ފޯކައިދޫ ބަނދަރު މަޝްރޫއުގެ 41 ޕަސަންޓު މަސައްކަތް ނިންމައިފި

ށ. ފޯކައިދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް --- ފޮޓޯ: އެމްޓީސީސީ

ށ. ފޯކައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 41 ޕަސަންޓް މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ފޯކައިދޫ ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓު މިހާރު އެ ރަށަށް ގެންދެވިފައިވާކަމަށެވެ.

އެގޮތުން މި މަޝްރޫގެ ދަށުން 39,995 ކިއުބިކް މީޓަރުގެ އައު ހާބަރު ބޭސިން ފުންކުރުމާއި، 1،800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި މިހާރު ބޭނުންކުރަމުންދާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް ކުރާނެކަމަށް އެ ކުންފުނިން ބުންޏެވެ.

އަދި 4،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތުގެ އިތުރުން، 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތާއި 2،320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހަދައި، ނެރު ބައްތި އާއި މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫގެ ދަށުން ކުރާނެކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މި މަޝްރޫއަކީ 52.7 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ.

comment ކޮމެންޓް