ތެޔޮ ޓޭންކަރަށް ހަމަލާ ދިނީ އީރާނުން ކަމަށް ތުހުމަތުކޮށް އިސްރާއީލުން އިންޒާރު ދެނީ

ޑްރޯން ހަމަލާ އަމާޒުވި އިސްރާއީލުގެ ތެޔޮ ޓޭންކަރު

ޓެލްއަވީވް (އޮގަސްޓް 01): ގަލްފު އޮފް އޮމާން ކައިރިން ދަތުރުކުރި އިސްރާއީލުގެ ތެޔޮ ޓޭންކަރަށް ހަމަލާ ދިނީ އީރާނުންކަމަށް ތުހުމަތުކޮށް އެކަމުގެ ބަދަލު އީރާނާދެކޮޅަށް ހިފާނެކަމުގެ އިންޒާރު އިސްރާއީލުން ދީފިއެވެ.

ނަންހާމަކުރަންނޭދޭ އިސްރާއީލުގެ މަސްއޫލުވެރިއަކާ ހަވާލާދީ އިސްރާއީލުގެ ސިފައިންގެ ރޭޑިއޯ ބުނިގޮތުގައި އިސްރާއީލުގެ ޓޭންކަރަށް އަރާފައިވަނީ އީރާނުން މަތީ ފެންވަރުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ދުރުން އަމާޒަށް ހަމަލާދޭ ޑްރޯނެއްގެ ހަމަލާއެއްކަން މިހާތަނަށް ކުރި ތަހުގީގުތަކުން ހާމަވާކަމުގައެވެ. އެެމެރިކާ ވެސް ވަނީ އިސްރާއީލުގެ ޓޭންކަރަށް އެރީ ޑްރޯން ހަމަލާއެއްކަމަށް ބުނެފައެވެ.

ފަލަސްތީނުގެ ޣައްޒާ ގެ ނަމުން ނަންދީފައިވާ އީރާނުގެ ޑްރޯން "ގާޒާ"ގެ ކައިރީގައި އީރާނުގެ އަސްކަރީ އޮފްސަރުން

އެހެންކަމުން އެހަމަލާއަށް ރައްދު ދޭނީ އިސްރާއީލުގެ ޒަޔަނިސްޓު ފަލްސަފާއާ ގުޅޭ ބުރަދަނެއްގެ ހަމަލާއަކުން ކަމަށް ނަންހާމަކުރަން ނޭދޭ އިސްރާއީލުގެ މަސްއޫލުވެރިއާ އިސްރާއީލުގެ ރޭޑިއޯއަށް ވިދާޅުވިއެވެ. ގޮތް ނޭނގޭ އެ ހަމަލާގައި އިސްރާއީލުގެ އާގު ބޯޓުގެ ކެޕްޓަނާއި އެ ބޯޓުގެ ގާޑަކު ވަނީ މަރުވެފައެވެ. ހަމަލާ އަރާފައި ވަނީ އެ ބޯޓުގެ ކޮންޓްރޯލް ރޫމަށްކަމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

"މާސާ ސްޓްރީޓް" ނަމަކަށްކިޔާ މި ޓޭންކަރަކީ އިސްރާއީލުގެ ބިލިއަނަރު އެޔާލް އޮފާގެ "ޒޯޑިއެކް މެރިޓައިމް" ކުންފުންޏަށް ނިސްބަތްވާ ބޯޓެކެވެ. އެކުންފުނި ބުނާގޮތުން ގޮތްނޭންގޭ ހަމަލާ އަމާޒުވި ތެޔޮ ޓޭންކަރު "މާސާ ސްޓްރީޓް" އަކީ ލައިބީރިޔާގައި ރަޖިސްޓްރީކޮށް ލައިބީރިއާގެ ދިދަ ނަގާފައިވާ ޓޭންކަރެކެވެ. ނަމަވެސް އެއީ ޖަޕާނުގެ ބޯޓެކެވެ.

"ގާޒާ" ޑްރޯންގައި ހިމެނޭ އިލެކްޓްރޯނިކް އޮޕްޓިކަލް ސިސްޓަމް އީރާނުގެ އިންޖިނޭރަކު ޗެކްކުރަނީ

އިސްރާއީލުގެ ތުހުމަތުތަކަށް އީރާނުން ރަސްމީ ސިފައެއްގައި ރައްދެއް ނުދެއެވެ. ނަމަވެސް އީރާނުގެ ޓީވީ ޗެނެލް އެއްކަމަށްވާ "އަލްއާލަމް" އިން ބުނެފައިވަނީ އިސްރާއީލުގެ ތެޔޮ ޓޭންކަރަށް ހަމަލާ ދިނީ ސީރިއާގައި ވާ އީރާނުގެ އަމާޒަކަށް ދާދި ފަހުން އިސްރާއިލުން ދިން ހަމަލާތަކަކަށް ބަދަލު ހިފުމުގެ ގޮތުން ކަމަށާއި މި ހަމަލާ ތަންފީޒު ކޮށްފައިވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރުތަކުން ކަމަށެވެ.

އިސްރާއީލުން ދޭ ޓެރަރިސްޓް ހަމަލާތަކަށް މީގެ ފަހުން ރައްދު ނުދީ އީރާން ނޯންނާނެކަމަށާއި އިސްރާއީލުން އިތުރު ހަމަލާއެއް ދީފިނަމަ އެއަށްވުރެ ވެސް ހަރުކަށިކޮށް އީރާނުން ރައްދު ދޭނެކަމަށް "އަލްއާލަމް" ޗެނަލްއިން ބުނެފައިވެއެވެ. ސީރިއާގައި ވާ އީރާނުގެ އަމާޒުތަކަށް ތަކުރާރުކޮށް އިސްރާއީލު ގެންދަނީ މިސައިލާއި ފައިޓާ ޖެޓްތަކުން ހަމަލާތައް ދެމުންނެވެ.

އެ ހަމަލާތަކުގައި ބައެއް ފަހަރު މީހުންވެސް މަރުވެއެވެ. އަދި ތަކެއްޗަށްވެސް ގެއްލުންވެއެވެ. އަދި ސީރިއާގެ މިނިވަންކަމާއި ސިޔާދަތަށްވެސް އިސްރާއީލު ގެންދަނީ އަރައިގަންނަމުންނެވެ. އަނެއްކޮޅުން އީރާނުގެ ނިއުކްލިޔާ ސައެންޓިސްޓެއްކަމަށްވާ މުހްސިން ފަޚްރީ ޒާދާ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އަވަހާރަކޮށްލި ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ވަނީ ވެސް އިސްރާއީލުކަން އީރާނުން ކަށަވަރުކޮށްދީފައި ވާ އިރު ނުސީދާކޮށް އިސްރާއީލު ވެސް ވަނީ އެ ޖަރީމާ ހިންގިކަމަށް އިއުތިރާފުވެފައެވެ.

އީރާނުން އުފައްދާފައިވާ ޙަމަލާދޭ ޑްރޯން ތަކުގެ ތެރޭގައި ހިމެނޭ "ގާޒާ" މަރުކާގެ ޑްރޯން

މީގެއިތުރުން އީރާނުން ސީރިއާއަށް ކަނޑުގެ މަގުން ދަތުރުކުރާ އީރާނުގެ އާގު ބޯޓުތަކަށާއި ތެޔޮ ޓޭންކަރުތަކަށް ވެސް ތަކުރާރުކޮށް އިސްރާއީލުން ޑްރޯން ބޭނުންކޮށްގެން ހަމަލާތައް ދެމުން ގެންދެއެވެ. މި ހަމަލާތަކުގެ ރައްދުގައި އީރާނުން ވެސް ފާއިތުވި މަސްތަކުގައި އިސްރާއީލުގެ ތިން އާގުބޯޓަކަށް ހަމަލާ ދީފައިވެއެވެ.

އިސްރާއީލުގެ ޚާރިޖީ ވަޒީރު ލައިރު ލެޕެޑް ވެސް ވަނީ ގަލްފު އޮފް އޮމާން ކައިރިން ދަތުރުކުރި އިސްރާއީލުގެ ތެޔޮ ޓޭންކަރަށް ހަމަލާދީފައިވަނީ އީރާނުން ކަމަށް ތުހުމަތުކުރައްވައި އެ ހަމަލާގެ ބަދަލު އީރާނުގެ ކިބައިން ހިފާނެކަމުގެ އިންޒާރު ދީފައެވެ. އަދި އީރާނުން ދެނީ ޓެރަރިސްޓް ހަމަލާތަކެއް ކަމަށް ވެސް ލެޕެޑް ތުހުމަތު ކުރެއްވިއެވެ.

އީރާނަކީ ދުރުރާސްތާގެ މިސައިލް ބޭނުންކޮށްގެން އިސްރާއީލުގެ ކޮންމެ ތަނަކަށް ވެސް ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިވާ ގައުމެކެވެ. މިއަހަރުގެ ކުރީކޮޅު އިސްރާއީލުގެ ނިއުކްލިޔާ މައި މަރުކަޒު ހުންނަ ސަރަހައްދަށް ގޮތް ނޭންގޭ ރޮކެޓެއް ވެއްޓިފައިވާއިރު އެއީ ސީރިއާއަށް އިސްރާއީލުން ދޭ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުންނާއި އިސްރާއީލަށް އިންޒާރު ދިނުމުގެ ގޮތުން ސީރިއާގެ ތެރެއިން އީރާން ފޮނުވާލި ހަމަލާއެއް ކަމަށް އިސްރާއީލުގެ ނޫސްތައް ބުނެފައިވެއެވެ. އެ ރޮކެޓް މަތަނުކުރެވުމުންނާއި އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒުގެ ސެކިއުރިޓީ ދަށްކަން ހާމަވުމުން އެ ވާހަކަ ދެއްކުމަށް އިސްރާއީލުގެ ސަރުކާރު ވަނީ ފަސްޖެހިފައެވެ.

އީރާނުގެ މަދަދު ލިބޭ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަކީ ވެސް އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒު ވެސް ހިމެނޭ ގޮތަށް އިސްރާއީލުގެ ކޮންމެ ތަނަކަށް ވެސް ކޮންމެ ވަގުތަކު ހަމަލާދެވޭ ވަރުގެ އެތަށް ހާސް ރޮކެޓު ހުރި އަދި އިސްރާއީލާ އެތައް ފަހަރަކު ހަނގުރާމަ ކޮށްފައިވާ އަސްކަރީ ޖަމާއަތެކެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތަކީވެސް އިސްރާއީލުގެ ނިއުކްލިއާ ރިއެކްޓަރަށް ހަމަލާ ދެވޭވަރުގެ ރޮކެޓު ހުރި ޖަމާއަތެކެވެ. ހަމާސްގެ ރޮކެޓްތައް އިސްރާއީލަށް މަތަނުކުރެވޭކަން ދާދި ފަހުން އިސްރާއީލުން ގައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިން ވަނީ ހާމަވެފައެވެ.

comment ކޮމެންޓް