ރިއުމާން އެއްވެސް އެއްޗެއް ނުބުނެ ނާޝިދުގެ ފަހަތުން ހިނގައިގަތެވެ. ނާޝިދު ދިޔައީ ކާ ބަޔާ ދިމާލަށެވެ. އެއްފަރާތަށް ކަހައިލެވެން ހުރި ބިއްލޫރި ދޮރު ކަހާލާފައި، ރިއުމާންއަށް ބަލައިލުމަށްފަހު، އެތެރެއަށް ނާޝިދު ވަދެލުމާއެކު، ރިއުމާން ވެސް އޭނާގެ ފަަހަތުން އެތެރެއަށް ވަނެވެ. އެއާއެކު ރިއުމާންގެ ލޮލުގައި އަޅައިގަތީ މޭޒު ދޮށުގައި އިން އަންހެން މީހާއެވެ.

ގޮނޑީގައި އިށީނދެގެން އިނދެފައި އެ އަންހެން މީހާ ވެސް ބަލައިލުމާއެކު ރިއުމާންއާއި އޭނާއާއި ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. އެއާއެކު ރިއުމާންއަށް ބަލައިލަމުން އެ އަންހެން މީހާ ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެ އަންހެން މީހާ ފެނުމާއިއެކު، ރިއުމާންގެ ހަނދާނަށް އައީ ޕާކިން އޭރިޔާއިން އޭނާއަށް ފެނުނު މަންޒަރެވެ. އެއީ ހަމަ އެ އަންހެން މީހާއެވެ. އޭނާއަށް ރައްދުގައި ހިނިތުންވެލާކަށް ވެސް ނޭނގުނެވެ. ހައިރާންކަމާއެކު އޭނާއަށް ބަލައިލެވުނީ ނާޝިދާ ދިމާލަށެވެ. ނާޝިދު ރިއުމާންއަށް ބަލައިލުމަށްފަހު ބުނީ އިށީނުމަށެވެ. ވާހަކަދައްކާނީ ކެއުމަށް އިންސާފުކުރަން ފަށާފައިކަމަށް ނާޝިދު ބުނެލިއެވެ.

އެއްޗެއް ނުބުނެ ރިއުމާން ގޮސް މޭޒު ދޮށުން ގޮނޑިއެއް ދަމައިލާ އިށީނދެލިއެވެ. އެއަށްފަހު އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ނާޝިދު ހީކޮށްގެން ހުރީ ރިއުމާންގެ ފަރާތުން ހިތްހަމަ ނުޖެހުމުގެ ބަސްތަކެއް އަޑު އިވޭނޭކަމަށެވެ. އެހެންނަމަވެސް ދަރިފުޅުގެ ފަރާތުން އެފަދަ އަމަލެއް ނުފެނުމުން، އޭނާ ހުރީ ހިތްހަަމަ ޖެހިފައެވެ. ނާޝިދު ވެސް ގޮސް މޭޒުގެ އެއްފަރާތުގައި ހުރި ގޮނޑީގައި އިށީނދެލިއެވެ.

އޭރު ނޯކަރަކަށް ހުރި އަންހެން ކުއްޖާ ދިޔައީ މޭޒުމައްޗަށް އެއްޗެހިތައް އަރުވަމުންނެވެ. އެ ހުރިހާކަމެއް ކޮށް ނިންމާފައި އެ ކުއްޖާ އެތަނުން ނުކުތުމާއެކު ނާޝިދު އިޝާރާތް ކުރީ ކެއުން ކުރިއަށް ގެންދިިޔުމަށެވެ. ނާޝިދު ދައްކަން އެ އުޅެނީ ކޮން ވާހަކައެއްކަން އެނގުނު ރިއުމާން އިނީ އެއްޗެއް ކާހިތްވެސް ނުވެފައެވެ.

މޭޒުމަތީީގައި ދެ ވައްތަރެއްގެ ބިރިޔާނީގެ އިިތުރުން ކުކުޅާއި ތަރުކާރީ ސެލެޑް ވެސް ހުއްޓެވެ. ހުރިހާ އެއްޗެއް ވެސް ހުރީ ތާޒާކޮށްކަން ރަމްޒުކޮށްދެމުން ދިޔައީ، އެތަކެތިން އޭރުވެސް އާވި އަރަމުން ދިޔައީތީއެވެ. ދެ ވައްތަރެއްގެ ޖޫސް ވެސް ހުއްޓެވެ. ކާ އެއްޗެހިން ކިތަންމެ މީރުވަސް ދުވަމުން ދިޔަނަމަވެސް ރިއުމާން އެއްގޮތަކަށް ކާހިތެއް ނުވިއެވެ. އެހެންނަމަވެސް އޭނާ ތައްޓަށް ކުޑަ އެތިކޮޅެއް އަޅައިލިއެވެ.

