް ކުރުމަށް ގެންދިޔަ މީހުންނެވެ. ނަމަވެސް 1970ގެ އަހަރުތަކުގައި ނިއު ޒިލެންޑުގެ އިގުތިސާދު ދަށަށް ދާން ފެށުމުން އެގައުމުގެ ސަރުކާރާއި ބައެއް ރައްޔިތުން ޕެސިފިކް މީހުންނާ މެދު އިހާނެތިކޮށް އަމަލު ކުރަން ފެށި އެވެ.

އޭގެ ފަހުން ސަރުކާރުން ވިސާއާ ބެހޭ ގާނޫނު ތަންފީޒު ކުރި އިރު އޭގެ އަމާޒަކަށްވީ ޕެސިފިކް ރައްޔިތުންނެވެ. އަދި އެމީހުންގެ ގެތަށް އާއްމު ގޮތެއްގައި ފަތިސް ގަޑީގައި ރޭޑުކޮށް، ވިސާ ހަމަވެފައިވާ މީހުން ޑީޕޯޓު ކުރިއެވެ. އޭގެ ސަބަބުން ނިއު ޒިލެންޑުގައި ދިރިއުޅެމުން ދިޔަ ޕެސިފިކް އާއިލާތައް ބައިބައިވެ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެދިގެން ދިޔަ އެވެ.

އެ ސިޔާސަތު 10 ވަރަކަށް އަހަރަށް ދެމިގެން ދިޔުމަށް ފަހު ހުއްޓުމަކަށް ގެނައީ ދީނީ، ސިޔާސީ އަދި މަދަނީ ޖަމާއަތްތަކުގެ ފާޑު ކިޔުންތަކާ ގުޅިގެންނެވެ.

އާޑާން ވިދާޅުވި ގޮތުގައި އެ ރޭޑުތައް ހިނގައި ދިޔައީ މީގެ 50 ވަރަކަށް އަހަރު ކުރިން ކަމަށްވީ ނަމަވެސް އޭގެ ސަބަބުން ލިބުނު ގެއްލުންތަކުގެ "ލަކުނު އަދިވެސް ފެންނަން" ހުރެއެވެ. އަދި ސަރުކާރުން މާފަށް އެދުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"1970ގެ އަހަރުތަކުގައި ޑޯން ރޭޑުތަކަށް މަގުފަހިވެ، އެކި މީހުންގެ މެދު ތަފާތުވާ ގޮތަށް އިމިގްރޭޝަން ގާނޫނުތައް ތަންފީޒު ކުރި މައްސަލައަށް އަޅުގަނޑު ނިއު ޒިލެންޑުގެ ސަރުކާރުގެ ފަރާތުން ޕެސިފިކް ކޮމިއުނިޓީގެ ކިބައިން މާފަށް އެދެން،" އާޑާން ވިދާޅުވިއެވެ.

މީގެ އިތުރުން އާޑާން ވަނީ ނިއު ޒިލެންޑުގައި ދިރިއުޅޭ ޕެސިފިކް ދަރިވަރުންނަށް ދެ މިލިއަން ޑޮލަރުގެ ސްކޮލާޝިޕްތައް އިއުލާން ކުރައްވާފައެވެ. އަދި އެގައުމުގެ ސްކޫލުތަކުގައި ތާރީހު ކިޔަވާ ދޭ އިރު ޑޯން ރޭޑުތަކުގެ މައުލޫމާތުވެސް ހިމަނާނެ ކަމަށާއި އެ ހާދިސާއާ ބެހޭ ރަސްމީ ރެކޯޑެއް ހަދަން ޕެސިފިކް އާޓީސްޓުންނާއި ތާރީހު ދިރާސާ ކުރައްވާ ފަރާތްތަކަށް ސަރުކާރުން އެހީ ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް