މެޑިޓެރޭނިއަން ގައުމުތަކުގެ ޖަންގަލިތަކުގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް

ތުރުކީގެ ޖަންގަލިތަކުގައި އަލިފާން ރޯވުމުގެ ސަބަބުން ދުން ބޯވެފައި -- ފޮޓޯ: އޭއެފްޕީ

އަންކާރާ (އޮގަސްޓު 1): މެޑިޓެރޭނިއަން ކަނޑުގެ ވަށައިގެންވާ ބައެއް ގައުމުތަކުގައި ހޫނު މޫސުމާ ދިމާކޮށް ޖަންގަލިތަކުގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މެޑިޓެރޭނިއަން ގައުމުތަކުގެ ތެރެއިން މިހާރު ޖަންގަލިތަކުގައި ރޯވެފައިވާ ގައުމުތަކުގެ ތެރޭގައި އިޓަލީ، ތުރުކީ، ލުބުނާން އަދި ސީރިއާ ހިމެނެއެވެ.

އޭގެ ތެރެއިން އިޓަލީގައި މިހާރު އެންމެ ބޮޑަށް ރޯވެފައި ވަނީ ސިސިލީގައެވެ. އެ ރަށުގެ ކަތާނިއާ ސިޓީގެ ޖަންގަލިތަކުގައި ފެތުރޭ އަލިފާންގަނޑުގެ ސަބަބުން އެ ސިޓީގެ ރިޒޯޓެއް ވަނީ އަނދާފައެވެ. އަދި ފިނިހޫނުމިން 40 ޑިގްރީއާ ގާތަށް އުފުލި، ވައިގަދަވުމުގެ ސަބަބުންވެސް އަލިފާންގަނޑު ފެތުރޭ މިންވަރު ދަނީ އިތުރުވަމުންނެވެ.

މީގެ ކުރިން މިދިޔަ ހަފްތާ ތެރޭގައި އިޓަލީގެ ސާޑީނިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑުތައް ކޮންޓްރޯލް ކުރުމަށް އެގައުމަށް ޔޫރަޕިއަން ޔޫނިއަންގެ އެހީއަށް އެދެން ޖެހުނެވެ. އެ އަލިފާންގަނޑުގެ ސަބަބުން 20،000 ހެކްޓަރުގެ ބިމަށް ގެއްލުން ލިބުނު ކަމަށް ވޯލްޑް ވައިލްޑްލައިފް ފަންޑު (ޑަބްލިޔުޑަބްލިޔުއެފް)އިން ބުންޏެވެ.

ސިސިލީގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑު ރިޒޯޓު ރަށަކަށް ފެތުރި، ގެއްލުންތައް ލިބިފައި -- ފޮޓޯ: ރޮއިޓާސް

އިޓަލީގެ އިތުރުން ތުރުކީގެ ދެކުނުން ބައެއް ސަރަހައްދުތަކުގައި ރޯވުމުގެ ސަބަބުން ޖަންގަލިތައް އަނދާ، މީހުން ދިރިއުޅޭ އަވަށްތަކަށްވެސް ފެތުރި، ގިނަ އަދަދެއްގެ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރަން ވަނީ ޖެހިފައެވެ.

ތުރުކީގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެ އަލިފާނުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ހަޔެކަށް އަރާ، އެތައް ސަތޭކަ މީހުންނަށް ވަނީ އަނިޔާވެފައެވެ. އަދި އެ ސަރަހައްދުތަކުގައި ވަނީ ކާރިސާގެ ހާލަތު އިއުލާންކޮށްފައެވެ.

ތުރުކީގެ އެގްރިކަލްޗާ އެންޑް ފޮރެސްޓްރީ މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި އެގައުމުގައި ފާއިތުވި ދުވަސްތަކުގައި ރޯވި 98 އަލިފާންގަނޑުގެ ތެރެއިން 88 އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވި ގޮތުގައި އަލިފާނުގެ ސަބަބުން ގެއްލުން ލިބުނު އާއިލާތަކަށް ސަރުކާރުން ބަދަލު ދޭނެއެވެ. އަދި އެ އާއިލާތަކުން ދައްކަން ޖެހޭ ޓެކްސްތަކާއި ކްރެޑިޓް ފީތައް ފަސްކޮށް، ކުދި ވިޔަފާރިތަކަށްވެސް ލުއިތައް ދޭނެއެވެ.

ތުރުކީން ދަނީ އެ އަލިފާންގަނޑުތައް ފެތުރުނީ ބަޔަކު ގަސްތުގައި ރޯކޮށްލުމުގެ ސަބަބުން ކަމަށް ބުނާ ތުހުމަތުތައް ތަހުގީގު ކުރަމުންނެވެ.

ތުރުކީއާ އެއްގޮތަށް ލުބުނާނުގެ ޖަންގަލިތަކުގައި ބޮޑު އަލިފާންގަނޑުތައް ރޯވީ މިދިޔަ ބުދަ ދުވަހުއެވެ. އަދި އެ އަލިފާންގަނޑުތައް ސީރިއާއަށްވެސް ފެތުރިފައިވާ ކަމަށް އެގައުމުގެ ރަސްމީ ނޫހުން ރިޕޯޓުކުރިއެވެ.

ސައިންސުވެރިން ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގުދުރަތީ ކާރިސާތައް އިތުރަށް ގޯސްވަމުންދާ ކަމުގެ އިންޒާރު ދީފައެވެ. އެގޮތުން އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ނިއު ސައުތު ވޭލްސްގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ މާކް ޑީސެންޑޯފް ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އާދަޔާ ހިލާފަށް ހޫނު ދުވަސްތައް އިތުރުވެ، ހަނަފަސްކަަމަށް މަގުފަހިވެ، އަލިފާންގަނޑުތައް ފެތުރެން ފަސޭހަވެގެންދެއެވެ.

comment ކޮމެންޓް