"ހާދަ ކުޑަކޮށް..." އެ މަންޒަރު ބަލަން އިނދެފައި ނާޝިދު ރިއުމާންއަށް ބަލައިލަމުން ބުނެލިއެވެ. ނާޝިދު އެހެން ބުނެލުމާއެކު ރިއުމާން އަނެއްކާވެސް ތައްޓަށް ބަތް އަޅަން ފެށިއެވެ.

"ރިއުމާން.... ބައްޕަ މިރޭ ދައްކަން މިއުޅޭ ވާހަަކަ ރިއުމާންއަށް އެނގޭނެ ކަންނޭނގެ!" ކެއުން ފެށުމަށްފަހު، ތަނުގައިވި ހަމަހިމޭންކަން އެންމެ ފުރަތަމަ ފޫދުއްވައިލީ ނާޝިދެވެ. ރިއުމާން އޭނާގެ އަތުގައި އޮތް އޫ ތަށިތެރެއަށް ދޫކޮށްލަމުން ނާޝިދަށް ސަމާލުކަން ދިން ނަމަވެސް އޭނާ އިތުރު އެއްވެސް އެއްޗެއް ބުނާ ޚިޔާލެއް ނުކުރެއެވެ.

"ބައްޕަ މީހަކާ އިންނަން ގަސްތުކޮށްފިން..." ރިއުމާން އެއްޗެއް ނުބުނެ އިންނަން ފެށުމުން ނާޝިދު ބުނެލިއެވެ.

"ރިއުމާން..... ކޮންމެވެސް އެއްޗެއް ބުނެބަލަ!" ރިއުމާން އެއްޗެއް ނުބުނެ އިންނަން ފެށުމުން އަނެއްކާވެސް ނާޝިދު ވާހަކަ ދެއްކިއެވެ.

"އަޅުގަނޑު ވަކި ކީކޭ ތޯ ބުނާނީ... ބައްޕަގެ ލައިފެއްނު. ގޮތް ނިންމާނީ ބައްޕައެއްނު. އެއީ އެއްނު ކުޑައިރުއްސުރެ ކަންތައް ހިނގަމުން އައި އުސޫލަކީ..." ރިއުމާން އިސްޖަހައިލަމުން ބުނެލިއެވެ.

"ރިއުމާން...." ނާޝިދު ރިއުމާންއަށް ގޮވައިލުމާއެކު، ރިއުމާން އިސްއުފުލައިލިއެވެ.

"މިރޭ ބައްޕަ ރިއުމާން މިތަނަށް މިގެނައީ މާޒީގެ ވާހަކަ ދައްކާކަށެއް ނޫނޭ... މާޒީ ހަނދާންނައްތާލާފަ އާ ފެށުމަކުން ފަށަންވެގެން...." ނާޝިދު އެ އަންހެން މީހާގެ މޫނަށް ވެސް އަވަސް ނަޒަރެއް ދިނެވެ.

"މީ ހުނައިދާ.... ބައްޕަމެން މިއުޅެނީ ވަރަށް އަވަހަށް ކައިވެނި ކުރަން ވެގެން" ރިއުމާންއަށް ނަޒަރު ހުއްޓައިލަމުން އަނެއްކާވެސް ނާޝިދު ބުނެލިއެވެ.

"ބައްޕައަށް ފެންނަ ގޮތަކަށް ކަންތައް ކުރީމަ އެ ނިމުނީ... މީގެ ކުރިންވެސް މަންމަވެސް އަދި ބައްޕަވެސް ނިންމުމެއް ނިންމަނީ ކޮންމެހެން އެހެން މީހަކަށް ވިސްނާފައެއް ނޫނެއްނު. ވީއިރު މިއަދު ކޮންމެހެން އަޅުގަނޑު ގާތުގައި ތި ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެއްނު" ރިއުމާންއަށް އެހެން ބުނެފައި ގޮނޑިން ތެދުވެވުނެވެ. ނާޝިދުގެ އެވާހަކައަށް އެވަގުތު ފިނި ހިތަކުން ވިސްނާލުމަށްފަހު ޖަވާބު ދޭކަށް ރިއުމާން ގަސްދެއް ނުކުރިއެވެ. މިހާރު އޭނާ ބޭނުންވަނީ އެ ސިކުނޑީގައި މި ހުރިހާ ދުވަހަކު ރައްކާކޮށްފައި ހުރި އެއްޗެހިތައް ބޭރުކުރާށެވެ. އޭނާގެ ނަފްސަށް އެކަމުން ތަސައްލީ ލިބޭތީއެވެ. ކުޑައިރުއްސުރެ އޭނާގެ ސިކުނޑީގައި އުފެދިފައިވާ ނުތަނަވަސްކަމަށް ލުޔެއް ލިބެނީ އޭނާ އެގޮތަށް ކަންތައް ކޮށްގެން ކަމަށްވީތީއެވެ.

ރިއުމާން ތެދުވެގެން ހިނގައިގަތުމުން ނާޝިދު ދެ ފަހަރަކު ރިއުމާންއަށް ގޮވައިލިއެވެ. ތިން ވަަނަ ފަހަރު ގޮވައިލަން އުޅުނު ނަމަވެސް އޭނާއަށް މަޑުޖައްސައިލެވުނީ މޭޒުމަތީގައި އޮތް އޭނާގެ އަތް މަތީގައި ހުނައިދާ އަތް ޖައްސައިލުމާއެކުގައެވެ.

"އޭނަ ދިޔަ ދީ... ކުއްލިއަކަށް މި ފަދަ ޚަބަރެއް ލިބުނީމަ ވީ ގޮތް އެއީ... މިވަގުތު ނާޝިދު ރުޅި އިސްކޮށްގެން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ. ހައްތަހާ އޭނަ ރުޅި އަންނާނީ... މިވަގުތު ކެތްތެރިވުން މުހިންމީ... ވިސްނިގެން އަދި ފަހުން ރަނގަޅަށް ވާހަކަ ވެސް ދައްކާނެ... އެހެންވީމަ އެކަމާ އެހާ ހާސްނުވޭ!" ހުނައިދާ އޭނާގެ އަތުން ނާޝިދުގެ އަތަށް ބާރުކޮށްލަމުން އެހެން ބުނެލުމާއެކު ނާޝިދު ފުންނޭވާއެއް ދޫކޮށްލިއެވެ.

"އެކަމަކު މިކަމާ ވެސް ކުރިމަތިލާން ޖެހޭނެ ދޯ... އެއެއް ނޫނެއްނު ކަންތައް ކުރަން ޖެހޭނެ ގޮތަކީ... ރީތިކޮށް ވާހަކަ ދެއްކެން އޮއްވަ އެ ދިޔައީ..." ނާޝިދު އޭނާގެ ރުޅި މަޑުކުރަން މަސައްކަތް ކުރަމުން ބުނެލިއެވެ.

"އަދި ވިސްނޭނެޔޭ... ދެން ރުޅި މަޑުކޮށްބަލަ!" ހުނައިދާގެ އެތައް ވާހަކައަކަށްފަހު ނާޝިދުގެ ރުޅިގަނޑުވެސް ފިނިވާގޮތްވިއެވެ.

ރިއުމާން އެ ގެއިން ނިކުމެގެން ދިޔައީ އޭނާގެ ގެއަށެވެ. ގެއަށް ވަތްއިރުވެސް އޭނާގެ އުދާސްކަމަށް އެއްވެސްކަހަލަ ބަދަލެއް ނާދެއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނާ ކޮޓަރިއަށް ވަދެ ފުރަތަމަވެސް އެނދުމައްޗަށް ވެއްޓިގަތެވެ.

****

ޖެހިގެން އައި ދުވަހުގެ މެންދުރުގެ ވަގުތުގައި ސަޖަލް ގެއަށް ގޮސް ފެންވަރާލައިގެން އަނބުރާ ހޮސްޕިޓަލަށް ދިޔައެވެ. އޭރު ޖަލީލާ އައިސީޔޫ ބޭރު ގޮނޑީގައި މަޑުކޮށްލައިގެން އިނެވެ.

"އަޅެ... ސަޖަލް ކުޑަކޮށް އަރާމުކޮށްލާފައި އައި ނަމައެއްނު. ޖަލިއްތަގެ ވެސް އެއްވެސް ކަމެއް ނެތޭ މިއަދު ބުނީމެއްނު. ހަށިގަނޑަށްވެސް ކޮންމެވެސް ކަހަލަ އަރާމެއް ބޭނުންވާނެއެއްނު..." ސަޖަލް އައިސް ޖަލީލާ ކައިރީގައި ހުރި ގޮނޑީގައި އިށީނުމާއެކު އޭނަ ބުނެލިއެވެ.

"އަހަރެން އޯކޭ އޭ ޖަލިއްތާ...." ސަޖަލް ބުނެލިއެވެ. ރަޝާދު އެހާ ބަލިވުމުގެ ސަބަބުން ސަޖަލް އޭނާގެ ގިނަ ވަގުތުތައް ހޭދަކުރަމުން ދިޔައީ ހޮސްޕިޓަލުގައެވެ. އޭނާ ހަމައެކަނި ގެއަށް ދަނީ ކޮންމެހެން ދާން ޖެހިގެންނެވެ.

އެމީހުން އެތަނުގައި ތިއްބާ ރަޝާދުގެ އެހީތެރިއަކަށް އެމީހުން ގޮވައިލިއެވެ. ސަޖަލް ޖަލީލާއަށް ބަލައިލުމަށްފަހު، ދޮރު ކައިރިއަށް ޖެހިލިއެވެ. އެމީހުން ސަޖަލް އެެތެރެއަށް ވެއްދިއެވެ. ދިން ގައުންއާ އެއްޗެހި ލައިގެން ސަޖަލް އޭނާގެ ބައްޕަ ބާއްވާފައި އޮތް އެނދުގެ ކައިރިއަށް ދިޔައެވެ. އޭރު ރަޝާދު ބަލިގޮތަކަށް ލޯ ހުޅުވާލައިގެން އޮތެވެ. ސަޖަލް ގޮސް ކައިރިއަށް ހުއްޓުމުންވެސް ސަޖަލްއާ ދިމާލަށް ކަޅި ހިންގައިލުން ފިޔަވާ އިތުރު ހަރަކާތެއް ރަޝާދަކަށް ނުކުރެވުނެވެ. އެ ދެލޮލުން އޭރު ކަރުނައިގެ އަސަރުތައް ކޮންމެވެސް ވަރަކަށް ފެންނަމުން ދިޔައެވެ. ސަޖަލްގެ ދެލޯވެސް ފެންކަޅިވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ބައްޕަ އެހާލުގައި ވާތަން ބަލަން އޭނާއަށް ކެތްކުރެވޭ ކަމަކަށް ނުވިއެވެ. ސަޖަލް ކަރުނަތައް ފުހެލީ އެ މަންޒަރު ރަޝާދަށް ނުދެއްކުމުގެ ބޭނުމުގައެވެ. ރަޝާދުގެ ދެލޮލުން އެތަކެއް ވާހަކައެއް ބުނދެމުން ދިޔައެވެ. ސަޖަލް ހިތްވަރުކުރުމަށް އެދެމުން ދިޔައެވެ. ދެން މާގިނަ ދުވަހު އެ ބައްޕަ ދުނިޔޭގައި ނީންނާނެއޭ އެ ނަޒަރުން ބުނާ ކަހަލައެވެ. ސަޖަލް އިތުރަށް ހިތްދަތިވުން ނޫންކަމެއް ނުވިއެވެ. އޭނާ ހިތްވަރުކޮށްފައި ކުރިއަށް ޖެހިލައި ރަޝާދުގެ އަތުގައި މަޑުމަޑުން ހިފައިލިއެވެ.

"ބައްޕާ... ނުރޮއި... އިރާދުކުރެއްވިއްޔާ ބައްޕަ ވަރަށް އަވަހަށް ރަނގަޅުވާނެ..." ސަޖަލް ބުނެލިއެވެ. އޭނާ އޯގާތެރިކަމާއެކު ބައްޕަގެ ކަރުނަތައް ފުހެދިނެވެ. ރަޝާދު އުނދަގުލުންވެސް ދެފަރާތަށް ބޯ ހޫރުވައިލީ ކީއްވެގެންކަން ސަޖަލްއަށް އެނގު ނެވެ.

"ނޫން ބައްޕާ!" ތިހެން ނުބުނޭ... ބައްޕަ އިންޝާﷲ ރަނގަޅުވާނެ..." ރަޝާދު ސަޖަލްގެ ދެލޮލަށް އިޝާރާތް ކޮށްލާފައި ބުނީ ނުރުއިމުމަށެވެ. އޭނާގެ އަޖަަލު ހަމަވެއްޖެކަމުގެ އިޙްސާސް އޭނާއަށް ކުރެވެނީއެވެ. އެ ދަރިފުޅާ މެދު ވެސް އޭނާގެ ހިތްވަނީ އިންތިހާ ކަންބޮޑުވެފައެވެ. އެހެންނަމަވެސް ތަޤުދިރުގެ ނިންމުމާ ދެކޮޅު ނުހެދޭނެކަން އޭނާއަށް ވެސް އެނގެއެވެ.

ކުއްލިއަކަށް ރަޝާދުގެ ހަށިގަނޑަށް ގުޅާފައިވާ މެޝިންތަކުގެ އަޑުތައް ގަދަވާން ފެށިއެވެ. އެއާއެކު ރަޝާދު ނޭވާ ނުލެވިގެން ތެޅެން ފެށިއެވެ. ވަގުތުން ޑރ. ފައިސަލްގެ އިތުރުން އެހެން ނަރުހުންވެސް އެތަނުގެ ކައިރިއަށް އައެވެ. އެމީހުން ސަޖަލް ދުރުކޮށްލިއެވެ. ސަޖަލްގެ އަތް އެ ބައްޕަގެ އަތާއި ވަކިވީ ވަގުތު އޭނާގެ ހިތަށް ބުނެދޭން ނޭނގޭ ގޮތެއް ވެގެން ދިޔައެވެ.

ރަޝާދުގެ އަނގައިން ލޭ އަންނަން ފެށީވެސް ސަޖަލްގެ ކުރިމަތީގައެވެ. ކެއްސަމުން ދިޔަ ރަޝާދުގެ ނޭފަތުންނާއި އަނގައިން ލޭތައް ފައިބަމުން ދިޔައިރު ޑޮކްޓަރުން ރަޝާދު ކައިރީގައި އަތްމަތި އަވަސްކޮށްލައިގެން ހަރަކާތްތެރިވަމުން ދިޔައެވެ. އެމީހުން ސަޖަލްއަށް ނުފެންނާނެހެން ފޮތިގަނޑު ދަމައިލުމާއެކު ސަޖަލްގެ ލޮލުން ހިފެއްޓުމެއް ނެތި ކަރުނަތައް ފައިބަން ފެށިއެވެ. އޭނާގެ ތުންފަތް ފޫ އަޅުވާާފައި މަޑު އާޙެއް ބޭރުވެގެން ދިޔައެވެ. އަޑު ވީއްލާ ނުރުއެއްކަމަކު އޭނާގެ ހިތުގައި އިންތިހާ ވޭން އަޅަމުން ދިޔައެވެ. އިރުއިރުކޮޅަކާ ވޭނީ އާހެއް އޭނާގެ އަނގައިން ބޭރުވަމުން ދިޔައިރު ކުޑަކޮށް ގިސްލެވެމުން ދިޔައެވެ.

އޭނާ އެތަނުގައި ޖެހި ބުދެއްހެން ހުންނަތާ އިރުގަނޑެއް ފަހުން ޑޮކްޓަރު ފައިސަލް އެތެރެއިން ނުކުތެވެ.

"ޑޮކްޓަރ... ބައްޕަ އޯކޭތޯ؟" ރަނގަޅުތަ؟ ކިހިނެއްތޯވީ" ސަޖަލްއަށް އެފަހަރާ އެތައް ސުވާލެއް ކޮށްލެވުނެވެ. ފައިސަލް ސަޖަލްއަށް ބަލައިލީ ހިތްވަރުދޭފަދަ ނަޒަރަކުންނެވެ. އެއާއެކު ސަޖަލްގެ ހަށިގަނޑަށް ވާންކަން ވެރިވެ ލޭނާރުތަކުގައި ބުނެދޭން ނޭނގޭ ފިނިކަމެއް ދައުރުކޮށްލުމާއެކު މުޅީ މީހާ ފިނިވެގެން ދިޔައެވެ.

"އައި އެމް ސޮރީ..."

ފައިސަލް ދެފަރާތަށް ބޯ ހޫރައިލުމާއެކު މާފަށް އެދިފައި ދެން ބުނެލި ވާހަކައިން ސަޖަލްގެ ފައިދަށުން ހީވީ ބިންގަނޑުވެސް ދެމިގެން ދިޔަހެންނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު